ads
ކޯލިޝަން ލީޑަރުން
ރައްޔިތުން ގުނބޯ ހެއްދުން ހުއްޓާލާކަށް ނުވޭތޯ؟
ގުނބޯ ހެއްދުމަކީ މީހަކަށް ކަމެއް ކޮށްދިނުމަށް ކަމަށް ބުނެ، އެ މީހަކު ލައްވައި ވަކެއް ކުރުވައި، އެމީހަކު ހައްދާ ހެއްދުމަކަށް ދިވެހިން ކިޔައި އުޅޭ ނަމެކެވެ.
Advertisement

ހިއްސާ ކޮށްލަން މިއުޅެނީ ދިވެހި ބަހުގެ ފިލާވަޅެއް ނޫނެވެ. އެހެންނަމަވެސް، ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަގޮތުން، އަދި ބަޔަކު ދިވެހިން ގުނބޯ ހައްދާ، އެމީހުންގެ އަމިއްލަ ބޭނުންތައް ފުއްދަމުންދާތީވެ، އެވާހަކައެވެ.

ކުރިމަތީގަ އޮތީ ރިޔާސީ އިންތިހާބު ކަމަށް ވުމާއެކު، މި ގުނބޯ ހެއްދުމުގެ ސިލްސިލާއަށް އަނެއްކާވެސް އިތުރު ބޮޅުތަކެއް އިތުރުވާ ތަން ފެންނާތީވެ އެވާހަކަ ކޮންމެވެސް ދައްކާލައްވަމާ ހިންގަވާށެވެ.

އެއްމެ ފުރަތަމަވެސް ސިޔާސީ ވެރިންގެ ބަސްފުޅު ތަކުގެ ކުރިއަށް އަންނާނެ އެއްވާހަކަ އަކީ، "އިންސާފު" ހޯދައިދިނުމުގެ ވާހަކައެވެ. "ގެއްލުނު" ފައިސާ ހޯދާނެ ވާހަކަ އެވެ. 

your imageސަރުކާރާއި ދެކޮޅަށް މީގެ ކުރިން ކުރެވުނު މުޒާހިރާއެއްގެ ތެރެއިން

ކޮންމެވެސް ވަރަކަށް ތާރީހަށް ބަލާލަމާ ހިންގަވާށެވެ. 1978 ވަނައަހަރުން ފެށިގެން 30 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި އަލް އުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށް ބުނެ، "ވަތަން އެދޭގޮތަށް" ނަމުގައި އިއްތިހާދުވިއެވެ. 

އެއްމެ ބޮޑަށް އަޑަށް ބާރުލައްވާފައި ދެއްކެވި ވާހަކަ ފުޅު ތަކަކީ، ޖަލު ތަކުގައި "މަރާލެވުނު" މީހުންނާއި ނުހައްގުން ޖަލަށް ލެވިފައިވާ މީހުންނަށް އިންސާފު ހޯދައިދޭނެ ވާހަކައެވެ. ދައުލަތުގެ ޚަޒާނާއިން "ވަގަށް ނަގާފައި" ކަމަށް ބުނާ ފައިސާ ހޯދައިދޭނެ ވާހަކައެވެ. ވަކިން ޚާއްސަކޮށް، "އެފްޕީއައިޑީގެ ޚިޔާނާތަށް" އިންސާފު ހޯދާނެ ވާހަކައެވެ. މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ ޚިޔާނާތާއި، އެސްޓީއޯގެ "ތެޔޮ ކުންފުނީގެ" ޚިޔާނާތާއި، ކުރީގެ ގައުމީ އެއަރލައިން ކަމަށްވާ "އެއަރ މޯލްޑިވްސް" ގެ ޚިޔާނާތުގެ މައްސަލަތައް ފަދަ މައްސަލަތައް ބަލާ، އެކަންކަމުގައި ޝާމިލުވާ އެންމެންގެ މައްސަލަތައް ބަލައި، ކުށް ސާބިތުވާ ފަރާތްތަކަށް ފިޔަވަޅު އަޅައި އަދި ގެއްލުނު ފައިސާ ވެސް ހޯދާނެ ވާހަކަ އެވެ. 

ވެރިކަން ބަދަލުވެ، މައްސަލަތައް ބެލުމަށްޓަކައި ކޮމިޝަންތަކެއް ވެސް ހެދުނެވެ. އެހެންނަމަވެސް، ވެރިކަމަށް އެއްމެ 21 ދުވަސްތެރޭގައި، އިއްތިހާދު ނިމުމަކަށް އައީއެވެ. ދެން ފެށުނީ، "ވެރިކަން ދެމެހެއްޓުމަށް" ކުރަން ފެށި މަސައްކަތެވެ. އެކަމަށްޓަކާ ވަރަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ތަން ފެނިގެން ދިޔައެވެ. ކެބިނެޓް އެއްކޮށް އިސްތިއުފާ ދިނުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ފައިސާ އަށް އެދޭ ފޯން ކޯލްތަކުގެ ރެކޯޑިންގް ތަކެއް އާއްމު ވުމާއި، ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި، އެއްމެ ފަހުން ކޯޓު އަމުރަކާ ނުލާ ފަނޑިޔާރެއް ހައްޔަރުކުރެވި، އެހާ ހިސާބުން ވެރިކަން ވެސް ނިމުމަކަށް އައީއެވެ. އިންސާފެއް ނުލިބުނެވެ. ގެއްލުނު ފައިސާއެއް ވެސް ނުހޯދުނެވެ. ތެދެކެވެ. ދިވެހިންނަށް ދުވަހަކުވެސް ފެނުމުގެ ނަސީބު ނުލިބުނު "ތީމުގެ" ނުވަތަ ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ބަލާލުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެން ދިޔައެވެ.

ދެން ވެރިކަމާއި ހަވާލުވެވަޑައިގެންނެވެި، އޭރުގެ ނާއިބު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އަށް ކުރައްވަން ޖެހި ވަޑައިގަތް ކަމަށް ވީ، އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އެއްމެ ބޮޑު މަސައްކަތްތަކެއް ކުރެއްވި، "23 އިއްތިހާދު ކޯލިޝަން" ގެ ވެރިން ހިތްހަމަޖައްސުވައި ދިނުމެވެ. އެގޮތުން އެކި ޕާޓީތަކުގެ ބޭފުޅުންނަށް ކެބިނެޓްގެ މަގާމްތައް ހަމަޖެއްސެވުމާއި، ސަރުކާރުގެ އެހެނިހެން އިސްމަގާމުތައް ދެއްވުމާއި، އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިގުމުއްދަތަކަށް ހިންގަން ދީފައި އޮތް އެއަޕޯޓު އެކުންފުނިން އަތުލައި، އެގްރީމަންޓް ބާތިލު ކުރުމެވެ.

އޭގެފަހުން 2013 ގައި ވެރިަކަމަށް އިންތިހާބުކުރެވުނު ޕީޕީއެމް ސަރުކާރުގެ އެއްމެ ބޮޑު ވައުދަކަށްވީ، 2008 އިން 2012 އަށް އޭރުގެ ސަރުކާރުން ހިންގާފައިވާ "ކޮރަޕްޝަން" ގެ އަމަލުތައް ބަލާ، އިންސާފު ހޯދައިދިނުމެވެ. އެހެންނަމަވެސް، ކުރެވިގެން ދިޔަ ކަމަކަށްވީ، ފަނޑިޔާރު ހައްޔަރުކުރިކަމަށް ބުނެ، އޭރުގެ 2008 އިން 2012 އަށް ވެރިކަން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމެވެ. އަދި އެމައްސަލައިގަ އެމަނިކުފާނަށް ހުކުމެއް ކުރެވިގެން ދިޔަ ތަން ވެސް ފެނިގެން ދިޔައެވެ. އެހެންނަމަވެސް، އެކަން ކުރުމަށް އަމަލީގޮތުން ބައިވެރިވި އެހެން އެއްވެސް ފަރާތެއްގެ ނަމެއްވެސް ނުގެނެވުނެވެ. ފެނުނު މަންޒަރުން ހީވީ، ފަނޑިޔާރު ހައްޔަރު ކުރައްވައިގެން ގެންދެވީވެސް ރައީސް ނަޝީދު އަމިއްލަ ފުޅަށް ހެންނެވެ. ކޮރަޕްޝަންގެ މައްސަލަތައް ބަލާނެކަމަށް ވައުދުވެގެން އައި ސަރުކާރުން ދެން ފެނިގެން ދިޔައީ ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަވަމުން ދިޔަތަނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް، އެމެމްބަރުންނަށް މަޖިލީހުގެ އިދާރާއިން ދެވޭ މުސާރައިގެ އިތުރަށް، "މުލީއާގެ އިން ދެވޭ އެލަވަންސް" ވެސް ލިބިގެން ދިޔަތަނެވެ. އެއްމެ ފުރަތަމަ މިވާހަކަ ދެކެވުނީ ސިއްރިއްޔާތުގައި އެވެ. އެހެންނަމަވެސް، ފަހުން އެވާހަކަ ދެކެވެންފެށި، އަދި އިދިކޮޅުގައި ހަރަކާތްތެރިވި ފަރާތްތައް ހުރަގޭ ބަންދަށް ގެންދެވެން ފެށުމާއެކު، "އަނިޔާވެރިކަމާއި، ވައްކަމާއި އަދި ކޮރަޕްޝަނާއި ދެކޮޅަށް" ކެޕްމޭނެއް ފެށިގެން ދިޔައެވެ.

މިފެށުނު ކެމްޕޭނުގެ ނަތީޖާއަކަށްވީ، އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން އެކައްޗެއް ކިޔައި، ޔާމީނު ނޫން އެހެން ގޮތެއް ހޯދުމަށް ކަމަށްބުނެ 2018 ގެ ރިޔާސީ ރޭހަށް ނިކުންނެވި އެވެ. އެއްމެ އަޑުބާރުކޮށް ދެކެވުނީ، 2013 އިން 2018 އަށް ހިނގައިދިޔަ ކޮރަޕްޝަންގެ ބޮޑު މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނަތުގައި ހިމެނޭ އެއްމެހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރާނެ ވާހަކަ އާއި، "ވަގަށް ނަގާފައިވާ ހުރިހާ ފައިސާއެއް" ހޯދާނެ ވާހަކައެވެ. އަދި އަނިޔާ ލިބުނު ހުރިހާ ފަރާތްތަކަށް އިންސާފު ހޯދައިދޭނެ ވާހަކައެވެ. ވެރިކަމުގެ ދައުރުގައި ބާކީ އޮތީ ދޮޅު މަހެއްހާ ދުވަހެވެ. ކުރީގެ ރައީސް ޔާމީނު ޖަލަށް ލުން ފިޔަވައި ކުރެވުނު އިތުރު ކަމެއް އެބައޮތްބާވައެވެ. އެއްކަމެއް ހަމަޔަގީނުންވެސް ކުރެވުނެވެ. އެއީ ދައުލަތުގެ މާލިއްޔާ އިން އިތުރު ފައިސާތަކެއް ގެއްލުމެވެ. ވެންޓިލޭޓަރު ގަތުމަށް ކަމަށް ބުނެ، ނުވެސް ދަންނަ ބޭރުގެ ކުންފުންޏަކަށް ވެސް ބޮޑު އަދަދަކުން ފައިސާ ދިނީއެވެ. ލިބުނު އެއްޗެއް ހަރާމެވެ. ބަޔަކު ނިކުމެ އެވާހަކަ ދައްކަން ފެށީމަ، މަސްއޫލިއްޔަތާއި ހަވާލުވެ ހުންނެވި ވަޒީރު ވަކި ކުރެވިގެން ދިޔަތަން ފެނުނެވެ. އެހެނެއްކަމަކު، ފައިސާ އަށް ވީގޮތެއް ނޭގުނެވެ. އިންސާފުގެ ވާހަކަ ދައްކާނެ ޖާގަ އެއްވެސް ނެތެވެ. ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައ ވަކިކުރި ވަޒީރުގެ މައްޗަށް ކުރި ދައުވާތައްވެސް އަނބުރާ ގެންދިޔައީއެވެ. ވަޒީރު ކަމުން ވަކިކުރީމަ އައި ރުޅީގަ، ވަލިއްޔުލް އަމުރާއި އެމްއެމްޕީއާރުސީގެ ޚިޔާނަތާއި ގުޅުވާ ދެއްކެވި ވާހަކަވެސް ވީ ސްމޯކް ސްކްރީނަކަށެވެ. 

އަނެއްކާވެސް އެއްކަލަ ސިޔާސީ މީހުންގެ ތެރެއިން ބަޔަކު ނިކުމެ ގެއްލުނު ފައިސާ ހޯދާނެ ވާހަކަ އާއި އިންސާފުގެ ވާހަކަ ނިކަން އަޑަށް ބާރުލާފައި ދައްކަވަން ފަށައިފިއެވެ. މިފަހަރު އިބްރާހިމް މުހައްމަދު ސޯލިހު ނޫން އެހެން ގޮތެއް ހޯދުމެއް ކަމަށް ބުނެއެވެ. ހަމަ ވާނީ އެކައްޗެއް ކަމާއި މެދު އެއްވެސް ޝައްކެތް ކުރާނެ ޖާގައެއް މިހާރަކު ނެތެވެ. އެއީ ރައްޔިތުން ގުނބޯ ހައްދަން ދައްކަވާ ވާހަކައެއްކަން މިހާރު އެއްމެން ހެން ގަބޫލުކުރާނެއެވެ. އެހެނީ، ތިއީ ހަމައެއް ބައެކެވެ. ކޮންމެ 5 އަހަރަކުން އެހެން ކުލައެއްގައި ރައްޔިތުން ގުނބޯ ހައްދަނީއެވެ. ތިޔަކަން ހުއްޓާލާކަށް ނުވޭތޯއެވެ.

86%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް