ފޮރިން މިނިސްޓްރީން ބުނީ މި އިންތިޒާމުގެދަށުން، ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކުން މިސްރަށް ދަތުރުކޮށް އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބެވޭނެ ކަމަށެވެ.
މިއީ ޓޫރިސްޓް ވިސާއެކެވެ. އަދި މި ވިސާގެ ފީއަކީ 25 ޑޮލަރެވެ.
ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާ އޮން އެރައިވަލް ދިނުމަށް މިސްރު ސަރުކާރުން ނިންމާފައިވީ ނަމަވެސް، 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް މިސްރަށް ޒިޔާރަތްކުރާ ނުވަތަ ވަޒީފާ އަދާކުރުމަށް ނުވަތަ ތައުލީމް ހާސިލްކުރުމަށް ނުވަތަ މިސްރުގައި ވިޔަފާރިކުރުމަށް ބޭނުންވާ ދިވެހިން މިސްރަށް ދަތުރުކުމުގެކުރިން އެކަމަކާގުޅޭ ވިސާއެއް ނަގަންޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މިސްރަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމި މި މުހިންމު ނިންމުން، ދިވެހި ސަރުކާރުން ދެކެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމާއި މިސްރުން ދިވެހިރާއްޖެއަށް ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.