ads
ޑިމޮކްރެޓްސް އާއި ޕީޕީއެމް ކޯލިޝަނުގެ ބައްދަލުވުމެއް
ނަޝީދުގެ ދައުވަތަށް ޕީޕީއެމްގެ ރައްދު: ގޮތް ނިންމާާނީ ރައީސް ޔާމީން
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް ޕީޕީއެމް ވުމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ދައުވަތަށް ގޮތެއް ނިންމުމުގެ ބާރު އޮންނާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ ޕާޓީން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޔާމީން މި ވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގައެވެ.

އެހެން ނަމަވެސް ޔާމީންގެ ކެންޑިޑެސީ ފޯމުގެ މަސައްކަތް ފަށައި، އެމަނިކުފާނުގެ ރަނިން މޭޓަކަށް ކުރީގެ ނައިބު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ހަމަޖައްސަވައިފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޑިމޮކްރެޓްސް އިން ބޭއްވި ކެމްޕޭން ޖަލްސާގައި، ކުރީގެ ރައީސް ނަޝީދު ފުރަތަމަ ވެސް އިޝާރާތް ކުރެއްވީ ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ނެތް ކަމެވެ. 

އެހެންވެ އިލްޔާސްގެ ރަނިން މޭޓަކަށް ވުމަށް ޕީޕީއެމަށް ދައުވަތު ދެއްވިއެވެ.

އޭގެ ބަދަލުގައި ބައެއް މީޑިއާ ތަކާއި ވާހަކަ ދައްކަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ވޯޓު ކަރުދާހުގައި ޔާމީންގެ ނަން އޮންނާނެ ކަމުގެ އުންމީދު ކަނޑާލަން އަދިވެސް އަވަސް ކަމަށެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން، އަދި މިހާރު ކެންޑިޑޭޓު އެ ވަނީ ރަނިން މޭޓު ވެސް އިހުތިޔާރު ކުރައްވާފައި، އަޅުގަނޑުމެން މި ތިއްބެވީ އެ ރޫހުގައި މަސައްކަތް ކުރަން. ނަޝީދު ދެއްވާ ދައުވަތުތަކާ މެދު ގޮތެއް ނިންމެވުމުގެ ބާރު އޮތީ ވެސް ޔާމީނަށް،" -ޝިޔާމް-

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފައެވެ. އިސްތިއުނާފު އަވަސް ކުރަން ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު މަތިން ދުސްތޫރީ މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ކޯޓަށް ބަލައިނުގަތެވެ.

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް