ads
މާފަރުގައި ކަސްޓަމްސްގެ އިމާރާތެއް އަޅަން ފިއުޗާ ހޯމްސް އާ ހަވާލުކުރުން - ފޮޓޯ:ކަސްޓަމްސް
6 މިލިއަން ރުފިޔާއަށް މާފަރުގައި ކަސްޓަމްސްގެ އިމާރާތެއް އަޅަނީ
ނ. މާފަރުގައި ކަސްޓަމްސްގެ އޮފީސް އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
Advertisement

މޯލްޑިވްސް ކަސްޓަމްސްގެ ފަރާތުން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މާފަރުގައި ގާއިމުކުރާ ކަސްޓަމްސްގެ އޮފީސް އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ. ފިއުޗާ ހޯމްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އަލީ އަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ކަސްޓަމްސްގެ އިސްބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫންގެ އިތުރުން މާފަރު ކައުންސިލުގެ ރައީސް މުހައްމަދު އަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ.

ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވީ މާފަރުގައި ކަސްޓަމްސްގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތަކީ ރީޖަނަލް ކަސްޓަމްސްގެ ހިދުމަތްތައް ލާމަރުކަޒުކޮށް އަތޮޅުތަކުގައި ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. މާފަރުގައި ކަސްޓަމްސްގެ ހިދުމަތްތައް ދެމުން އަންނަނީ ވަރަށް ދަތި އުދަނގޫ ގޮތަކަށްކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އެ ރަށުގައި އަޅާ އާ އޮފީސް އިމާރާތާ އެކު ހިދުމަތްތައް ދިނުމަށް ފަސޭހަވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވެފައިވަނީ މާފަރު އެއާޕޯޓު އެކްސްޓެންޝަން މަސައްކަތް ނިމޭއިރު އެއާޕޯޓުގައި ވަސީލަތްތައް ގާއިމުކުރެވި ކަސްޓަމްސްގެ އިތުރު އޮފިޝަލުންނާ އެކު ހިދުމަތް ފެށޭނެ ކަމަށް ދެކޭ ކަމަށެވެ.

ރީޖަނަލް ކަސްޓަމްސްއަށް އަންނަ ބަދަލުތަކާ އެކު ކަސްޓަމްސްގެ ދައުރު ފުޅާވެގެންދާއިރު އޮފިސަރުން އިތުރަށް ތަމްރީނުކޮށް މި ދާއިރާއިން ކުރިއެރުވުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައި އޮފިސަރުންނަށް އެ ފުރުސަތު ހޯދައިދެވިގެން ދާނެ ކަމުގައެވެ.

your imageކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވާހަކަދައްކަވަނީ - ފޮޓޯ:ކަސްޓަމްސް

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ މުޅި ރާއްޖޭގެ ތަރައްގީ އާ ގުޅިފައިވާ މުހިންމު އެއާޕޯޓެއް ކަމަށެވެ. މާފަރު އެއާޕޯޓުގެ އެކްސްޓެންޝަން މަސައްކަތްތައް ޑިސެމްބަރު މަހަށް ނިންމައި އަންނަ އަހަރުގެ ކުރީކޮޅުގައި ޝެޑިއުލް ފްލައިޓުގެ ހިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހާރޫން ވިދާޅުވިއެވެ. ހާރޫން ވިދާޅުވެފައިވަނީ އެ ހިސާބަށްދާއިރު ކަސްޓަމްސްގެ ހިދުމަތް ފުޅާވެގެން ދިޔުމަކީ ހިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ހާރޫން ވިދާޅުވި ގޮތުގައި ނ. އަތޮޅުގައި ތަރައްގީކުރުމަށް ނިންމާފައިވާ ރިސޯޓުތަކުގެ ވިޔަފާރި ގުޅިފައިވަނީ މާފަރު އެއާޕޯޓާ ކަމުގައެވެ. ރިސޯޓުތައް ތަރައްގީ ކުރެވިގެންދާއިރު ކަސްޓަމްސްގެ ހިދުމަތް ފުޅާވެ، ކާގޯ ހިދުމަތްތައް ލުއިފަސޭހަކަމާ އެކު ލިބުމަކީ އެ ސަރަހައްދުގެ ތަރައްގީއަށް ލިބޭނެ ކުރިއެރުމެއް ކަމަށް ހާރޫން ވިދާޅުވިއެވެ.

ކަސްޓަމްސްގެ އިމާރާތެއް މާފަރުގައި އެޅުމަށް ވެވުނު އެއްބަސްވުމުގެ ދަށުން އޮފީހަކާއި އެކޮމަޑޭޝަން ބްލޮކެއްގެ މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތަށް 6.7 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށާއި ފިއުޗާ ހޯމްސް އާ މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް