ads
ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރަނީ: ބަޖެޓު ކުރި އަދަދަށްވުރެ އިތުރަށް ތަރައްގީގެ ބައެއް މަޝްރޫއުތަކަށް ވަނީ ހޭދަކޮށްފައި - ފޮޓޯ:އެމްޑަބްލިއުއެސްސީ
ބަޖެޓަށްވުރެ އިތުރަށް މަޝްރޫއުތަަކަށް 943 މިލިއަން ރުފިޔާ ހޭދަކޮށްފި
ދައުލަތުގެ ބަޖެޓުން ތަރައްގީގެ މަޝްރޫއުތަކަށް ނުވަތަ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކަނޑައެޅި އަދަދަށްވުރެ އިތުރަށް 943.8 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ބަޖެޓުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމުގެ މަޝްރޫއުތަކަށާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަޝްރޫއުތަކުގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި މަޝްރޫއުތަކަށް ކަނޑައެޅި އަދަދަށްވުރެ އިތުރަށް ވަނީ ހޭދަކޮށްފައެވެ.

ނިމިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމުގެ މަޝްރޫއުތަކަށް 908.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މި އަހަރުގެ ބަޖެޓުގައި އެފަދަ މަޝްރޫއުތަކަށް ކަނޑައަޅާފައިވަނީ 643.8 މިލިއަން ރުފިޔާއެެވެ.

ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތަކަށް 395 މިލިއަން ރުފިޔާ ކަނޑައަޅާފައި ވީނަމަވެސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތަކަށް 732.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މަގު ހެދުމުގެ މަޝްރޫއުތަކަށް މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 764 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މި އަހަރުގެ ބަޖެޓުގައި މަގު ހެދުމުގެ މަޝްރޫއުތަކަށް ކަނޑައަޅާފައިވަނީ 451.8 މިލިއަން ރުފިޔާއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ދަނޑުވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް 95.8 މިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް އެ ދާއިރާތަކުގެ މަޝްރޫއުތަކަށް 125 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މި އަހަރުގެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކަށް 8.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ތަރައްގީގެ މަޝްރޫއުތަކަށް 6.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް