ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް ގައްސާން އަބުދުﷲ ވިދާޅުވީ އިހުތިޖާޖު ކުރުމަށް އެރަށުގެ ގިނަ އަދަދެއްގެ ދެ ޖިންސުގެ ބޭފުޅުންވެސް ކައުންސިލްދޮށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ގައްސާން ވިދާޅުވީ ރައްޔިތުން ނުކުމެ ކައުންސިލްގެ މަސައްކަތްތައް ހުއްޓުވާފައިވާ ކަމަށާއި، ރައްޔިތުންގެ ޝަކުވާއަކީ މިހާރުން މިހާރަށް އެރަށުގެ ބަނދަރުގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށެވެ.
ގަދަވަޔާއެކު އައި ބާރުގަދަ ކޮޅިގަނޑުގައި އެރަށު ބަނދަރުގައި އޮތް ލޯންޗެއް ބަންޑުން ޖަހާލާފައިވާއިރު ހަމަ އެބަނދަރުގައި އޮތް އެހެން ލޯންޗެއް ގަދަވުމުގެ ސަބަބުން ފަޅައިގެން ގޮސްފައިވެ އެވެ.
ދިއްދޫ ކައުންސިލް އިދާރާގައި ކުރިއަށްދާ އިހުތިޖާޖުގައި ރައްޔިތުންގެ ގިނަ ބަޔަކު ކައުންސިލް އިދާރާ ތެރޭގައި ހަރަކާތްތެރިވަމުން އަންނައިރު، ޝުޢޫރުތައް ދައްކުވައިދޭ ލިޔުންތައް ހިފައިގެން ރައްޔިތުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. އެގޮތުން ގެއަށްދާނީ ނަތީޖާއާއެކުގައިކަމަށާއި، ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން ބަނދަރު ނިންމައިދިނުމަށް ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ. މީގެ އިތުރުން ޕްލޭނިންގ މިނިސްޓަރ އަސްލަމަށް ނިސްބަތްކޮށް ލިޔެފައިވާ ބޯޑުތައްވެސް ބައެއް މީހުންގެ އަތުގައިއޮތެވެ.
ދިއްދޫ ބަނދަުގެ މައްސަލަ އަކީ ސަރުކާރުން ބަނދަރު ތަރައްގީ ކޮށްފައިވާއި، ބަނދަރުގެ ހުޅަނގު ފަރާތުން ނެރު ކަނޑާފައިވާ މައްސަލަ އެވެ. ދިއްދީޫ ކައުންސިލުންނާއި، ރައްޔިތުން ބޭނުންވަނީ ބަނދަރުގެ ނެރު އިރުމަތީ ފަރާތަށް ބަދަލުކުރުމަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ މި މައްސަލަ އާއި، ގުޅިގެން އެކި ފަހަރުގެ މަތިން ހައުސިން މިނިސްޓްރީ އާއި، ރައީސުލް ޖުމްހޫރިއްޔާ އާއިވެސް ކައުންސިލުން ބައްދަލުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އަދި މިކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.
ސަރުކާރުން 21 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ދިއްދޫގައި ބަދނދަރު ތަރއްގީކޮށްދީފައިވަނީ "ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏަކުންނެވެ.