މި އަހަރު ޓްރެވަލް އެވޯޑަށް ނޮމިނޭޓް ކުރުމުގެ މުއްދަތެއްގެ ގޮތުގައި މަޓާޓޯއިން ކަނޑައަޅާފައިވަނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑްސް ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ގެސްޓުހައުސްތަކާއި ސަފާރީތަކާއި ރިސޯޓުތަކުގެ އިތުރުން ދާއިރާގެ އެހެނިހެން ހިދުމަތްތެރިންނަށެވެ.
މަޓާޓޯއިން ބުނެފައިވަނީ ގެސްޓު ހައުސްތަކުގެ ތެރެއިން އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކާއި ދެކުނު އަދި މާލެ ސަރަހައްދުގެ އެންމެ ރަނގަޅު ގެސްޓުހައުސް ހޮވާނެ ކަމަށެވެ. އެންމެ މަގުބޫލު ގެސްޓުހައުސް ހިންގާ ރަށާއި އެންމެ އީޖާދީ ގެސްޓް ހައުސް ކޮންސެޕްޓް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް މަޓާޓޯއިން ބުނެއެވެ. އޭގެ އިތުރުން އެންމެ މަގުބޫލު ޑައިވް އަދި ވޯޓާ ސްޕޯޓްސް ސެންޓަރާއި އެންމެ ރަނގަޅު ކާބޯތަކެތީގެ ހިދުމަތްދޭ ގެސްޓު ހައުސް ހޮވުމަށް ވަނީ ނިންމާފައެވެ.
ޓްރެވަލް އެވޯޑްސްގައި ގިނަ ކެޓަގަރީތަކަކުން އެންމެ މޮޅު ރިސޯޓު ވަކިވަކިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ މަގުބޫލު ފެމިލީ ފްރެންޑްލީ ރިސޯޓާއި އެންމެ ރަނގަޅު ޑައިވް އަދި ބީޗް ރިސޯޓު ހޮވާގޮތަށް ވަނީ ނިންމާފައެވެ.
މަޓާޓޯއިން ބުނެފައިވަނީ ޓްރެވަލް އެވޯޑްސްގައި ލީޑިން ބިޒްނަސް ހޮޓަލާއި އެއާޕޯޓް ހޮޓާ ހޮވައި އެވޯޑް ދޭނެ ކަމަށެވެ. އޭގެ އިތުރުން އެންމެ މަގުބޫލު އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އެއާލައިނާއި އެންމެ އަގުހެޔޮ އެއާލައިނަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މަޓާޓޯގެ ރައީސް ގިޔާސް ވިދާޅުވި ގޮތުގައި މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަކީ ރާއްޖޭގެ ޓޫރިޒަމަށް މަގުކޮށައިދިނުމަށް މަސައްކަތް ކުރި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެއް ކަމުގައެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ނޮމިނޭޝަންތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުން، އެވޯޑުތަކަށް ކުރިމަތިލީ ފަރާތްތަކަށް ވޯޓުލުމަށް އާންމުކޮށް ހުޅުވާލާނެއެވެ. އޮންލައިންކޮށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާނީ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މަޓާޓޯއިން ބުނެއެވެ.
މި އަހަރުގެ ޓްރެވަލް އެވޯޑްސްގެ ގާލާ ހަފުލާ ބޭއްވުމަށް ނިންމާފައިވަނީ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ.