ads
ފޮޓޯ: އަލްޖަޒީރާ
އަފްޣާނިސްތާނަކީ ވިއެޓްނާމެއް ނޫން: އެމެރިކާއަށް ހަށި ފޮޅާލަން ފަސޭހައެއް ނުވާނެ
ތާލިބާންއާ އެމެރިކާއިން ދޯހާގައި ސޮއިކޮށްފައިވާ ސުލްހައިގެ އެއްބަސް ވުމަކީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައިގެން ދިއުމަށް މަގުފަހިކުރުމަށް ސޮއިކޮށްފައިވާ އެއްބަސް ވުމެކެވެ. އަދި އެމެރިކާ އިން އުއްމީދު ކުރަނީ މިއިން އަފްޣާނިސްތާނުގައި ތާލިބާނުން ހިންގާ ޓެރަރިސްޓް އަނިޔާވެރި އަމަލުތަށް މަދުކުރެވޭނެ ކަމަށެވެ.
Advertisement

މިއެއްބަސްވުން އަދި ފުރިހަމަ ނުވަނީސް ތާލިބާނުން ވަނީ އެމެރިކާއަށް އަފްޣާނިސްތާންގައި ހަމަލާދޭން ފަށްޓާފައެވެ. އަދި ރައްދުގައި އެމެރިކާއިން ވެސް ވަނީ ހަމަލާތަށް އިތުރު ކޮށްފައެވެ. މި އެއްބަސް ވުމަކީ އެމެރިކާ ރައީސް ޓްރަމްޕް ބޭނުންވެ ވަޑައިގަންނަވާ އެއްޗެކެވެ. ޓެރަމްޕް ބޭނުންފުޅުވަނީ އެމެރިކާއިން ހިންގާ ނިމުމެއް ނެތް ހަނގުރާމަތަށް ހުއްޓުމަށް މަސައްކަތް ކުރެއްވުމެވެ. އެމެރިކާއިން އަފްޣާނިސްތާނަށް ދިޔައީ ސެޕްޓެމްބަރު 11 ގެ ޓެރަރިސްޓް ހަމަލާ އަށްފަހު އަފްޣާނިސްތާނުގައި ޖަގަހަ ހަދައިގެން ތިބި އަލްގައިދާ މީހުން މައިތިރި ކުރުމަށެވެ. އެމެރިކާއިން ވަނީ މިކަމުގައި މިހާރު ކުރި ހޯދާފައެވެ. އެހެންވީ އިރު އެމެރިކާއިން ދެކެނީ ދެން އިތުރަށް އަފްޣާނިސްތާންގައި ލޭ އޮހޮރުވާލައި ބޭކާރު ހޭދަތަށް ކުރުމަށް ތިބުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަފްޣަނިސްތާންގެ ތާލިބާނުން މި އެއްބަސް ވުމަށް އިހްތިރާމް ކުރާނެތޯ ނުވަތަ ނޫންތޯ ސާފުވާނީ ދުވަސްކޮޅެއް ފަހުންނެވެ. ދޯހާ އެގްރިމެންޓްގެ މަގްސަދަކީ އަފްޣާނިސްތާންގެ ފަސްގަނޑު އެއްވެސް ފަރާތަކުން އެމެރިކާއާ ދެކޮޅަށް ނުވަތަ އެމެރިކާގެ ބައިވެރިއަކާ ދެކޮޅަށް ބޭނުން ނުކުރުމަށާއި އަދި އެއްވެސް ފަރާތަކަށް އެމެރިކާގެ މައްސަލަތަށް ހަމަލާދިނުމަށް އަފްޣާނިސްތާން ބޭނުން ކުރުމަށް ފުރުސަތު ނުދިނުމަށް ތާލިބާނުން އެއްބަސްވުމެވެ. 

ތާލިބާނުން ދެކޭ ގޮތުގައި އެމީހުން އެމެރިކާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ކާމިޔާބު ލިބުނީ އެމީހުންނަށެވެ. އިސްލާމީ ދުނިޔޭގައި އުޅޭ ހަނގުރާމަވެރި އިސްލާމީ ޖަމާއަތުތަކަށް ލީޑަރަކަށް ވެފައި މިތިބީ މިހާރު ތާލިބުންނެވެ. އަދި ހަރުކަށި އިސްލާމީ ޖަމާއަތްތަކުން ވެސް ދެކެނީ މިއީ އެމީހުންގެ ބްރޭޑްގެ ހަރުކަށިކަން ދެއްކުމުން ލިބުނު ކާމިޔާބީ އެއް ކަމުގައެވެ.

މި އެއްބަސް ވުމަކީ އޭގެ ޒާތުގައި ވެސް ހޮޅި އެއްބަސްވުމެކެވެ. ތާލިބާނުންނަކީ ހުދު މުހުތާރު ޖަމާއަތެކެވެ. އެމީހުން ވަނީ ޕާކިސްތާންގެ އެހީތެރިކަމާއެކު އެޖަމާއަތް އުފެދުނު ދުވަހުން ފެށިގެން އަފްޣާނިސްތާން މީހުންނަށް އަނިޔާއާއި ތަހައްމަލު ނުކުރެވޭ ފަދަ ކެކުޅުންތަކާ ކުރިމަތި ކުރުވާފައެވެ.

ތާލިބާނުން ދެކެނީ އެމީހުން އުފެއްދި އިސްލާމީ އިމާރާތް އަދިވެސް ދެމިއޮތް ކަމަށެވެ. އެމެރިކާއިން ސޮއި ކޮށްފައިވާ ދޯހާ އެއްބަސްވުމުގައި ތާލިބާނުން އަފްޣާނިސްތާންގައި ހިންގި އިސްލާމީ އިމާރާތަށް ރިފެރެންސް ދީފައި ވެއެވެ. ދޯހާ އެއްބަސްވުމުގައި ވާ އިބާރާތަކީ "އަފްޣާނިސްތާންގެ އިސްލާމީ އިމާރާތް" މިހެންނެވެ. 

ދެވަނަ ބާބުގެ 5 ވަނަ މާއްދާގައި ވަނީ ވަރަށް އާދަޔާ ހިލާފް ވާހަކައެކެވެ. އޭގައި ވަނީ "އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ ސަލާމަތަށް ނުރައްކާ ކުރާ ފަރާތްތަކަށް ވިޒާއާއި ޕާސްޕޯޓާއި ދަތުރު ހުއްދައާއި  ލީގަލް ޑޮކިޔުމަންޓްތައް ދީގެން ނުވާނެ" ކަމުގައެވެ. 

މިހިނދު މިކަން ކަމަކީ ގައުމުތަކުގައި ގާއިމްވެފައިވާ ސަރުކާރުތަކުން ކުރާ ކަންކަމެވެ. އަދި މިތާނގައި ތާލިބާންގެ އިސްލާމީ ވެރިކަމަށް މި މޭރުމުން އިޝާރާތް ކުރުމުން ދޭހަ ވަނީ ތާލިބާންގެ އިސްލާމީ ވެރިކަން އެމެރިކާއިން ބަލައިގަތީ ކަމުގައެވެ. 

ކޮންމެ ގޮތަކަށް ބެލި ނަމަވެސް ކޮންމެ ސުލްހައިގެ އެއްބަސްވުމަކ އެއްފަރާތަކުން އެއްޗެއް ހޯދައި އަދި އަނެއް ފަރާތުން އެއްޗެއް ލިބިގަންނަން ސޮއިކުރާ ޑޮކިއުމެންޓެކެވެ. އަދި ސުލްހައިގެ އެއްބަސްވުންތަކުގައި ހުންނަ ހާއްސަ އިބާރާތްތަކަކީ އެއްބަޔަކު އަނެއްބަޔަކު ރުއްސަން ހިމަނާ ޑިޕްލޮމެޓިކް އިބާރާތްތަކެއްކަމުގައި ވީނަމަވެސް ވިސްނާލަން ޖެހޭ ކަންތައްތަކެއް މި އެގްރިމެންޓްގައި އެބަހުއްޓެވެ. 

މީގައި ބުނާ ގޮތުން ފަސްހާސް ކުށްވެރިން ދޫކުރަން ޖެހޭނެއެވެ. ތާލިބާންގެ ކުށްވެރިން ދޫކުރަން މީގައި ބުނެވިފައިވާ ތާރީހަކީ 10 މާރޗް 2020 ގައެވެ. މި އެއްބަސް ވުމުން މިވާހަކަ ހިމެނިފައިވަނީ މިކަމުގެ އަސްލު ބާރު ލިބިގެންވާ ފަރާތްކަމުގައިވާ އަފްޣާނިސްތާން ސަރުކާރުގެ އެއްވެސް މަޝްވަރާއެއް ނެތިއެވެ. މި ކުށްވެރިން ތިބި އަފްޣާނިސްތާން ގެ ސަރުކާރުގެ ބެލުމުގެ ދަށުގައެވެ. 

އަދި ކުށްވެރިންގެ ވާހަކަ ވަކި ޖޮއިންޓް ޑިކްލަރޭޝަނެއްގައިވެސް ހިމަނާފައި ވެއެވެ. މި ޖޮއިންޓް ޑިކްލަރޭޝަން ހަދާފައިވަނީ، އިސްލާމިކް ރިޕަބްލިކް އޮފް އަފްޣާނިސްތާނާއެކުގައެވެ. 

އެމެރިކާ މީހުންގެ ޝުއޫރު މި ސުލްހައިގެ އެއްބަސްވުމާމެދު ވަރަށް ތަފާތެވެ. އެމެރިކާ މީހުން ދެކޭ ގޮތުގައި މި ސުލްހައަކީ އެމެރިކާއަށް ކާމިޔާބު ވާނެއެއްޗެއް ނޫނެވެ. ނުވަތަ ސުލްހަ ފެށުމުގެ ކުރިން މިއޮތީ ނާކިޔާމިޔާބު ވެފައެވެ. އަދި އެފަރާތްތަކުން ދެކޭ ގޮތުގައި އަފްޣާނިސްތާނަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް އެންމެ އިސް އަދި އެންމެ މުހިންމު މައްސަލައެއްވެސް ނޫނެވެ. 

ކެތްތެރިކަމާއި ތާރީހުން އިބްރަތް ލިބިގަތުމަކީ އެމެރިކާ ރައްޔިތުންނާއި އެމެރިކާގެ ވެރިން ދަންނަ ކަމެއް ނޫނެނެވެ. ތާލިބާނުންނާއެކު އެމެރިކާއިން ސޮއިކުރި އެއްބަސްވުމަކީ، ވިއެޓްނާމް ހަނގުރާމަ ނިންމުމަށް އެމެރިކާއިން ސޮއިކުރި ޕެރިސް މުއާހަދާއާއެއްގޮތަށް ސޮއިކޮށްފައިވާ އެއްބަސްވުމެވެ. 67 ސަފްހާގެ ވިއެޓްނާމާ ގުޅޭ ޕެރިސް މުއާހަދާ އަކީ 27 ޖެނުއަރޯ 1973ގައި ޕެރިހުގައި ސޮއިކޮށްފައިވާ މުއާހަދާއެވެ. މި އެއްބަސްވުމުގައި ސޮއިކުރިތާ ދެ އަހަރު ފަހުން މީގައި ސޮއިކުރި އެއްފަރާތްކަމުގައިވާ ދެކުނު ވިއެޓްނާމްގެ ސަރުކާރު، ވިއެޓް ކޮންގްއިން، ހަމަ އެ އެއްބަސްވުމުގައި ސޮއިކުރި އެހެން ފަރާތެއްކަމުގައިވާ ކޮމިއުނިސްޓް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ވިއެޓްނާމްގެ އެހީގައި އެމެރިކާ ސިފައިން ބަލިކޮށްލިއެވެ. 

މި އެއްބަސްވުމާއި ތާލިބާން އާއި އެމެރިކާއިން ސޮއިކުރި ދޯހާ އެގްރިމެންޓާ ތަފާތުތަކެއްވެސް އެބަހުއްޓެވެ. މާއްދާތަކާއި އެގްރިމެންޓްގެ ތަފްސީލުގައިވެސް ތަފާތެއް އެބަހުއްޓެވެ. ދޯޙާ އެގްރިމެންޓަކީ 4 ސަފްހާގެ އެގްރިމެންޓެކެވެ. ޕެރިސް ސުލްހައިގެ މުއާހަދާގައި އުތުރު ވިއެޓްނާމްގެ ސަރުކާރުން ސޮއިކުރި ނަމަވެސް ތާލިބާންއަށް ވާގިވެރިވާ ޕާކިސްތާނުން މި އެގްރިމެންޓްގައި ސޮއިކޮށްފައެއް ނުވެއެވެ. 

ޕެރިސް މުއާހަދާގައި ސޮއިކޮށްފައިވަނީ އެއިރުގެ އެމެރިކާގެ ހާރިޖީ ވަޒީރު ވިލިއަމް ޕިއާޒް ރޯޖާޒްއެވެ. މި އެގްރިމެންޓާ ގުޅޭ ސުލްހައިގެ ވާހަކަތައް ހިންގާފައިވަނީ ހެންރީ ކިސިންޖަރއެވެ. ދޯހާ އެގްރިމެންޓްގެ މަޝްވަރާތައް ބޭއްވެވީ ޒަލްމާއޭ ހަލީލްޒާދާ އެވެ. އަދި އެގްރިމެންޓްގައި ސޮއިކުރެއްވީ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯއެވެ. މި އެއްބަސްވުން ކާމިޔާބު ވެއްޖެނަމަ އޭގެ މޮޅު ލިބޭނީ ޕޮމްޕިއޯއަށެވެ. އަދި ނާކާމިޔާބު ވެއްޖެނަމަ އޭގެ ބަދުނާމުތަކާ ހަވާލުވާން ޖެހޭނީ ޒަލްމާއޭ ހަލީލްޒާދާއަށެވެ. 

އަފްޣާނިސްތާނަކީ ވިއެޓްނާމެއްވެސް ނޫނެނެވެ. އަފްޣާނިސްތާން މީހުންނަކީ ހިތްވަރުގަދަ ބައެކެވެ. ތާލިބާނުން އަފްޣާން މީހުނަށް ދުއްތުރާ ކުރާނަމަ އަފްޣާން މީހުން ތާލިބާނާ ކުރިމަތިލާނެއެވެ. އެމެރިކާއިން އެހީތެރިކަން ލިބުނަސް ނުލިބުނަސް އެމީހުން ތާލިބާނާ ދެކޮޅަށް ތެދުވާނެއެވެ. އެމެރިކާގެ މުހައްލިލުންނާއި އަސްކަރީ ފަރާތްތަކުންވެސް ދެކޭ ގޮތުގައި މިއީ އެމެރިކާއަށް ފަސޭހައިން ވާނޭ ކަމެއް ނޫނެވެ. އެމެރިކާއިން ވިއެޓްނާމުން ބޭރުވެގެން ދިޔަހާ ފަސޭހައިން އަފްޣާނިސްތާނުން ފައިބައިގެން ދިއުން އެމެރިކާއަށް ފަސޭހައެއް ނުވާނެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް