ads
ޑިމޮކްރެޓްސްއާއި ޕީޕީއެމްއިން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ޑިމޮކްރެޓްސް
ދެން އުފެދޭނީ ކޮން ފިކުރެއްބާ؟
ދިވެހީންނަކީ ފިސާރި ބައެކެވެ. ފިސާރި ސިޔާސީ ބައެކެވެ. ނިކަން ސިޔާސަވެސް ބައެކެވެ. ކުޑަކުޑަ އާބާދީއެއް އޮތް ނަމަވެސް، އަހަރެމެންގެ މިރާއްޖެއަކީ، ނިސްބަތުން މުޅި ދުނިޔޭގައި ވެސް ސިޔާސީ މީހުން އެންމެ ގިނަ އަދި ސިޔާސީ ޕާޓީތައްވެސް ގިނަ ގައުމޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. އެކަން، ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަޔާތުގައި މި ވޭތުވެ ދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ވަރަށް ރަނގަޅަށް ދިވެހީން ތަޖްރިބާކޮށްފިއެވެ. ސިޔާސީ ގޮތުން ތަފާތު ފިކުރުތައް އުފެދި، ތަފާތު ނަންނަމުގައި ޕާޓީތައް ރަޖިސްޓްރީކޮށް، ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެފިކުރު މިފިކުރަށްވެ، މެންބަރުން ހަމަނުވުމުގެ ސަބަބުން ޕާޓީތައް އުވާލައި އެތަކެއް ސަކަރާތްތަކެއް ޖަހައިފިއެވެ. އަދި ވެސް މިކަންކަން ހަމަ މިފާހަގަކުރި މަގުން ކުރިއަށް ދަނީއެވެ.

މިރާއްޖޭގައިވެސް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އަންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް ސިޔާސީ މޫސުން އާދަޔާ ހިލާފަށް ގޯސްވެއެވެ. މިހާރު މިއޮތީ އެ ދުވަސްވަރު ލައިގަނެފައެވެ. މޫސުމާ ގުޅުވައިގެން ދިވެހީން ބުނެއުޅޭ "ޖޫންޖުލައި"ގެ ގަދަ ކޮޅިގަނޑު، ސިޔާސީގޮތުންވެސް މިދުވަސްވަރު މިވަނީ ދިވެހީންނާ ކުރިމަތިވެފައެވެ. ސިޔާސީ އޮޑިތަށް މިސްރާބު ހިފާފައި ވަނީ، ސަލާމަތީ އައްސޭރިއަށް ބަނދަރުކުރުމަށެވެ. އެގޮތުން، ކުރިން ތަފާތުވި ފިކުރުތައް މަސްހުނިވެ، ކުރީން އެކުގައިވީ ފިކުރުތައް ކަނޑިއާ ކަނޑިވެ އެބަޔަކަށް އެންމެ ފަހިގޮތް ހިޔާރުކޮށް، ހަނގުރާމައަށް ނަޣަރާޖަހައި އެކަން އިއުލާނުވެސްކޮށްފިއެވެ.

މިހާރު ރާއްޖޭގައި އޮތް ރައީސް އިބްރާހީމް މުހައަމަދު ސޯލިހުގެ އިއްތިހާދީ ސަރުކާރު، ނުވަތަ މައި ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން އުފެއްދި ވަރުގަދަ ކޯލިޝަން ސަރުކާރު މިވަނީ ބައިބައިވެ ވިއްސި ވިހާލިވެފައެވެ. ސަރުކާރުތެރޭން ބުނާގޮތުން ސަރުކާރު ހިންގާ މައި ޕާޓީ އަދިވެސް އޮތީ ވަރުގަދަކޮށް އެތެރޭގައެވެ. ބީވެގެން ދިޔައީ، ރައީސް ސޯލިހު ދަތުރުކުރައްވާ މިސްރާބާއި، ގެންގުޅުއްވާ އުސޫލުތައް ގަބޫލުނުކުރާ ޕާޓީތަކެވެ. އަދި ހަމަ އެހެންމެ، އެމަނިކުފާނުގެ އަމިއްލަ ޕާޓީ، އެމްޑީޕީގެ ތެރޭން ވަކިވެގަތް ފިކުރުގެ ފަރާތްތަކެވެ.

އެމްޑީޕީގެ މައި ދެ ތަނބުކަމަށްވާ، ކުރީގެ ރައީސް ނަޝީދާއި މިހާރުގެ ރައީސް ސޯލިހާ ދެބޭފުޅުންގެ ދެމެދުގައި ވެރިކަމުގެ ބާރާ ހެދި ތަޅާފޮޅަން ފެށުނު ހިސާބުން، ކުޑައިރުއްސުރެ އެކުގައި "އެއްތަށިން ކައިބޮއި ހެދި" ދެ މިތުރުން ހަތުރުންނަށްވީއެވެ. ދެބޭފުޅުން އެކަކު އަނެކަކަށް ވަގަށްގޮވާ ހިސާބަށް ދިޔައީއެވެ. އެންމެ ފަހުން، ރައީސް ނަޝީދަށް ވަފާތެރި ފަރާތްތަކުން "ފިކުރެއްގެ ދިރުން" ކަމަށް ބުނެ، އެމްޑީޕީ ތެރޭގައި އޮތް ރައީސް ނަޝީދުގެ ފިކުރާއެކު ޕާޓީން ބޭރުވެ، އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް ފެށީއެވެ. މިއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހިނގައިދިޔަ ބޮޑެތި ކަންތައްތަކުގެ ތެރޭން މަދު މިންވަރެކެވެ.

ވޭތުވެތިޔަ މާޒީގައި ރާއްޖޭގެ ސިޔާސީ މައިދާނުން ވަރުގަދަކޮށް ފެނިގެން ދިޔައީ ދެ ފިކުރެކެވެ. ސިޔާސީ ބަހުރުވައިން ނަމަ، "ގައުމީ ފިކުރު" އަދި "ލާދީނީ ފިކުރު" އެވެ. މިދެ ފިކުރުގެ ތެރޭން، ޤައުމީ ފިކުރުކަމަށް ދައުވާ ކުރަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލުޤައްޔޫމްގެ ޕީޕީއެމް/ޕީއެންސީ ތަމްޘީލްކުރާ ފަރާތްތަކެވެ. އަދި ލާދީނީ ފިކުރު އަމާޒުކުރެވެނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އެމްޑީޕީގެ ފިކުރަށެވެ.

ރައީސް ޔާމީނުގެ ސަޕޯޓަރުން ދައުވާކުރާގޮތުން އެއީ، ސީދާ ޤައުމީ ފިކުރެވެ. ދިވެހީންގެ ދީނާއި މިނިވަންކަން ހިމާޔާތްކުރެވޭނީ އެ ފިކުރަށެވެ. ދިވެހީންގެ ތަރައްގީއާ ރައްޔިތުންގެ ޖީބުތަކުގެ މުއްސަނދިކަން ގުޅިފައިވަނީ، ސީދާ ރައީސް ޔާމީނުގެ ފިކުރާއެވެ. އަދި މިހާތަނަށް، އެމްޑީޕީގެ ފިކުރާ ދެކޮޅު މިދެންނެވި ފަރާތްތަކުން ތުހުމަތުކުރާގޮތުން ރައީސް ނަޝީދުގެ އެމްޑީޕީ ފިކުރަކީ ފެށުނީއްސުރެވެސް، ދިވެހީންގެ ދީނާ އަގީދާއާ ވަރަށް ބީރައްޓެހި ފިކުރެކެވެ. އެއީ ވިލާތުގެ އޭޖެންޓުންނެވެ. ދިވެހީންގެ ދީނާއި ސަގާފަތް ފުރޮޅައިލާން ހުޅަނގުން ފައްކާކުރި ހަތިޔާރެކެވެ. އަދި ދިވެހީންގެ އިޖްތިމާޢީ ފޭރާން ވީދައި ކުދިކުދި ކޮށްލުމުގެ ފުރިހަމަ ޒިންމާ ނަގާންޖެހޭ ފިކުރެވެ.

ރައީސް ނަޝީދުގެ އިސްތަށިފުޅުގައި "ލާދީނީ ތާކިހާ އަޅުވަނީ" އިދިކޮޅުން އެކަންޏެއް ނޫނެވެ. އެމްޑީޕީން އެމަނިކުފާނު ވަކިވެވަޑައިގަތުމާއެކު، އެ ޕާޓީތެރޭންވެސް މިވަނީ އެމަނިކުފާނަށް، ދީނާ ސަގާފަތާ ގުޅުވައިގެން ހަލަމާތައް އަމާޒުކުރާން ފަށައިފައެވެ. "ދިވެހީންގެ ދީނާއި ޘަޤާފަތަށް ގޮންޖަހާން ބޭނުންކުރާ ހަތިޔާރަކަށް ދެނެއް އެމްޑީޕީ ނުހެދޭ" ކަމަށް ބުނާން ފަށައިފިއެވެ. ޕާޓީއަށް 18 އަހަރު ފުރި، ބޮޑުވެ ތަސައްރަފު ފުދުނުތަނާހެން، ޕާޓީ ދޫކޮށްލެއްވި "ރޫޙާނީ ލީޑަރު"ގެ ވަކިތަކުން އެމްޑީޕީ މިންޖުވެއްޖެއޭ ގޮވާން ފަށައިފިއެވެ. މިހާރު ޕާޓީ ސާފު ތާހިރުވީކަމަށްވެސް ބުނަން ފަށައިފިއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިޔާސީ މައިދާނަށް ބޮޑެތި ލޮޅުންތައް އަރައި، މިތުރުން ހަތުރުންނަށްވެ، ހަތުރުން މިތުރުންނަށްވެއްޖެއެވެ. ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި އާ ސަފްހާތަކެއް ފެއްޓެވީއެވެ. އެމަނިކުފާނުގެ ވާދަވެރިޔާ ރައީސް ޔާމީނު އޮންނެވީ ޖަލުގައެވެ. ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު، ދެ ބޭފުޅުންނަށްވެސް ވަނީ، ރޭހުގައި ވާދަކުރައްވާނޭކަން ޢިއުލާނުކުރައްވައިފައެވެ. ނަމަވެސް ދަތުރުގެ ރާސްތާ، މިއިން އެއްވެސް ބޭފުޅަކަށް އަދި މާކަ އަމާނެއް ނޫނެވެ. އެހެންކަމުން ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް، ރައީސް ޔާމީނާއި ރައީސް ނަޝީދުގެ ބައިވެރީން މިވަނީ ބައިއަތު ހިފައިފެއެވެ. 

ސިޔާސީ މައިދާނުގައި، "ގައުމީ ފިކުރާއި ލާދީނީ ފިކުރުގެ ހަނގުރާމަ" ކުރިއަށް ދާތާ އަހަރުތަކެއް ވެއްޖެއެވެ. ރައީސް ނަޝީދާއެކު ސިޔާސީ އެއްވެސް މަސައްކަތެއް ނުކުރާނޭކަމަށް، މީގެ ކުރީން ވަރަށް ސާފު ޢިބާރާތުން ރައީސް ޔާމީންގެ ގައުމީ ފިކުރުގެ އިސްބޭފުޅުން ބުނެފައިވެއެވެ. ނަމަވެސް، މިއަދު ރާގު ބަދަލުވެއްޖެއެވެ. ތެލާ ފެނާ އެކު ނުވާނޭކަން އެނގޭ ހިނދުވެސް، "ގައުމީ ފިކުރާ، ލާދީނީ ފިކުރު" އެއް އޮޑިއަކަށް އަރައިފިއެވެ. ސޯލިހުގެ ވެރިކަން ނިންމަން، ކުރާން ޖެހުނު ކޮންމެ ކަމެއް ކުރާން ދަތުރު ފަށައިފިއެވެ.

ސުވާލަކީ، މި ދެފިކުރަށް އެކީގައި ދަތުރު ކުރެވިދާނޭ ބާވައެވެ؟ ދަތުރު ނުކުރެވޭނެއޭ ބުނާކަށް ނެތީމެވެ. އެމްޑީޕީއާއެކު ރައީސް މައުމޫނުވެސް މަސައްކަތް ކުރެއްވީނޫންހެއްޔެވެ. އަދި އެމްޑީޕީގެ ފިކުރާއެކު އަދާލަތު ޕާޓީވެސް ކުރިއަށް ދަނީ ނޫންހެއްޔެވެ.  ނަމަވެސް، ކަންބޮޑުވުން އޮތީއެވެ. އެހެނީ، ލާދީނީ ފިކުރާއި ގައުމީ ފިކުރު މަސްހުނި ވެއްޖެ ނަމަ، ދެން އުފެދޭނީ ކޮން ފިކުރެއްބާވައޭ؟ މިއީ އުފެދޭ ވަރުގަދަ ސުވާލެއް ނޫން ހެއްޔެވެ. މި ދާގޮތަށް ދާނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މުޅިން އާ ފިކުރެއް ވުޖޫދު ނުވާނެބާއެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް