ސިންގަޕޫރަށް ވަޑައިގަތުމުން މިދިޔަ ހޯމަ ދުވަހު އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ ހިލްޓަން މައްސަލައާ ގުޅިގެންނެވެ.
ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ސަން ކުންފުނިން ބާތިލްކުރީ 2013 ގަ އެވެ. ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ސިޔާމްގެ ސަން ޓްރެވަލްސް އަށް އަންގައިފައެވެ. ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅައިފައެވެ.
ސިޔާމް ސިންގަޕޫރަށް މި ވަޑައިގަތީ އެ މައްސަލަ ސިންގަޕޫރުގެ ހައި ކޯޓުގައި ކުރިއަށް ގެންގޮސް ތިން މަސް ތެރޭގައި ފައިސާ ދައްކަން އަންގާފައި އޮއްވާ ކަން އެނގިފައިވެއެވެ.
އޭނާ އެ ގައުމަށް ވަޑައިގަތީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ރަށްރަށުގެ ކެމްޕޭންގައި އުޅުއްވުމަށް ފަހުއެވެ. އިންތިހާބަށް ކޯލިޝަން ހަދައި އެކުގައި މަސައްކަތް ކުރަމުން އަންނަ ސިޔާމް ސިންގަޕޫރުގައި ފުރުމުން މަނާކުރުމުން، އެނބުރި ވަޑައިގަތުމަށް ގެންދަވަނީ ގާނޫނީ މަރުހަލާތައް ފުރިހަމަކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފެހެއްޓިއިރު، ސަން ޓްރެވަލްސް ކުންފުނިން ހިލްޓަން އިންޓަނޭޝަނަލަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދައްކަން ސިންގަޕޫރު އާބިޓްރޭޝަނުން އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލާގައި ރާއްޖޭގެ ސިވިލް ކޯޓުން ވެސް ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރުނެވެ.
ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓުން އަމުރުކުރީ އެ މައްސަލާގައި ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކޮށްގެން ވެސް ފައިސާ ނުލިބުމުންނެވެ.