ads
ސްޕެޝަލް އޮލިމްޕިކްސް ޓީމާއެކު ރައީސް
ދިވެހި ސްޕެޝަލް އޮލިމްޕިކްސް ޓީމަށް ހޫނު މަރުހަބާއެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، "ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ބައިވެރިވެ ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމުގެ އެތުލީޓުންނާ އެފަރާތްތަކުގެ ބެލެނިވެރިންނާއި އަދި ޑެލިގޭޝަނުގެ މެންބަރުންނާއި ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޖޫން 17 އިން 25 އަށް ޖަރުމަނުވިލާތުގެ ބާރލިންގައި ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ރާއްޖޭގެ ޓީމުން ވަނީ 2 ރަންމެޑަލްއާ 1 ލޯ މެޑެލް ހޯދާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބައިނަލްއަގްވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ އެތުލީޓުން ވަރަށް ފުރިހަމަ ކާމިޔާބީއެއް ހާސިލުކޮށްފައިވާތީ އެކަން ފާހަގަކުރައްވައި މި ކާމިޔާބީ ހޯދުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކާއި އަދި ހާއްސަކޮށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްއާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ބާކީނުކޮށް ހުރިހާކަމެއްގައި ޝާމިލުކޮށްގެން ކުރިޔަށްދިއުންކަމާއި ކުޅިވަރުގެ ދާއިރާގައިވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެއީކަން ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދަވާފައި ވަނީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކުން ކުޅިވަރުގައި ބައިވެރިވުމަށް ފުރުޞަތުތައް ފަހިކޮށްދެއްވުމަށްކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުން ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޖަރުމަނުގެ ބާލިންގައި ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ދުނިޔޭގެ އެތައް ޤައުމަކުން 6500އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެ ވާދަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް