ads
އުއްތަމަ ފަނޑިޔާރު
"ކޯޓަށް ފަރިތަ" ކެމްޕެއިން އުއްތަމަ ފަނޑިޔާރު ލޯންޗްކޮށްދެއްވައިފި
ކޯޓަށް ފަރިތަ" މި ނަމުގައި އާންމުން ހޭލުންތެރިކުރުމަށް ހިންގާ ކެމްޕޭން އުއްތަމަ ފަނޑިޔާރު އަހްމަދު މުއުސަތިސަމް އަދުނާން މިއަދު ލޯންޗުކޮށްދެއްވައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި "ކޯޓަށް ފަރިތަ" ކެމްޕޭނަކީ، ކޯޓުތަކާއި ގުޅޭ މައުލޫމާތާއި ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕޭނެކެވެ.

މި ކެމްޕޭން ލޯންޗުކޮށްދެއްވުމަށް ފަހު އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި، "ކޯޓަށް ފަރިތަ" ހޭޝް ޓެގާއެކު ފަށައިގަނެވުނީ މުހިއްމު މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ. އަދި ފަނޑިޔާރުންގެ މަސައްކަތުގައި އެންމެ މުހިއްމު އެއް ކަމަކީ، ކޯޓުގެ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެ ހިދުމަތަކީ ކޮބައިކަން އެނގި، ލުއި ފަސޭހަކަމާއެކު އެ ހިދުމަތް ލިބިގަތުމުގައި ހަމަ ޖައްސަން ޖެހޭ އިންތިޒާމްތައް ހަމަ ޖެއްސުމާއި ހިދުމަތް ހޯދާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުންކަން ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއިޝަތު ރިޒްނާ، ދެއްކެވި ވާހަކަފުޅުގައި، މިއަދު މި ފެށުނު ކެމްޕެއިންގެ ސަބަބުން ކޯޓުތަކުން ދެމުން އަންނަ ހިދުމަތްތަކުގެ މައުލޫމާތު އާއްމުން ލިބުމުގައި ލުއި ފަސޭހަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިއަދު ލޯންޗު މިކުރެވުނު ކެމްޕޭނަކީ، އެމެރިކަން ބާ އެސޯސިއޭޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކޯޓުތަކާއި ގުޅޭ މަޢުލޫމާތާއި ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕޭނެކެވެ. 

"ކޯޓަށް ފަރިތަ" މިނަމުގައި މިއަދު ލޯންޗުކުރެވުނު މި ކެމްޕޭނުގެ ޒަރިއްޔާއިން ކޯޓުތަކާއި ގުޅޭ މައުލޫމާތާއި، ކޯޓުތަކުން އާންމުންނަށް ފޯރުކޮށްދޭ ހިމަތްތަކުގެ މައުލޫމާތު އަދި އެ ހިދުމަތްތައް ލިބިގަތުމުގައި އަމަލުކުރަންޖެހޭ ގޮތްތައް އެނގިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް