އާއިލާގެ ބައެއް މެމްބަރުންނާ އެކު އޭނާ އެމްޑީޕީއާ ގުޅިވަޑައިގެން، ފޯމުތައް މިއަދު ހަވާލުކުރެއްވީ އެމްޑީޕީގެ އިސް ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއެވެ.
ޖޭޕީން ސިޔާސީ ހަޔާތް ފެއްޓެވި ހަނަފީ މި ސަރުކާރުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ވަޑައިގަތީ ވެސް އެ ޕާޓީގެ ސްލޮޓެއްގައެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ޖޭޕީ ވަކިން ވާދަކުރަން ނިންމި ހިސާބުން އޭނާ ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.
އޭނާ ތާއީދު ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެވަނަ ދައުރަކަށް ކަމަށް ވެސް އޮތީ ވިދާޅުވެފަ އެވެ.
ޖޭޕީން ވަކިވެވަޑައިގަތުމަށް ނިންމަވައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފޮނުއްވި ސިޓީއެއްގައި ހަނަފީ ވިދާޅުވެފައި ވަނީ އެ ޕާޓީގެ ވިސްނުން މިހާރު ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް އޭނާ އަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
އޭނާ ވަކިވެވަޑައިގަތީ ގާސިމްގެ އެޑްވައިޒަރުކަން ހުށަހަޅާފައި އޮއްވައި އެކަން ވެސް ގަބޫލުނުކުރައްވައެވެ.
ދެ ވަނަ ދައުރަކަށް ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ދައުވަތު ގަބޫލުނުކުރައްވައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވަން ގާސިމް ނިންމެވުމުން އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ޕާޓީއާ ދުރަށް ވަޑައިގެންފަ އެވެ. އޭގެތެރޭގައި، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ހިމެނިވަޑައިގަންނަވައެވެ.