ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިނެވެ. އިންޑިއާގެ ފަރާތުން ސޮއިުރެއްވީ އެގައުމުގެ ހޯމް މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ، ސުމާންތް ސިންހެވެ.
އިމިގްރޭޝަނުން ވިދާޅުވީ މި އެއްބަސްވުމަކީ ދެގައުމުގެ ދެމެދުގައި އިމިގްރޭޝަނުގެ މަސައްކަތްތަކާ ގުޅުން ހުރި މައުލޫމާތު ބަދަލު ކުރުމަށާއި، ބޯޑާ ކޮންޓްރޯލް މެނޭޖްމެންޓް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އިމިގްރޭޝަން ހިދުމަތްތަކާ ގުޅޭގޮތުން އޮފިސަރުން ތަމްރީނު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މީގެއިތުރުން އިންސާނީ ވަގުފާރި އާއި އެހެނިހެން އިމިގްރޭޝަނާ ގުޅުންހުރި ކުށްތައް މަދުކުރުމަށް ބޭނުންވާ އެހީތެރިކަން ވެސް މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.