ads
އެމެރިކާގެ ޑިމޮކުރަސީން އިބުރަތެއް، ރައްޔިތުން އެއްފަޅީގައި ފައިސާވެރިންނާ ސިޔާސީ މީހުން އަނެއްފަޅީގައި
އިންތިހާބެއްގައި ވާދަކުރުމަކީ ޚަރަދު ބޮޑު ކަމެކެވެ. އާބާދީ ކުޑަ ރާއްޖެއަށް ބެލިކަމުގައި ވިޔަސް މިލިއަނުން މީހުން ދިރިއުޅޭ އެމެރިކާއަށް ބެލިކަމުގައިވިޔަސް ކަން އޮތީ އެހެނެވެ. ޚާއްސަކޮށް ރިޔާސީ އިންތިހާބެއްގައި ވާދަކޮށް ފާހަގަ ކޮއްލެވޭވަރު ނަތީޖާއެއް ނެރެވިފައިވަނީ މަހުޖަނުންނަށް އެކަންޏެވެ.
Advertisement

އެމެރިކާގައި މިހާރު ކުރިއަށް ދާ ޑިމޮކުރަޓިކް ޕުރައިމަރީގައި ދަނީ ތަފާތު މަންޒަރެއް ފެންނަމުންނެވެ. އެމެރިކާގައި އާންމުކޮށް ބޮޑެތި އިންތިހާބުތަކުގައި ކެމްޕޭން ކުރަނީ ގައުމުގެ މަހުޖަނުން ހަދިޔާ ކުރާ ފައިސާގެ އެހީގައި ކަމުގައި ވިޔަސް ޑިމޮކުރަޓިކް ޕުރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ބާނީ ސޭންޑާރސް ވަނީ މަހުޖަނުން ދެއްވާ ފައިސާގެ އެހީގައި ހިފުމަށް ދެކޮޅު ހައްދަވާ ހަމައެކަނި ސަޕޯރޓަރުންގެ އަތުން ކުޑަ އަދަދެއްގެ ވަކިވަކި ޑޮނޭޝަން އެކަނި ގަބޫލު ކުރުމަށް ނިންމަވާފައި އެވެ. ބަދަލުގައި ބާނީގެ އެތަށް މިލިއަން  ސަޕޯޓަރުނެއް ވަނީ ކެމްޕޭނަށް ހަރަދު ކުރުމަށް މިލިއަނުން ޑޮލަރު ހަދިޔާ ކޮއްފައެވެ. އެއްވެސް މަހުޖަނެއްގެ އަތުން ފައިސާ ނުހޯދާ އެމީހުންގެ ނުފޫޒުން އެއްކޮށް މިނިވަން ވެގެން ހުރިކަމަށް ބާނީ ވިދާޅުވަމުން ގެންދަވަނީ ނުހަނު ފަހުރުވެރިކަމާއެކުއެވެ.

ބާނީގެ ޝަކުވާ އަކީ މުއްސަނދިން އަތުން ފައިސާ ނަގައިގެން ވެރިކަމަށް އައިސް ރައްޔިތުން މަތިން ހަދާން ނައްތާލާ ރައްޔިތުން ތަމްސީލު ކުރުމުގެ ބަދަލުގައި އަހަމައެކަނި މުއްސަނދިންގެ މަސްލަހަތު ހިމާޔަތް ކުރުމެވެ. މުއްސަނދިންނަށް ފައިދާ ވާ ގޮތަށް ބިލުތައް ފާސްކޮށް ރައްޔިތުންގެ ފައިދާއަށް ކުރެވެން ހުރިކަންކަން ނުކޮށް ދޫ ކޮށްލުމެވެ. ބާނީ ގަބޫލު ކުރައްވާ ގޮތުގައި މިކަން ހައްލުވާނީ މުއްސަނދިންގެ އަތުން ކެމްޕޭނަށް އެހީ ހޯދުން ހުއްޓާލާ ފައިސާވެރިންގެ ނުފޫޒުން ސިޔާސީ ދާއިރާ މިނިވަން ކޮށްގެންނެވެ.

ރާއްޖެއެކޭ އެއްގޮތަށް އެމެރިކާގައިވެސް ގިނަ ސިޔާސީ ޕާޓީތަކެއް ހުއްޓަސް ހަމަ ދިވެހި ރާއްޖެއެކޭވެސް އެއްގޮތަށް އެމެރިކާގައިވެސް ވެރިކަން އަބަދުވެސް ކާމިޔާބު ކުރަނީ އެމެރިކާގެ ދެ ޕާޓީކަމަށް ވާ ޑިމޮކްރަޓިކް ޕާޓީއިންނާ ރިޕަބްލިކަން ޕާޓީންނެވެ. ރާއްޖޭގައި ބޮޑު ދެ ޕާޓީގެ ރިޔާސީ ޕުރައިމަރީ ގިނަފަހަރަށް މާބޮޑު ވާދަވެރިކަމެއް ނެތި ވަނދުކޮށް ދިޔަނަމަވެސް އެމެރިކާގެ ރިޔާސީ ޕުރައިމަރީ ވަރަށް ވާދަވެރި އެވެ.  ބާނީ ސޭންޑާސް ސަޕޯޓަރުންގެ ފައިސާގެ އެހީގައި ވާދަކުރައްވަނީ ޑިމޮކުރަޓިކް ޕާޓީގެ ރިޔާސީ ޕުރައިމަރީގައި އެވެ. މިހާރު ކުރިއަށްދާ ޕުރައިމަރީ އިންތިހާބުގައި ބާނީއާ ވާދަކުރައްވާ އޮބާމާ ވެރިކަމުގައި ނައިބުރައީސް ޖޯ ބައިޑެން އުޅުއްވަނީ ރިޔާސީ ޕުރައިމަރީ ރޭހުގައި ބާރނީ ސޭންޑާރސްއަށް ވުރެ ކުރީގަ އެވެ. ވާދަވެރި ޖޯބައިޑެން ވިދާޅުވަނީ ޑިމޮކުރަޓިކް ޕާޓީއާއި އެމެރިކާގެ އެންމެން އެއްބައިވަންތަކޮށް މިހާރުގެ ރައީސް ޑޮނަލްޑް ޓުރަމްޕްގެ މައްޗަށް ކުރި ހޯއްދަވާނެ ކަމަށެވެ.

ރާއްޖޭގައި ވެސް ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ އިތުރުން ޕާޓީއަށް ހެޔޮ އެދޭ ފަރާތްތަކުން ކޮންމެ އިންތިހާބަކާ ދިމާކޮށް ކެމްޕޭނަށް ފައިސާ ހަދިޔާ ކުރާކަމަށް ސިޔާސީ ލީޑަރުން ވިދާޅުވެ އެވެ. ހެޔޮއެދޭ ފަރާތްތަކުން ދޭ ފައިސާގެ ބަދަލެއްގެ ގޮތުން އެފަރާތްކަށް ލިބެނީ ކޯޗެއްކަން ސާފެއް ނޫނެވެ. އެއްވެސް އެދުމެއްނެތި ބޮޑެތި އަދަދުތަކުން ފައިސާ ހަރަދު ކޮށްފާނެތޯ ވެސް ސުވާލު އުފެދެ އެވެ. ރާއްޖޭގައި އަބަދުވެސް މުއްސަނދިންނަށް ސަރުކާރުން މޮޅު ގޮތް ހަދައިދޭ ކަމަށް ގިނަބަޔަކު ތުހުމަތު ކުރެ އެވެ. ރައްޔިތުންގެ ހައްގުގައި މަސައްކަތް ފަށައިގަންނަ މީހާވެސް މަތީ މަގާމެއް ލިބޭ އިރަށް މަތީ ފަންތީގެ މީހަކަށްވެ ރައްޔިތުން މަތިން ހަނދާން ނައްތާލާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ.

ކޮންމެއަކަސް އެމެރިކާގެ ޒަމާންވީ ޑިމޮކުރަސީ އިން ފެންނަނީ ރާއްޖޭގެ ޒުވާން ޑިމޮކުރަސީއަށް އިބުރަތްތެރި ފިލާވަޅު ތަކެކެވެ. އެމެރިކާއިން ފެންނަ މަންޒަރަކީ ރައްޔިތުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ބަހައި ވޯޓުގަންނަން ނޫޅި ރައްޔިތުންގެ އަތުން ކެމްޕޭނަށް ފައިސާ ހޯއްދަވާ މަންޒަރެވެ. މިއީ އެކަމަކު ރާއްޖެ ފަދަ އާބާދީ ކުޑަ ގައުމެއްގައި ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދެ އެވެ. ފައިސާވެރިންނާ ސިޔާސީ މީހުންގެ މައްޗަށް އެކުލެވޭ ވަރުގަދަ ޕޮލިޓިކަލް އެސްޓަބްލިޝްމެންޓެއްގެ ވާހަކަ އެމެރިކާގައި ވަރަށް ގަދައަށް ދެކެވެ އެވެ. ރާއްޖޭގައި ވެސް ވަކި ޕާޓީ އަކަށް ނިސްބަތް ނުކޮށް ޖުމުލަކޮށް ހުރިހާ ސިޔާސީ މީހުންނާ ބޮޑެތި ފައިސާވެރިންނަށް ނިސްބަތްކޮށް ފާޑު ކިޔާ މީހުން މަދެއް ނޫނެވެ.

މިހާރު އުފެދޭ ސުވާލަކީ ރާއްޖޭގައި މަހުޖަނުންތެރޭ ނުހިމެނޭ ސިޔާސީ ބޭފުޅަކަށް ނުވަތަ އާންމު ރައްޔިތަކަށް މުއްސަނދިންގެ އެހީއާ ނުލައި ކެމްޕޭނެއްކޮށް ބޮޑު ސިޔާސީ ޕާޓީއެއްގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެވިދާނެތޯ އެވެ. އަދި އެބޭފުޅަކަށް ރާއްޖެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެތޯ އެވެ. ރައްޔިތުންގެ ފަރާތުން އެވަރުގެ އިތުބާރާއި ލޯބި ހޯދޭ ވަރުގެ ބޭފުޅަކު ރާއްޖޭގައި އެބަހުރިތޯ އެވެ.  

90%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް