އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު 2 ޖެހިއިރު ހަމަވިއިރު އިންތިހާބުގައި މިނިވަންކޮށް 3 ކެންޑިޑޭޓަކު ވަނީ ވާދަކޮށްފައެވެ.
އަދި އެކި ސިޔާސީ ޕާޓީތަކުން 5 ކެންޑިޑޭޓަކު ވަނީ ވާދަ ކުރައްވާފައެވެ.
މީގެ ތެރެއިން ފޯމުގެ ކަންކަން ޗެކްކޮށް މިނިވަން ތިން ކެންޑިޑޭޓުން ފިޔަވައި ދެން ތިއްބެވި ބޭފުޅުންގެ ކެންޑިޑެސީ ފޯމު އީސީން ވަނީ ބަލައި ގެންފައެވެ.
އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުން:
1. އިބްރާހިމް މުހައްމަދު ސޯލިހު / އެމްޑީޕީ
2. ޑރ.މުހައްމަދު މުއިއްޒު / ޕީއެންސީ
3. ގާސިމް އިބްރާހިމް / ޖުމްހޫރީ ޕާޓީ
4. މުހައްމަދު ނާޒިމް / އެމްއެންޕީ
5. އިލްޔާސް ލަބީބް / ޑިމޮކްރެޓްސް
މިނިވަން ކެންޑިޑޭޓުން:
1. އަހުމަދު ފާރިސް މައުމޫން
2. އުމަދު ނަސީރު
3. ހަސަން ޒަމީލް
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، މިއަންނަ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހު އޮންނާނެއެވެ. މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މިފެށޭ ހަފްތާގެ ބުދަ ދުވަހު ބޭއްވުމަށް އީސީ އިން ވަނީ ނިންމާފައެވެ.
މިބައްދަލުވުން ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ އެ ދުވަހުގެ ހަވީރު 4:00 އިން 5:30 އަށެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ނަން ތަރުތީބު ކުރުމުގެ ބައްދަލުވުމުގައި ކެންޑިޑޭޓުން ބައިވެރިވުމަށް އިސްކަންދޭނެ ކަމަށެވެ.
ކެންޑިޑޭޓަށް ބައިވެރި ނުވެވޭނަމަ ބަދަލުގައި ކެންޑިޑޭޓުގެ މަންދޫބަކަށް ބައިވެރިވެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.