އާބަންކޯއިން ބުނީ ހުޅުމާލޭގައި ޖާހް ކޮންސްޓްރަކްޝަންގެ ފަރާތުން ތަރައްގީ ކުރަމުންދާ ހައުސިން ޔުނިޓުތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެކަމުގެ ސަބަބުން ފްލެޓުތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
މި ޕްރޮޖެކްޓަކީ 91 އިންސައްތަ މަސައްކަތް ނިމިފައިވާ ޕްރޮޖެކްޓެއްކަމުން ޑިވެލޮޕަރު ބަދަލުކޮށް އާ ޑިވެލޮޕަރެއް ހޯދައި، މިހާރު ހުރި މަސައްކަތްތައް ކުރުމަކީ އެންމެ އެކަށީގެންވާ ކަމަކަށް ނުވާނެތީ އެ ކޯޕަރޭޝަނުން އެ ކުންފުންޏާ ފްލެޓުތައް ގަނެފައިވާ ފަރާތްތަކާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންގޮސް ވީހާވެސް އަވަހަކަށް ނިންމުމަށް ވަނީ ހަމަޖެހިފައި ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނި ގޮތުގައި އެ ކޯޕަރޭޝަނުގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފްލެޓުތައް ގަނެފައިވާ ފަރާތްތަކާ ދެމެދު ވެފައިވާ މުއާމަލާތްތައް ބަލާ ދެ ފަރާތަށްވެސް ގެއްލުން ނުވާނެހެން ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމުން ކަމުގައެވެ.