ads
ރާއްޖޭގެ ރަށެއް - ފޮޓޯ:ބީއެމްއެލް
ތަރައްގީއާއި އެކު ރާއްޖެ، 'ސިންގަޕޫރަށް' ބަދަލުވެދާނެބާ؟
ރާއްޖެ މިދާ ތަރައްގީއާއި އެކު ސިންގަޕޫރަށް ބަދަލު ވެދާނެބާ! އަހަރެންގެ ނަޒަރުގަ ތަރައްގީގެ ކުލަމަތި ފެންނަނީ މި ބުނާހެންނެވެ.

ތަރައްގީއާއި ތަމައްދުންގައި ރާއްޖެ މިސްރާބު ޖަހާފައި އޮތީ ހަލުވި ދުވެލީގައެވެ. ދިވެހިންގެ ވިސްނުމާއި ފިކުރާއި އަމަލުތައްވެސް ހުރީ މި ބުނި ގޮތަށެވެ. ހިތައް އަރައެވެ. ރާއްޖޭގެ މިސްރާބު ހުރީ ސިންގަޕޫރާއި ދިމާލަށްބާއެވެ. އާއެކެވެ. މިއީ ބައެއްމީހުން ދެކޭނެގޮތެވެ. އަދި ބޭނުންވެސް ވާގޮތެވެ. އަދި ތަރައްގީ ގެންނަން އެދޭވެސް ގޮތެވެ.

މިހާ ހިސާބުން ތަރައްގީ އަށް ދިވެހިން ފެންބޮވާގަނެވިފައިވާ މިންވަރާއި ސިންގަޕޫރުފަދަ ޗާލު ގައުމަކަށް އެދޭ މިންވަރަށް ބަލާލަމާ ހިނގާށެވެ. ދިވެހި ރާއްޖެ ހަލުވި ދުވެލީގައި ތަރައްގީކުރަން ކުރާ މަސައްކަތަކީވެސް މިއަދު ބަލައިގަންނަން ޖެހޭ ކަމެކެވެ.

ދެހާސް ވަނަ އަހަރުގެ ފަހުން ރާއްޖެ އަށް އައި ތަރައްގީ މަޑުމަޑުން ފުޅާވަމުންގޮސް އެތަރައްގީ ވަނީ މާލެ އާއި އަތޮޅުތެރެ ހިސޯރު ކޮށްފައެވެ. ފޮޓޯތަކުން ފަޑުކުލައަކުން ފެންނަން އޮތް މާލެވެސް ކުލަރީތިވެ ޖަރީވަމުން ދިޔައެވެ. މި ހާ ހިސާބަށް ތަރައްގީގެކުލަ ދައްކާފައިވަނީ އެއީ ވާނެ ކަންތައްތަކެއްގެ ގޮތުގައެވެ.

އެގޮތުން ޒަމާނީ ފެންފަރުގެ ހޮސްޕިޓަލު ތަކާއި ސުކޫލުތަކާއި މިސްކިތްތަކާއި، އެކި އެކި އިމާރާތްތަކުން ފެށިގެން ތަރައްގީ އައިސްފައިވަނީ ގޮޑުދޮއްތަކާއި ހަމަޔަށެވެ. މި ފަދަ ތަރައްގީ އައިސްފައިވަނީ އެންމެފަހުގެ ގޮތްގަޑާއެކު، ތަރަތަރަޖަހާފާނެ ފަދަ ގޮތަކަށެވެ.

މީގެ އިތުރުން ރާއްޖެއަށް ގެންނަން ވިސްނާފަވާ ތަރައްގީތަކާއި، ގެސްފައިވާ ތަރައްގީއަށް ބަލާއިރު އުސްއިމާރާތްތަކުން ފެށިގެން ގޮސް އެއްރަށް އަނެއްރަށާ ގުޅާލުމަކީވެސް ކުޑަކަމެއްނޫނެވެ. އެގޮތުން މާލެ ކައިއިރީ ރަށެއް ހިއްކާ އެރަށަށް މީހުން އާބާދުކޮށް އެ ރަށާއި މާލެ އާއި ދޭތެރޭ ބުރިޖެއް އެޅުމަކީވެސް ދުވަހަކުވެސް މީހަކު ސިނކުޑިޔަށް ގެނެވުނު ކަމެއް ނޫނެވެ.

ނަމަވެސް ބިޔަ ތަރައްގީގެ މަޝްރޫއުތަކާއި އެކު މިދުވަސްތައް މިހާރު ދިވެހިން މިދަނީ ދެކެމުންނެވެ. ތަރައްގީ އައި ހަލުވިމިނުގައި ކޮށްފައިވާ މަސައްކަތް ފެންނަނީ ހަމަ ސިންގަޕޫރު ހެންނެވެ. ކުރު މުއްދަތެއްގެ ތެރޭ ކާބިޔާބު ވެފައިމިވާ މަސައްކަތުގެ ކުލަތައް ވަރަށްވެސް ރީއްޗެވެ. ބުރިޖޭ ބުނީމަ ކޯއްޗެއް ކަމެއްވެސް ނުދަންނަ ދިވެހިނަށް ފެނުނީ ގަބޫލު ކުރަން ދަތި މަންޒަރަކެވެ. ރައްކާތެރި ކަމާއި ފަސޭހަ ކަމާއި އެކު ދަތުރުކުރެވޭނެ ގޮތަށް އަޅާފައިވާ އެ ބުރުޖިކީވެސް ހަމަ އަޖައިބެއްފަދަ މަންޒަރެކެވެ. ހީވަނީ ހަމަ ސިންގަޕޫރު ހެންނެވެ.

ކުރަން ނިންމާފަ ނުކުރެވި ތިބި ބައެއް މަސައްކަތަށް ބަލާލަމާ ހިންގާށެވެ. އެގޮތުން ހުޅުމާލޭގެ ހުޅަނގު ފަރާތުގައި އަޅަން ނިންމާފައިވާ ޔޮޓް މެރީނާއަކީ ޔޮޓާއި ސަފާރީތަކަށް ބޭނުންވާ ގޮތަށް ތަރައްގީ ކުރުމަށް ހުށަހަޅާފައިވާ ރީތި ގޮނޑުދޮށުގެ ރަށެކެވެ.

އެ މެރީނާ ގާއިމުވެގެންދާއިރު، ވޯޓާ ސްޕޯޓްސް ފެސިލިޓީތަކުގެ އިތުރުން ރީޓެއިލް ފިހާރަތަކާއި ޔޮޓް ކްލޫއަކާއި ޑްރައި ފެސިލިޓީސް އަދި އޯޓިން ޑޮކް ފަދަ ވަސީލަތްތައް ވެސް ހުރެއެވެ.

މީގެ އިތުރުން މެރީނާ ކައިރީގައި ޒަމާނީ، ފުރިހަމަ ވަސީލަތްތައް ހިމެނޭ ކްރޫޒް ޓާމިނަލެއް ހުންނާނެ ކަމަށާއި، އޮޓޮމެޓިކް، ކަވަޑް ބޯޑިން ބްރިޖެއް ވެސް ހުންނާނެ ކަމަށާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފެސިލި ޓޭޓް ކްރޫޒްލައިނާތަކަށް ހާއްސަ ބްރިޖެއް ހުންނާނެ ކަމަށްވެއެވެ.

އަދި މާލެ ކައިރިން ފަސްވަރަކަށް މިނެޓުން ދެވޭ ހިސާބުގައި ހަދަން ނިންމާފައިވާ ފްލޯޓިން ސިޓީ އަށްބަލާލި ނަމަވެސް ފެންނަނީ މިފަދަ ތަރައްގީއެވެ. މި ސިޓީގައި މިޑްލް ރޭންޖުން ހައި-އެންޑްގެ ގެތައް، އެތަނުގައި ހުންނާނެއެވެ. މި ފްލޯޓިން ލޭންޑުގައި ފްލޯޓިން ސިޓީގައި ސްކޫލާއި ހޮސްޕިޓަލުގެ އިތުރުން މޯލް ތަކާއި، ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.

ފެނިފައިވާ ތަރައްގީ ތަކާއި ދައްކަމުންދާ ތަރައްގީ ތަކުން އެނގެނީ ރާއްޖެ މިސްރާބު ހުރީ ކުަލަ ރީތި ގައުމަކާއި ދިމާލަށް ކަމެވެ.  

މި މަސައްކަތްނިމޭއިރު، ރާއްޖެ ފެންނާނީ ހަމަ އަސްލުގައިވެސް ސިންގަޕޫރުހެން ބާވައޭ؟ ހިތަށް އަރައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް