ads
ސްކޮލާޝިޕްގެ ފުރުސަތު ލިބުނު ދަރިވަރުންތަކަކާ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވާހަކަދައްކަވަނީ - ފޮޓޯ:ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
ޕްރޮފެޝަނަލް އެކައުންޓެންޓްސް ތަމްރީނުކުރަން 202 ފަރާތަކަށް ސްކޮލާޝިޕްދީފި
ޕްރޮފެޝަނަލް އެކައުންޓެންޓްސް ތަމްރީނުކުރުމަށްޓަކައި 202 ފަރާތަކަށް ސަރުކާރުން މިއަދު ސްކޮލާޝިޕް ދީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އިއުލާނުކޮށްފިއެވެ.
Advertisement

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލާޝިޕް ސްކީމުގެ ދަށުން ހުޅުވާލި 200 ފުރުސަތަށް 322 ފަރާތަކުން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ޕަބްލިކް ކެޓަގަރީން 50 ކެންޑިޑޭޓުން ކޮލިފައިވެ، އޯޕަން ކެޓަގަރީއަށް 152 ކެންޑިޑޭޓުން ވަނީ ކޮލިފައިވެފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހަޔާ އެޑިއުކޭޝަނުން ބުނެފައިވަނީ މި ނަތީޖާ އާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ އީމެއިލް ([email protected]) އަށް އަންނަ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ހުށަހަޅަންވާނެ ކަމަށާއި ޝަކުވާ ހުށަހެޅުމަށް ލިބޭ މުއްދަތުގައި އެޕްލިކޭޝަނަށް އެއްވެސް އުނި އިތުރެއް ނުގެނެވޭނެ ކަމަށެވެ.

މިއީ މި ދާއިރާއިން ސްކޮލާޝިޕް ދިނުމަށް ހުޅުވާލި ދެވަނަ ފަހަރު ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ. އެ މިނިސްޓްރީން ބުނީ މިދިޔަ އަހަރު މި ސްކޮލާޝިޕް 173 ފަރާތަކަށް ދެވި، އޭގެތެރެއިން ގިނަ ދަރިވަރުން މިހާރު ކިޔަވަން ފަށާފައިވާ ކަމަށެވެ. މި ސްކޮލާޝިޕްތަކަކީ ދިވެހިންނަށް އަމާޒުކޮށްގެން އިއުލާނުކުރި ސްކޮލާޝިޕްތަކެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި ސްކޮލާޝިޕްގެ މައިގަނޑު މަގުސަދަކީ އެކައުންޓިންގެ ދާއިރާއިން ވަޒީފާގެ ބާޒާރުގައި ދިވެހިން ތަމްރީނުވުމަށް މަގުފަހިކޮށްދިނުން ކަމުގައެވެ. އެކައުންޓިންގެ ދާއިރާއަކީ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާތަކެއް ލިބެންހުރި ދާއިރާއެއްކަން ފާހަގަކޮށް ހަޔާ އެޑިއުކޭޝަނުން ބުނީ މިއީ ތަމްރީނުވެފައިވާ ފަރާތްތަކުން އަމިއްލަގޮތުން މަސައްކަތްކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދިދާނެ ދާއިރާއެއް ކަމަށެވެ.

ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް މި ސްކޮލާޝިޕްގެ އެހީގައި އޭސީސީއޭ އާއި ސީމާ ޕްރޮގްރާމް ފުރިހަމަކޮށްގެން ރަނގަޅު އާމްދަނީއެއް ލިބޭނެ މަގުފަހިކުރެވިގެންދާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ މި ދާއިރާއިން ތަމްރީން ލިބިފައިވާ ފަންނީ ދިވެހިން އުފެދި، ވަޒީފާގެ ބާޒާރަށް ނިކުތުމުން މި ދާއިރާގައި މިހާރު ބަރޯސާވާ ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ ކަމަށެވެ.

މި ސްކޮލާޝިޕްތަކަށް ހޮވޭ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކޮށް ޕްރޮފެޝަނަލް ޗާޓަޑް އެކައުންޓެންޓަކަށް ވުމަށްޓަކައި ދިނުމަށް ހަމަޖެހިފައިވާ ހަރަދުތަކަކީ:

  • ރަޖިސްޓްރީ ކުރުމުގެ ފީ / ރީ-ރަޖިސްޓްރޭޝަން ފީ
  • އެނުއަލް ސަބްސްކްރިޕްޝަން ފީ
  • އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ
  • އެގްޒާމް ފީ
  • އެޕްލިކޭޝަން ފީ
  • މެމްބަޝިޕް ފީ (ދެ އަހަރު ދުވަހުގެ ތެރޭގައި ދަރިވަރު ނިމޭ ކަމުގައި ވާނަމަ)
  • ބުކް އެލަވަންސް
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ
  • އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ހަރަދު

މި ސްކޮލާޝިޕަށް ހޮވުނު ފަރާތްތައް ދެ އަހަރުގެ މުއްދަތަަކަށް ރާއްޖޭގައި ހިދުމަތް ކުރުމަށް ޝަރުތުކުރެވޭނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ. ހަޔާ އެޑިއުކޭޝަނުން ބުނި ގޮތުގައި މި ސްކޮލާޝިޕަށް ހޮވުނު ފަރާތްތައް ބައިވެރިވާ ޕްރޮގްރާމް ފުރިހަމަކުރުމަށް ސްކޮލާޝިޕް އެވޯޑް ކުރެވޭ ތާރީހުން ފެށިގެން ދެވޭނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތެއް ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް