
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގެ މެޗުގައި މިއަދު ވާދަކުރާނީ ބޫޓާންގެ ޕަރޯ އެފްސީއާ ނޭޕާލްގެ މަޗިންދްރާ ޔުނައިޓެޑެވެ. މި މެޗު ކުޅޭނީ ނޭޕާލުގައެވެ. މެޗު ފެށޭނީ ރާއްޖޭ ގަޑިން ހަވީރު 4:45 ގައެވެ.
ޕަރޯ އެފްސީއާ ނޭޕާލްގެ މަޗިންދްރާ ޔުނައިޓެޑް ކުޅޭ އޭއެފްސީ ކަޕްގެ ޕްރިލިމަރީ ފުރަތަމަ ބުރުގެ މެޗުން މޮޅުވާ ބަޔަކު، ޕްރިލިމިނަރީ ދެވަނަ ބުރުގައި ކުޅެން ޖެހޭނީ އިންޑިޔާގެ ގަދަ ބާރު މޯހަން ބަގާންއާއެވެ. އެ މެޗު ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު ރާއްޖޭގެ ކްލަބު އީގަލްސްއާ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ކުޅޭނެއެވެ.
އީގަލްސްއާ އާ އަބަހާނީ ކުޅެގެން މޮޅުވާ ބަޔަކު ވާދަކުރާނީ މޯހަން ބަގާންއާ ޕްރިލިމިނަރީ ފުރަތަމަ މެޗުން މޮޅުވާ ބަޔަކާއެވެ. އެއީ ޕްލޭ އޮފް މެޗެވެ. އެ މެޗުން މޮޅުވާ ބަޔަކަށް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެއެވެ.
ގްރޫޕް ސްޓޭޖުން މިހާތަނަށް ފުރުސަތު ހޯދާފައިވަނީ އިންޑިޔާއިން އޮޑިއްޝާ އެފްސީއާއާ، ރާއްޖޭން މާޒިޔާ އަދި ބަންގްލަދޭޝްއިން ބަޝަންދުރާ ކިންގްސްއެވެ. އެކަަމަކު ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި ބަޝަންދުރާ ކުޅެންޖެހޭތީ، ސްޓޭންޑްބައި ޓީމެއްގެ ގޮތުގައި ބަންގްލަދޭޝްގެ އިތުރު ޓީމެއް އޮންނާނެއެވެ. އެ ޓީމަށް ފުރުސަތު ލިބޭނީ ބަޝަންދުރާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ ނަމައެވެ.