ނ. މާފަރުން "ބުޅަލަލަށް ވުރެބޮޑު ޖަނަވާރެއް" ފެނިގެން ސިފައިން މިވަގުތު އެރަށުގައި އެ "ބޮޑު ބުޅާ" ހޯދަމުން އަންނައިރު، މީގެ 200 ވަރަކަށް އަހަރު ކުރިން 'ބޮޑެތި ބުޅާތަކެއް ފެނި' ގދ. ގަން ފަޅުވިކަމަށް ދެކެވޭ ވާހަކަތައް އަލުން ހަނަދާން އާކޮށްލުން މުހިންމެވެ.

Advertisement
ގަން ފަޅުވުމުގެ ކުރިން އެ ރަށަކީ އާބާދީ ރަނގަޅު ވިޔަފާރިވެރިންގެ ގިނަ ރަށެވެ. އެ ރަށު މީހުން އަމިއްލަށް ރާޖެއަށް ބޭރަށް ދަތުރުކުރާ ކަމަށާއި، އެމީހުންނަކީ "ތަނަވަސް ބައެއް" ކަމަށް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.
"ގަން ފަޅުވި ގޮތާމެދު ގދ. ގައްދޫ އާއި އަތޮޅުގެ އެހެން ރަަށްރަށުގައި ދެކެވޭ ވާހަކައެއް އޮވޭ. އެއީވެސް ހައިރާންކުރަނިި ވާހަކައެއް. އެވާހަކައަކީ ގަން ފަޅުވީ އެއްރެއްގެ ދަންވަރު ބޮޑެތި ބުޅާތަކެއް ރަށަށް އެރުމާއެކު ރަށުތެރެއަށް ފެތުރިގެން ދިޔަ. އިރުއެރުމުގެ ކުރިން އެ ބުޅާތައް ރަށުގެ އަނެއް ފަރާތުން ފައިބައިގެން ދިޔައިރު ރަށުގައި ދިރިހުރި އެކަކުވެސް ނެތް. މަރުވެފައިވާ މީހެއްގެ ހަށިގަނޑުވެސް ފެންނާކަމަށް ނެތް. ސަލާމަތްވީ އެންމެ މީހެއް. އޭނާ ހުރީ ދަތުރުވަރިއެއްގައި މާލެ ގޮސް،" ގަން ފަޅުވި ގޮތާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ދިރާސާ ކުރައްވައި "ފަތް ތޫރަ" އިގެ 158 ވަނަ މަޖައްލާގައި މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވެއެވެ.
ގަން ފަޅުވުމަށްފަހު އެރަށް ދޫކޮށްފައިވަނީ ވަރުވާއަށެވެ. އެގޮތުން 1991 ވަނަ އަހަރު ގަމާއި ހަވާލުވެ ހުންނެވި ރަށްވެރިއާ ހަސަން ހުސައިން މަނިކާއި ހަވާލާ ދީ ލުތުފީ ލިޔުއްވާފައިވާ ގޮތުން 1975 ވަނަ އަހަރާއި ހަަމައަށް ވެސް ގަމަށް ބުޅާ ގެންދިއުން ދައުލަތުން އޮތީ މަނާކޮށްފައެެވެ.
"ބުޅާ ގެންގޮސްފިނަމަ ރަށުގައި 'ދަރަ ހިލި' ރަށް ނާމާންވޭ. ރޭގަނޑު އުދުހޭ އަލުގުޅައާ ރަށުގެ އަތިރިމަތީގައި ކޮޅުކޮޅަށް ހަރަކާތްތެރިވެ ކުޑަވެބޮޑުވާ އަލި ގަނޑު ފެނޭ. ގަމުގައި ދަނޑުވެރިކަން ކުރަން ގޮސް ތިބޭ މީހުންނަށް ރަށުތެރޭން ނާމާން އަޑު އިވިމާއި އަންހެނުންގެ ސިފައިގައި ތިބޭ "ކަޅުހަނޑި" ފެނޭ،" ބައެއް މީހުންނާއި ކުރި އިންޓަވިއުއަށްފަހު ލިތުފީ ލިއުއްވާފައިވެއެވެ.
ގަން އަމާން ކުރުމަށް ޓަކައި، އައްޑު އަތޮޅު މީދޫ ކުޑަރަން މުހައްމަދު މަނިކުފާނު ވަޑައިގެން، މައިތިރިއެއް ކިޔަވައި، އެރަށް މިހާރު އަމާންކޮށްފައިވާކަމަށް 1991 ވަނަ އަހަރު އެރަށުގެ ގޮޔާއި ހަވާލުވެ ހުންނެވި ހަސަން ހުސައިން މަނިކު ވަނީ ވިދާޅުވެފައެެވެ.