ހަނިމާދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ރަށުގެ ޓޫރިޒަމް ޒޯނުން ޓޫރިޒަމް ވިޔަފާރި ކުރުމަށް 10،000 (ދިހަހާސް އަކަފޫޓް) ގެ ހަތަރު ބިން 40 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށާއި 5،000 (ފަސްހާސް އަކަފޫޓް) ގެ އަށް ބިން 30 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
ދިހަހާސް އަކަފޫޓުގެ ހަތަރު ބިމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މި މަހުގެ 20 ވަނަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެއެވެ. އެ ކައުންސިލުން ބުނެފައިވަނީ މި ބިންތަކުގެ ބިޑު ހުޅުވުމަށް ބާއްވާ ބައްދަލުވުން އޮންނާނީ އަންނަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހުގެ 10:30 ގައި ކައުންސިލުގެ މީޓިން ރޫމުގައި ކަމަށެވެ.
ފަސްހާސް އަކަފޫޓުގެ އަށް ބިމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުން މި މަހުގެ 24 ވަނަ ދުވަހުގެ 10:30 ގައި ރަށު ކައުންސިލް އިދާރާގައި ބޭއްވުމަށް ނިންމާފައިވާ ކަމަށާއި މި ބިންތަކުގެ ބިޑު ހުޅުވުމަށް ބާއްވާ ބައްދަލުވުން އޮންނާނީ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ 10:30 ގައި ކައުންސިލުގެ މީޓިން ރޫމުގައި ކަމަށް ހަނިމާދޫ ކައުންސިލުން ބުނެއެވެ.
ހަނިމާދޫ ކައުންސިލުން ބުނި ގޮތުގައި މައުލޫމާތު ސާފުކުރުމަށް ނާންނަ ފަރާތްތަކުގެ ބިޑުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ ބިޑުތައް ހުށަހެޅުމުގެ ފުރުސަތު ނުދޭނެ ކަމުގައެވެ.