ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އޭއައިއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ސ. ފޭދޫ، ނޫކޮކާ ޝާތިފް އަލީ، މިދިޔަ މަހުގެ 22 ވަނަ ދުވަހު އައްޔަންކޮށްފައިވާކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ބަޔާނުގައި ޕީސީބީން ބުނެފައިވަނީ އޭއައިއޭގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ޝާތިފް އަލީ އައްޔަންކުރައްވާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.
ޕީސީބީން ބުނެފައިވަނީ ޝާތިފްއަށް އޭއައިއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް އައްޔަނުކުރިކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގައި ކަމަށެވެ. އެ ރަސްމިއްޔާތުގައި ޝާތިފް މަގާމަށް އައްޔަނުކުރިކަމުގެ ލިޔުން ހަވާލުކުރެއްވީ ޕީސީބީގެ ރައީސް އާސިމް މުހައްމަދު ކަމަށް އެ ބޯޑުން ބުނެއެވެ.
އެ ރަސްމިއްޔާތުގައި ޕީސީބީން ވަނީ އެ ބޯޑުގެ ގާނޫނާއި ކޯޕަރޭޓް ގަވަނަންސް ކޯޑާ ގުޅޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާ، އެ ބޯޑުން ކުރިއަށް ގެންދިޔަ އޭއައިއޭގެ ފައިނޭންޝަލް އަދި ގަވަނަންސް ރިވިއުތަކުން ފާހަގަވެފައިވާ ކަންކަން ހިއްސާކޮށް އެކަންކަން އިސްލާހުކޮށް ދެއްވުމަށް އެދިވަޑައިގަންނަވާފައި ކަމަށް ޕީސީބީން ބުނެއެވެ.
ޕީސީބީން ބުނީ އޭއައިއޭ ހިންގުމުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އޭއައިއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް އައްޔަނުކުރެއްވި ޝާތިފް އަލީއަކީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީން މާސްޓާ އޮފް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށް ޕީސީބީން ބުނެއެވެ.
ޕީސީބީން ބުނި ގޮތުގައި ޝާތިފް ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ ޑީންގެ މަގާމާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ބިޒްނަސް ޑިވެލޮޮޕްމަންޓް އެންޑް މާކެޓިން ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރައްވާފައި ކަމުގައެވެ. ޝާތިފް މިހާރު ހުންނެވީ ވެމްކޯގެ ސަދަން އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ކަމަށް ޕީސީބީން ބުނެއެވެ.