ads
ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާއިން އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ - ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ
ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ލިސްޓުގެ 3 ވަނައަށް ޗައިނާ ޖެހިލައިފި
ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ލިސްޓުގެ ތިންވަނައަށް ޗައިނާއިން ޖެހިލައިފިއެވެ.
Advertisement

ކޮވިޑު-19 ގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމަކީ ޗައިނާއެވެ. ޗައިނާއިން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާ އެކު، މި އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެ ގައުމުން ވަނީ ސީދާ ދަތުރުތައް ރާއްޖެއަށް ކުރަން ފަށާފައެވެ. 

ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ފެށުމާ އެކު، އެ ގައުމުން ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ޗައިނާއިން 91،555 ފަތުރުވެރިން އައިސްފައިވެއެވެ. މިދިޔަ ޖޫން މަސް ނިމުނުއިރު އެ ގައުމު އޮތީ ފަތުރުވެރިކަމުގެ މާކެޓުގެ ހަ ވަނައިގައެވެ.

މާކެޓުގެ ފަސްވަނައިގައި އޮތް އިޓަލީގެ މައްޗަށް ޗައިނާއިން ކުރި ހޯދާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. ހަތަރުވަނައިގައި އޮތް ޖަރުމަނުވިލާތް ފަހަތަށް ޖައްސާލުމަށްފަހު ފަތުރުވެރިކަމުގެ މާކެޓުގެ ހަތަރުވަނައަށް ޗައިނާއިން އަރާފައިވަނީ މަހުގެ ކުރީކޮޅުގައެވެ.

މި އަހަރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ތިން ގައުމުގެެ ތެރޭގައި ޗައިނާ ހިމެނޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ދާދިފަހުން ލަފާކޮށްފައެވެ. އެ މިނިސްޓްރީން ލަފާކޮށްފައިވަނީ މި ފެށޭ މަހުގެ ކުރީކޮޅު ޗައިނާއިން ފަތުރުވެރިކަމުގެ މާކެޓުގެ ތިންވަނަ ހޯދާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން:

  • އިއްޔެގެ ނިޔަލަށް 1،070،765 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ
  • މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 13.6 އިންސައްތައިގެ އިތުރުވުމެއް
  • މިދިޔަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އައިސްފައިވަނީ 942،451 ފަތުރުވެރިން

ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 141،158 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ކުރީ އަހަރާ އަޅާބަލާއިރު އެއީ 9.2 އިންސައްތައިގެ އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 5،075 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް 7.7 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • ރަޝިއާ - 126،504 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.8 އިންސައްތަ)
  • އިންޑިއާ - 122،375 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.4 އިންސައްތަ)
  • ޗައިނާ - 91،555 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.6 އިންސައްތަ)
  • އިނގިރޭސިވިލާތް - 89،769 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.4 އިންސައްތަ)
  • ޖަރުމަނުވިލާތް - 72،608 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 6.8 އިންސައްތަ)

މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޒަލޭންޑް އަދި އޮސްޓްރޭލިއާއިންނެވެެ.

ރާއްޖެ އާއި ޗައިނާ އާ ދެމެދު ދަތުރުތައް ރަސްމީކޮށް ފެށުމާ ގުޅިގެން ވީއައިއޭ ގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ ޗައިނާ މާކެޓުގެ ރަންޒަމާނުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 30 އިންސައްތަ ހިއްސާކުރީ އެ މާކެޓުން ކަމަށެވެ. އެއީ ގާތްގަނޑަކަށް 360،000 އާ ގާތްކުރާ އަދަދެއް ކަމަށް މަައުސޫމް ވިދާޅުވިއެވެ. މައުސޫމް ވިދާޅުވި ގޮތުގައި އެންމެފަހުން ޗައިނާ ފަތުރުވެރިން ޒިޔާރަތްކުރީ 2019 ވަނަ އަހަރު ކަމަށާއި އެ އަހަރު 284،029 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމުގައެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ޗައިނާއިން ރާއްޖެއަށް ދަތުރުތައް ފެށި ނަމަވެސް، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމަކަށް އެ ގައުމުވުން ގާތްކަމަށާއި އެކެއް ނުލިބުނަސް ގަދަ ތިނެއްގައި ޗައިނާ މާކެޓް ހިމެނޭނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

ސަރުކާރުން އަމާޒުކުރީ މި އަހަރު 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް ނަމަވެސް އެ އަމާޒަށްވުރެ އިތުރު އެއްލައްކަ ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް