ads
މަހާސަމާ ހިންނަވަރު ބޮޑު އީދު ކާނިވަލުގައި ބައިވެރިވުމަށް މުހައްމަދު ފާއިޒު ރާއްޖެއަށް އައުން - ފޮޓޯ:ހިންނަވަރު ކައުންސިލް
މަހާސަމާ: ހިންނަވަރުގައި ބޮޑު އީދު، ބޮޑުކޮށް ފާހަގަކުރަނީ
މި އަހަރުގެ ބޮޑު އީދަށް ބޮޑުކޮށް ތައްޔާރުވެ، ބޮޑު އީދުގެ ހަރަކާތްތައް ހިންނަވަރުގައި ފަށައިފިއެވެ.

މަހާސަމާ ހިންނަވަރު ބޮޑު އީދު 1444 އާ ގުޅޭގޮތުން ހިންނަވަރު ކައުންސިލުގެ ރައީސް ހަސަން ޝާފިއު "ސީއެންއެމް" އަށް ވިދާޅުވީ އީދުގެ ހަތަރު ދުވަހަށް ތާވަލުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.
ހިންނަވަރުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައިވަނީ އެ ރަށު މަސްޖިދުލް އަންޞާރުގައެވެ. އީދު ނަމާދަށްފަހު ރައްޔިތުންނަށް އީދު ސައި ދީފައިވަނީ އެ މިސްކިތް ކުރިމަތީ ހުރަސް މަގުގައެވެ.
އީދު ސަޔަށްފަހު ކުލަ ފޯރި (ކަލަރަން) ހިންނަވަރުގެ ރީތި ބީޗްގައި ވަނީ ބާއްވާފައެވެ. ކުލަ ފޯރިއަށް ފަހު މޫދު ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ކުޅިވަރުތައްވެސް ކުރިއަށް ގެންގޮސްފައިވަނީ އެ ރަށު ރީތި ބީޗްގައެވެ.


ހިންނަވަރު ކައުންސިލުގެ ރައީސް ވިދާޅުވީ އީދުގެ ހަތަރު ދުވަހުގެ ދުވާލު ގަޑީގައި ކުރިއަށް ދާނީ އެކިއެކި ކުޅިވަރުތައް ކަމަށެވެ. އެގޮތުން ފައިގަތަޅާ އަދި ވާދެމުން ފަދަ ކުޅިވަރުތައް، ކުޅިވަރު ފޯރި - އަރުވަ މުބާރާތުގައި ކުރިއަށް ގެންދާނެ ކަމަށް ޝާފިއު ވިދާޅުވިއެވެ. އަރުވަ މުބާރާތުގައި ކުޅިވަރުތައް ކުރިއަށް ގެންދާނީ އީދުގެ ހަތަރު ދުވަހުގެ ހެނދުނު، މެންދުރު އަދި ހަވީރަށް ތާވަލުކޮށްގެން ރަށުގެ ރީތި ބީޗުގައެވެ.
ޝާފިއު ވިދާޅުވި ގޮތުގައި އީދު ދުވަސްތަކުގެ ހަވީރު ކުޑަކުދިންގެ ހަވީރާއި ސަގާފީ ހަރަކާތްތައް ދައްކާލުން އޮންނާނެ ކަމުގައެވެ. ރަށުގެ އެކި ހިސާބުތަކުގައި ސަގާފީ ނެށުން އަދި މާލި ޕެރޭޑް އޮންނާނީ މާދަމާ ހަވީރުއެވެ. ސަގާފީ ނެށުމާއި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ނިންމާފައިވަނީ ހުކުރު ދުވަހު ހަވީރެވެ.

"ރޭގަނޑު ގަޑީގައި ކޮންމެ ރެއަކުވެސް އޮންނާނެ ޝޯ. މި ފަހަރު އަޅުގަނޑުމެން މި ޝޯ ބާއްވަނީ ކާނިވަލް ސްޓައިލްއަށް. ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ސްޓޯލް ހަދައި ވިޔަފާރި ކުރެވޭ ގޮތަށް. އެކިއެކި ކުޅިވަރުތައްވެސް އެ ސްޓޯލުގައި ހެދޭނެ،" - ހިންނަވަރު ކައުންސިލުގެ ރައީސް ހަސަން ޝާފިއު

ހިންނަވަރު އިޖުތިމާއީ މަރުކަޒުގެ އިރުމަތިން އޮތް ސަރަހައްދުގައި ބާއްވާ ކާނިވާ ޝޯ އޮންނާނީ ޖޫން 28، 29 އަދި 30 ވަނަ ދުވަހުގެ ރެއެވެ. ކޮންމެ ރެއެއްގެވެސް ޝޯ ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 ގައެވެ. ޝާފިއު ވިދާޅުވެފައިވަނީ ބޮޑު އީދު ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އެ ރަށުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަވާއެރުވުމަށް ނިންމާފައިވަނީ ހުކުރު ދުވަހުގެ ރެއެވެ.
ކާނިވާގެ ގޮތުގައި ބާއްވާ ޝޯތަކުގައި ރާއްޖެ އާއި ރާއްޖޭން ބޭރުން ފާހަގަކޮށްލެވޭ ފަންނާނުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޝާފިއު ވިދާޅުވިއެވެ. ޝާފިއު ވިދާޅުވެފައިވަނީ ކާނިވަލަށް އިންޑިއާއިން މުހައްމަދު ފާއިޒާއި ޝަންމުކްހަ ޕްރިޔާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މުހައްމަދު ފާއިޒަކީ ސުޕަސްޓާ ސިންގާގެ ދެވަނަ މުބާރާތް ކާމިޔާބު ކޮށްފައިވާ ކުޅަދާނަ ލަވަކިއުންތެރިއެކެވެ. ކާނިވަލުގައި ބައިވެރިވާ އިތުރު ފަންނާނުންގެ ތެރޭގައި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)، އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ)، ރިޒޫ، އަޝްރާ އާއި ކޮޕްސް ބޭންޑް، ރޯސް މޮޓިފް އަދި މޯލްޑިިވިއަން އައިޑޮލްގެ ތަރި ޝަހުދާން އެންޑް ބޭންޑް ހިމެނެއެވެ. އޭގެ އިތުރުން މަނަދޫ ހިޔަލަ ޑާންސް ގުރޫޕުން ކާނިވަލުގައި ބައިވެރިވާނެއެވެ. ޝޯ ކުރިއަށްދާއިރު ރަށުގެ ރައްޔިތުންގެ ފަރާތުން އައިޓަމެއް ގެނެސްދޭން ބޭނުންވާ ނަމަ އެ ފުރުސަތު ދޭނެ ކަމަށް ޝާފިއު ވިދާޅުވިއެވެ.

ޝާފިއު ވަނީ އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހިންނަވަރުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވާފައެވެ. ޝާފިއު ވިދާޅުވި ގޮތުގައި ޖަމިއްޔާ ޖަމާއަތްތަކުން އަދި ވަކި ވަކި ފަރުދުންވެސް ކަންކަމުގައި އެއްބާރުލުންދޭ ކަމުގައެވެ.

"ހުރިހާ ބޭފުޅުންވެސް، ޖަމިއްޔާ ޖަމާއަތްތަކުންވެސް ވަކިވަކި ރައްޔިތުންވެސް ހަމަ ވަރަށް އެއްބާރުލުންދޭ. އަމިއްލައަށް އިސްނަގައިގެން އައިސް އެބައުޅޭ. އަމިއްލަ ކަންކަން ހުށަހަޅަންވެސް އެބަ ހުށަހަޅާ. ތިމަންމެން މިކަން ކޮށްލަން ބޭނުމޭ. އަޅުގަނޑުމެން އެބަ ފުރިހަމަ އެއްބާރުލުން ދެން. އެކަން ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުން،" ހިންނަވަރު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.


ހިންނަވަރު ކައުންސިލުން މަހާސަމާ ހިންނަވަރު ބޮޑު އީދު 1444 ކުރިއަށް ގެންދަނީ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އެސްޓީއޯ، ސްޓެލްކޯ، އެފްއެސްއެމް، އެމްޓީސީސީ، ވެމްކޯ، އެމްޑަބްލިއުއެސްސީ އަދި ދޮންބެޒް އާ ގުޅިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް