ads
އާރުޓީއެލް ފެރީއެއް: ނާޖާއިޒު ފައިދާ ނެގޭނެފަދަ މައުލޫމާތެއް ސިސްޓަމްތަކުގައި ނުހުންނާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައި - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ނާޖާއިޒު ފައިދާ ނެގޭނެ މައުލޫމާތު ސިސްޓަމްތަކުގައި ނުހުންނާނެ: އެމްޓީސީސީ
ކަސްޓަމަރެއްގެ މައުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭނެފަދަ މައުލޫމާތެއް އެ ކުންފުނީގެ ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
Advertisement

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އެޕްގެ ޑިޖިޓަލް ސިސްޓަމް އާ ބެހޭގޮތުން ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ފަތުރަމުންދާ ކަމަށް ބުނެ އެމްޓީސީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހެޔޮބަދަލެއް ގެނެސްދިނުމަށްޓަކައި ސަރުކާރުން އެކަށައަޅާފައިވާ އިސްތިރާޖީ ރޭވުންތައް ތަންފީޒުކުރާ އެއް ކުންފުނީގެ ހައިސިއްޔަތުން މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް އުތުރާއި ދެކުނުގައި ފަށާފައިވާ ފެރީ އަދި ބަހުގެ އާރުޓީއެލް ހިދުމަތަށް ލިބެމުންދާ ބޮޑު ތަރުހީބަށް ރައްޔިތުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އާރުޓީއެލް ހިދުމަތް ފެށުނީއްސުރެ، ހިދުމަތް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށް އެކިއެކި ފަރާތްތަކުން ލިބެމުންދާ ހިޔާލުތަކާއި މައުލޫމާތުތަކަށް އެ ކުންފުނިން އަބަދުވެސް ރިއާޔަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނެފައިވަނީ އާރުޓީއެލް އެޕްގައި ސެކިއުރިޓީ ވަލްނަރަބިލިޓީއެއް އުޅޭކަމުގެ ރިޕޯޓް މި މަހުގެ ކުރީކޮޅު އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. 

"އެ މައްސަލަ އިތުރަށް ބެލުމަށްފަހު ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެކަން ވަގުތުން ކުރިން. ސިސްޓަމް ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އެބަދަން،" -އެމްޓީސީސީ-

އެމްޓީސީސީން ބުނި ގޮތުގައި އެއްވެސް ކަސްޓަމަރެއްގެ ބޭންކް ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭނެފަދަ މައުލޫމާތެއް އެ ކުންފުނީގެ ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެކަމުގެ ޔަގީންކަންދޭ ކަމުގައެވެ. އެ ކުންފުނިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ކަސްޓަމަރުންގެ ބޭންކިން މައުލޫމާތު ސެކުޔަ ޕޭމަންޓެއް ހަދަން ބޭނުންވާ މިންވަރަށް އަދި މިންގަނޑަށް މެނުވީ ރައްކާކޮށްފައި ނުބަހައްޓާކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ އާރުޓީއެލް ސިސްޓަމުގައި ބޭންކް ކާޑު ބޭނުންކުރެވޭނީ ޕާޓްނަރިން ބޭންކް ސެކިއުރިޓީ ސްޓޭންޑަޑްތަކާ އެއްގޮތަށް އެއްގޮތަށް ކަމަށެވެ. އާރުޓީއެލް ސިސްޓަމުގައި ކާޑު ޓްރާންސެކްޝަން ހެދުމަށް ބޭނުންކުރާ ޑިޖިޓަލް އާލާތްތަކަކީ ބައިނަލްއަގުވާމީ ޕޭމަންޓް ކާޑު އިންޑަސްޓްރީގެ ސްޓޭންޑަޑަށް ސަޓިފައިކޮށްފައިވާ ވަސީލަތްތަކެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ކުންފުނިން ފައިސާ ބަލައިގަތުމަށް ބޭނުންކުރަމުން ދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭ ކަމުން ކަސްޓަމަރުންގެ ހުރިހާ ބޭންކިން މައުލޫމާތެއް ހިއްސާކުރާނީ ބީއެމްއެލްގެ ސެކުޔަ ޕްލެޓްފޯމެއްގައި ކަމުގައެވެ. އާރުޓީއެލް އެޕް ބޭނުންކޮށްގެން ފައިސާ ދެއްކުމުގައި ކަސްޓަމަރުން ބޭނުންކުރާ އެއްވެސް ބޭންކިން މައުލޫމާތެއް އެ ކުންފުނީގެ ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން ކަސްޓަމަރުންނަށް ދޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ ރައްޔިތުންނަށް އެ ކުންފުނިން ކުރާ އިލްތިމާސްއަކީ ހަގީގަތް އޮޅޭ ފަދަ ގޮތްގޮތަށް ފަތުރާ މިފަދަ މައުލޫމާތާ މެދު ސަމާލުވުމަށް ކަމަށެވެ. އެ ކުންފުނިން އިހުލާސްތެރިކަމާ އެކު ރައްޔިތުންގެ ހިދުމަތުގައި ސާބިތުކަމާ އެކު އަބަދުމެ ދެމިތިބޭނެކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް