ads
މުސްތަފާ ލުތުފީ، ފޮޓޯ: ރައީސް އޮފީސް
ޑރ. މުސްތަފާ ލުތުފީއަށް ދައުލަތުގެ މަތީ އިއްޒަތް އަރުވައިފި
ދައުލަތުގެ ގިނަ މަގާމުތަކެއް ދިގު މުއްދަތަކަށް ފުރުއްވާފައިވާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ އަށް ދިވެހި ދައުލަތުގެ މަތީ އިއްޒަތް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް މިއަދު އަރުވައިފިއެވެ.

މި އިއްޒަތް ނިސްބަތް ވަނީ އައްސުލްތާން މުހައްމަދު ގިޔާސުއްދީން ރަދުންނަށެވެ. ދައުލަތުގެ އެކި މަގާމްތަކުގައި މުސްތޮފާ ހިދުމަތް ކުރައްވާތާ 30 އަހަރު ވެއްޖެއެވެ.

ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީގެ މަގާމުގައި މިހާރު ހުންނެވި މުސްތޮފާ އަށް ދައުލަތުގެ އެންމެ މަތީ އިއްޒަތް އެރުއްވީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މުސްތޮފާއަކީ ރާއްޖޭގެ ތައުލީމީ ނިޒާމު ތަރައްގީކޮށް، ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. 

ރަށްރަށުގައި ކޮމިއުނިޓީ ސްކޫލްތައް ފެށިގެން އައިއިރު ކުރިމަތިވި ދަތިތަކާއި ގޮންޖެހުންތައް ހުރަސްކުރައްވައި ކޮމިއުނިޓީ ސްކޫލްތަކާ އެކު އަތޮޅުތަކުގެ ތައުލީމީ ހަލަތު ރަނގަޅުކުރައްވާ އަދި ތައުލީމުގެ މުހިންމުކަން ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތްތަކެއް ކުރެއްވި އެވެ.

ވަށައިޖެހޭ ތައުލީމު ތައާރަފުކުރައްވައި، ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ ގުޅުން ބަދަހިކުރެއްވުމުގައި މުހިންމު މަސައްކަތްތަކެއް މުސްތޮފާ ކުރެއްވިއެވެ.

މުސްތޮފާ ވަނީ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. އެ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތް ނުކުރާ ގައުމުތަކުގެ ޓޫރިސްޓުން ގެނައުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ޓޫރިޒަމް ކުރިއެރުއްވުމަށް ކުރެއްވި ހިދުމަތްތަކުގެ އަގު ވަޒަންކޮށް، ދިވެހި ދައުލަތުން، ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް ވެސް އޭނާއަށް އަރުއްވާފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް