ads
ތުޅާދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:އެމްޓީސީސީ
ތުޅާދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
ބ. ތުޅާދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ތުޅާދޫގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ތުޅާދޫ ދާއިރާގެ މެންބަރު އަލްއުސްތާޒާ ހިސާން ހުސައިންނާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި މިނިސްޓަ އޮފް ސްޓޭޓް ފޮ ހެލްތު އަހުމަދު އާދިލާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމުގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ އެ ރަސްމިއްޔާތުގައި މަޝްރޫއު އިފްތިތާހުކޮށްދެއްވުމުގެ ގޮތުން އިމާރާތުގެ ފައުންޑޭޝަނަށް ކޮންކްރީޓް އޮއްސަވާލެއްވީ ހެލްތު މިނިސްޓަރާއި ތުޅާދޫ ދާއިރާގެ މެންބަރާއި އެ ކުންފުނީގެ ސީއީއޯ ކަމަށެވެ.

ތުޅާދޫގައި އިމާރާތްކުރަން ފެށޭ މި ހޮސްޕިޓަލަކީ ރަށުގެ މުޅި އާބާދީއަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ނިމުމުން ތުޅާދޫ ރައްޔިތުންނެކޭ އެއްފަދައިން ހިތާދޫ ރައްޔިތުންނަށާއި އެ ރަށާ ކައިރީގައިވާ ގޮއިދު އާއި ފުޅަދޫ އަދި ފެހެންދޫގެ ރައްޔިތުންނަށްވެސް ފައިދާވާނެ ކަމަށެވެ. އޭގެ އިތުރުން އެ ހިސާބުގައި ތަރައްގީ ކުރެވޭ ރިސޯޓުތަކުގެ މުވައްޒަފުންނަށްވެސް ފައިދާ ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި މާބަނޑު އަންހެނުން ވިހެއުމާއި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާއި އެކްސްރޭ  ނެގުން ފަދަ ހިދުމަތްތަކަށް ތުޅާދޫގެ ރައްޔިތުން ދާން ޖެހިފައި އޮތީ އެ އަތޮޅު އޭދަފުއްޓަށް ނޫނީ މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ކަމުގައެވެ. މިއަދު ބިންގާ އެޅިގެންދިޔަ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ނިމުމުން އެ ބުރަ ތުޅާދޫ ރައްޔިތުން ދެން އުފުލަން ނުޖެހޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން އެކޮމޮޑޭޝަން ބްލޮކާއި ސާވިސް ބްލޮކެއް ހިމެނޭހެން 30 އެނދު އެކުލެވޭ ދެ ފަންގިފިލާގެ އިމާރާތެއް ކުރެވޭނެ ކަމަށެވެ. މި މަޝްރޫއަކީ 114.50 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ވޯޑް އިމާރާތްކުރުމާއި އޯޕީޑީ އިމާރާތްކުރުމުގެ އިތުރުން ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތްކުރުމާއި ލޭބަ ވޯޑް އިމާރާތްކުރުމުގެ މަޝްރޫއުތައް ނިންމާފައި ކަމަށެވެ. އޭގެ އިތުރުން 492.3 މިލިއަން ރުފިޔާއަށް ލ. ގަން ޓާޝިއަރީ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއާއި 226.5 މިލިއަން ރުފިޔާއަށް ގދ. ގައްދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއު ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް