ads
ޖިންސީ އަނިޔާ ދައްކުވައިދޭ ޕޯސްޓެއް-----
ގާޒީގެ އިސްނެގުމަށް ދޫކޮށްލި ދޮންދަރިއާބެހެނު މީހާގެ މައްސަލަ ހައިކޯޓަށް
ތަހުގީގަށް ބަންދުކޮށްފައި ހުރި މުއްދަތު އިތުރު ކުރިއިރު އިޖުރާއީ ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، މައްސަލަ ބަލާ ގާޒީ އިސްވެ ނެންގެވި ނުކުތާތަކަކަށް ރިއާޔަތްކޮށް ދޮންދަރިއާ ބެހުނު މީހަކު ދެކުނުގެ ރަށެއްގެ ގާޒީއަކު ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ކުޑަ ކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަ ކުއްޖާއާ ޖިންސީ އަމަލެއް ހިންގިކަމަށް ދައުލަތުން ދައުވާ ކުރި މި މައްސަލަ، ދެކުނުގެ ރަށެއްގެ މެޖިސްޓްރޭޓް ބޭރުކޮށްލީ، ތުހުމަތު ކުރެވޭ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމުގައި އިޖުރާއީ ގޮތުން ހަދާފައިވާ ގޯހެއް އޮތް ކަމަށް ބުނެއެވެ. މި ހާދިސާއަކީ، 2021 ވަނަ އަހަރު، އެކި ފަހަރު މަތިން އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކާ، އެ ކުއްޖާގެ ދޮން ބައްޕަ ބެހުނު މައްސަލައެކެވެ. މައްސަލަ ބެލޭނެ ތަނެއް ނެތް ކަމަށް ނިންމައި ގާޒީގެ އިސް ނެގުމަކަށް މި މައްސަލަ ކޯޓުން ބޭރުކޮށްލީ، މިދިޔަ އޭޕްރީލް މަހުއެވެ.

މި މައްސަލައިގެ ޝަރީއަތުގައި ފުލުހުންނާއި ޑޮކްޓަރުން އަދި ޖެންޑާ މިނިސްޓްރީގެ ކަމާބެހޭ އޮފިޝަލުން ހެކިބަސްދީފައިވަނިކޮށް މައްސަލަ ބަލާ ގާޒީ މައްސަލަ ބޭރުކޮށްލީ، ބަންދު މުއްދަތު އިތުރު ކުރުމުގައި އިޖުރާއީ ގޮތުން ގޯހެއް ހަދާފައި އޮތް ކަމަށް ބުނެއެވެ.

ދޮންބައްޕަވަނީ އެކި ފަހަރު މަތިން އެ ކުއްޖާއާ ބެހިފައި. އެކަން ޝަރީއަތުގައި ހެކިބަސް ދިން ދެ ޑޮކްޓަރުންގެ ބަހުންނާއި ކުއްޖާ ދިން މައުލޫމާތުގެ އަލީގައި ފުލުހުން ދިން ބަޔާނުންނާއި އަދި ޖެންޑާގެ ކޭސް ވޯކަރުންގެ އެސެސްމެންޓް ރިޕޯޓުންވެސް އެނގޭނެ. ކުއްޖާ އެ ވާހަކަ ކިޔައިދިނުމަށް ކުއްޖާގެ މަންމަވަނީ ހުރަސް އަޅާފައި. މި ކޭސްގައި މަންމަ ހުރީ ދޮން ބައްޕަގެ ދިފާއުގައި. ކުއްޖާ ހުރީ ނިކަމެތި ކަމެއްގެ ތެރޭގައި. - މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް -

މި މައްސަލައިގެ ޝަރީއަތުގައި ހެކި ބަސް ދެމުން ފުލުހުންނާއި އަދި ޖެންޑާ މިނިސްޓްރީގެ ސޯޝަލް ސާވިސް ވޯކަރު، ކުއްޖާބެލި ޑޮކްޓަރުވަނީ ކުއްޖާގެ ހާލަތު ވަރަށް ތަފްސީލްކޮށް ކިޔައިދީފައެވެ. މައްސަލައިގެ ޝަރީއަތުގައި ކުއްޖާގެ މަންމަވެސް ހެކިބަސް ދިނެއެވެ. އެކަމަކު ކުއްޖާގެ މަންމަ ހެކިބަސް ދެމުންވަނީ އޭނާގެ އުފަން ދަރިއާ ބެހުނު އޭނާގެ ފިރިމީހާ ދިފާއުކޮށްފައެވެ.

މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާވެސް ނިމުނު ފަހުން އަދި މައްސަލައިގެ ހުލާސާ ބަޔާންވެސް އިއްވި ފަހުން، ގާޒީ އަމިއްލައަށް ފާހަގަ ކުރެއްވީ ބަންދު މުއްދަތު އިތުރުކުރުމުގައި ހަތަރު ގަޑިއިރުގެ ތަފާތެއް އުޅޭ ކަމަށެވެ. އަދި އެ ތަފާތުތަކަކީ އިޖުރާއީ ގޮތުން ހުރި ގޯސްތަކެއް ކަމަށް ނިންމައި ގާޒީ ނިންމީ މައްސަލަ މައުލޫއީ ގޮތުން ނުބަލައި ކޯޓުން ބޭރުކޮށްލާށެވެ. އަދި ވަގުތުން ދޮން ބައްޕަ މިނިވަން ކުރަން ކަރެކްޝަންސްގެ މައްޗަށްވެސް މައްސަލަ ބެއްލެވި ގާޒީ އަމުރު ކުރިއެވެ.

މިކަން ފާހަގަވެ، އިތުރު އަޑު އެހުމެއް ބޭއްވުމުން ޕްރޮސިކިއުޝަނުން ބުނެފައިވަނީ އެފަދަ އިޖުރާއީ ކުޑަކުޑަ ކަމަކުން މައްސަލައިގެ މައުލޫއަށް އަސަރު ނުކުރާނެ ކަމަށެވެ. ދިފާއުން އެކަމުގައި ބުނެފައިވަނީ އެ ފަރާތަށް އެކަން ފާހަގަވެސް ވެފައި ނެތް ކަމަށެވެ. އެހެންނަމަވެސް ގާޒީ އިސްވެ އެކަން ފާހަގަ ކުރުމުން އެ ނުކުތާގައި ދިފާއުންވެސް ހިފިއެވެ.

މި މައްސަލަ ސާބިތުވި ނަމަ ކުއްޖާއާ ބެހުނު ދޮން ބައްޕައަށް 15 އަހަރާއި 18 އަހަރާ ދެމެދުގެ ހުކުމެއް އަންނާނެއެވެ. އެކަމަކު، މައްސަލަ ބެލި ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައިވެސް ހުންނެވި ގާޒީ ނިންމެވީ މި މައްސަލަ ބޭރުކޮށްލާށެވެ.

މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ، މި މައްސަލައަކީ މައުލޫއި ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އަދި ބަންދުކޮށްފައި ހުރި ދޮން ބައްޕަ ވަގުތުން މިނިވަންކޮށް، ދޫކޮށްލުމަށް ކަރެކްޝަންސްގެ މައްޗަށް މައްސަލަ ބެލި ގާޒީވަނީ އަމުރުކޮށްފައެވެ.

ދައުލަތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ އިސްތިއުނާފަށް ހައިކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.

މައްސަލައިގައި ހިމެނޭ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމުގެ މި ރިޕޯޓުގައި ކުއްޖާގެ ވަނަވަރު އެނގިދާނެ އެއްވެސް މައުލޫމާތެއް ހިމަނާފައިނުވާނެއެވެ. މައްސަލައިގައި ހިމެނޭ ކުއްޖާގެ ދޮން ބައްޕަގެ ނަންވެސް ރިޕޯޓްގައި ހިމަނާފައި ނުވަނީ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް