އެ އިއްތިހާދުގައި ރާއްޖޭން ބައިވެރިވުމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޯލިޝަންގެ ޗާޓަރުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ އެވެ.
އެ އިއްތިހާދުގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
މި ރަސްމިއްޔާތުގައި، ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު، ހަސަން ރަޝީދާއި، ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަދި ސައޫދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވާފައިވާ ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްތާނީގެ އިތުރުން ހާރިޖީ ވުޒާރާއާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ސައުދީން އިސްވެ އިތުރު 13 ގައުމަކުން ގުޅިގެން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ނަމުގައި އުފެއްދި އިއްތިހާދުގެ ބޭނުމަކީ ބާބުލްމަންދަބު ކަނޑުއޮޅި އާއި ރަތްކަނޑު އަދި ގަލްފް އޮފް އަދަން ކަނޑުއޮޅީގައި ކަނޑު ދަތުރުފަތުރުގެ މިނިވަންކަމާއި ބައިނަލްއަގުވާމީ ވިޔަފާރި އާއި ހަކަތަ ފޯރުކޮށްދޭ މަގުތައް ރައްކާތެރި ކުރުމެވެ.
އެ އިއްތިހާދު އުފައްދާފައިވަނީ އީރާނުން ވާގިވެރިވާ ޔަމަނުގެ ހޫތީންގެ ޖަމާއަތުން މިދިޔަ ޖުލައި މަހު ސައުދީ އާ ދެކޮޅަށް ކަނޑުމަގުން ބްލޮކޭޑެއް އިއުލާނުކޮށް، އޭގެ ފަހުން ސައޫދީއާ ގުޅުންހުރި އުޅަނދުތަކަށް ހަމަލާތަކެއް ދޭން ފެށުމުން ރަތްކަނޑުގައި ވިޔަފާރި އުޅަނދުފަހަރަށް ހުރި ނުރައްކާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އޭގެ ރައްދުގައި ސައުދީން ވެސް ދަނީ ހޫތީންނަށް ހަމަލާތައް ދެމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;