
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދައްކަން ޖެހެނީ 7.7 ބިލިއަން ރުފިޔާއެވެ. އެމްއޭސީއެލުން ދައުލަތަށް ދައްކަން ޖެހޭ އަދަދު ބޮޑުވެފައިވަނީ އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ ޕްރޮޖެކްޓަށް ނަގާފައިވާ ލޯނުތަކުގެ ސަބަބުންނެވެ. އާބަންކޯއިން ހައުސިންގެ އެކި މަޝްރޫއުތަކަށް ނެގި ލޯނުތައް އިތުރުވުމުގެ ސަބަބުން އެ ކޯޕަރޭޝަނުން ދައުލަތަށް 1.2 ބިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން ސަރުކާރަށް 440 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. ދައުލަތުން 388 މިލިއަން ރުފިޔާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ދޫކޮށްފައިވާއިރު އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އަށް 327 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދައުލަތަށް 140 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް 90 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވަނީ 26 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
އެސްއޯއީތަކަށް ދޭ ލޯނުތަކުގެ އަދަދު އިތުރުވަމުންދާއިރު، ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 108 ބިލިއަން ރުފިޔާގައެވެ. ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުގެ އަދަދު ހުރީ 16 ބިލިއަން ރުފިޔާގައެވެ. ދައުލަތުގެ ދަރަނި ހުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 113 އިންސައްތައިގައެވެ. މިއީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ގައުމުތަކުގެ ދަރަނި ހުންނަން ޖެހޭ މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ގާތްގަނޑަކަށް 50 އިންސައްތަ އިތުރު އަދަދެކެވެ.