މިއަދު ކުރެވުނު އީދު ނަމާދުގެ ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނުގައި އީދު ފާހަގަ ކުރުމަކީ ޝަހުވަތުގެ ފަހަތުން ދުވުމެއް ނޫންކަމަށާއި އީދަކީ ﷲގެ ހައްދުތަކާއި ހުރުމަތްތައް ގިރާކުރުމަށް ހުޅުވާލެވޭ ދޮރެއްވެސް ނޫން ކަމަށެވެ.
އިސްލާމް ދީނުގައި އީދު ތަކަކީ ﷲގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމާއި ވިދިގެން އަންނަ ދުވަސްތަކެއް ކަމަށާއި އެގޮތުން އަލްހާއީދު ގުޅިގެން އަންނަނީ ހައްޖުގެ އަޅުކަމާއި ކަމަށްވާއިރު އެއީ ޒަމާންތަކާއިއެކު ތާއަބަދަށް ދެމިގެން ދަނިވި ޒިކުރާތަކާއި ގުޅިފައިވާ އީދެއްކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.
މީގެއިތުރުން އީދު ދުވަހަކީ ގުރުބާން ކުރުމުގެ ދުވަސްކަން ބަޔާންކޮށް އިބްރާހީމްގެ ފާނާއި އިސްމާއީލްގެ ފާނާއި ގުޅިފައިވާ ގުބުބާންގެ ހާދިސާ މިއަދުގެ ހުތުބާގައި ގެނެސްދީފައި ވެއެވެ.
މީގެއިތުރުން އީދު ދުވަސް އުފާވެރި ދުވަހެއްކަމަށް ހެދުމަށާއި އެކަކު އަނެކަކަށް ހިތްހެޔޮ ކުރުމުގެ ދުވަސްތަކަކަށް ހެދުމަށާއި އެއްބަޔަކު އަނެއްބަޔަކަށް އަތާ އަތް ޖޯޑުކޮށް ސަލާންގަލާންކުރާ ދުވަހަކަށް ހެދުމަށް މިއަދުގެ ހުތުބާގައިވަނީ ގޮވާލާފައެވެ.
އިސްލާމީ އީދަކީ އެކަނިވެރިޔާ އޭނާގެ އާއިލާގެ މަތިންނާއި ފަގީރުމީހާ އޭނާގެ މުހުތާދުގެ މަތިންނާއި ބީރަށްޓެހި މީހާ އޭނާގެ ރަހުމަތްތެރިންގެ މަތިންނާއި ބިދޭސީ މީހާ އޭނާގެ ގައުމުގެ މަތިންނާއި ޔަތީމުކުއްޖާ އޭނާގެ މައިން ބަފައިންގެ މަތިން ހަނދާންކޮށްދޭ ދުވަހެއް ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.
އެހެންކަމުން މިއަދަކީ މިހުރިހާ އެންމެންވެސް މާތް ﷲ ހަމުމަކުރަންވީ ދުވަސްކަމަށާއި އެކަލާންގެއީ ހުރިހާ ބާރުތަކަށްވުރެ ގަދަފަދަ އަޒީޒުވަންތަ ކަލާންގެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.