ފާރިސް މިއަދު ވިދާޅުވީ އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުން ފޯމާއެކު ހުށަހަޅަން ޖެހޭ އެންމެ މަދު އަދަދު ކަމަށްވާ 1500 ސޮއި ހަމަވެއްޖެ ކަމަށެވެ. ނަމަވެސް އަދިވެސް އިތުރު ސޮއި ހޯއްދަވަމުން ގެންދަވާ ކަމަށް ވެސް ފާރިސް ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ކެމްޕޭންގައި ހަރަކާތްތެރިވާނެ ވޮލަންޓިއަރުން ހޯއްދަވަމުން ގެންދަވާ ކަމަށް ވެސް ފާރިސްވަނީ ވިދާޅުވެފައެވެ. އިންތިހާބަށް ކުރިމަތިލުމަށް 1500 ސޮއި ހަމަކުރުމުގެ މަސައްކަތް ފާރިސް ފައްޓަވާފައިވަނީ ފާރިސް ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމް އުވާލަން އިލެކްޝަނުން ނިންމާފައިވާތީ ކުރިމަތިވެދާނެ ގޮންޖެހުންތަކަކުން ސަލާމަތްވެވަޑައިގެންނެވުމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިނގާ ކޯލިޝަންގައި ވެސް ހިމެނޭ އެމްއާރުއެމުން ވަނީ ކުރިއަށް އޮތް އިންތިހާބުގައި އެމަނިކުފާނަށް ތާއީދު ނުކުރަން ނިންމާފައެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން ބޭނުންވާ 1500 ސޮއި ހަމަ ކުރެއްވިއިރު ފާރިސްގެ ރަނިންމޭޓަކީ ކޮންބޭފުޅެއްކަން އިއުލާން ކުރައްވާފައެއް ނުވެއެވެ.