ads
ރައީސް އިބްރާހިމް މުހައްމަދު ސާލިހު
މިނިވަން ދުވަހުގެ ކުޅިވަރުތައް ރައީސް ބައްލަވާލައްވައިފި
ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރުފުރޭ، 59 ވަނަ މިނިވަންދުވަހުގެ މުނާޞަބަތުގައި މިރޭ ރަސްމީ ދަނޑުގައި ބޭއްވެވި، ހެވިކަމުގެ ހަރަކާތްތަކާއި، ޝަރަފްގެ ހިނގާލުން އަދި ކުޅިވަރުގެ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ބުނީ މިރޭ ބޭއްވި ކުޅިވަރު ހަރަކާތްތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާ ވެސް ރަސްމީ ދަނޑަށް ވަޑައިގެންނެވި ކަމަށެވެ.

 
މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ބައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް ވަނީ، ރިޔާސީ ކުރުނީހެއް އަރުވާފައެވެ. 

ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ގައުމީ ސަލާން ކުޅުނެވެ. އޭގެފަހުން، ކުރިއަށްދިޔަ ދިވެހި ސިފައިންގެ ލަޝްކަރިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.

މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބޭއްވި، ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓްކޯގެ ޝަރަފްގެ ހިނގާލުމުގައި މާލޭގެ 14 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.

 ކުޅިވަރު ހަރަކާތްތައް ހުށައަޅާފައި ވަނީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިތުރުން، ހުޅުމާލެ ޖޫނިއާ އަދި ސީނިއަރ ގުރޫޕުންނާއި، މާލޭގެ ހެންވޭރާއި މާފަންނުގެ ދެގުރޫޕުންނާއި، ކ. ކާށިދޫ ރައްޔިތުންގެ ފަރާތުންނާއި، ހއ. ވަށަފަރު ރައްޔިތުންގެ ފަރާތުން އަދި ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުންކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިއަހަރަކީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރުނު އަހަރެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ، 26 ޖުލައި 1965 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް