ads
މިހާރު އިމާރާތްކުރެވެމުންދާ 4000 ހައުސިން ޔުނިޓްތަކުގެ މޮކްއަޕް ފްލެޓް ރައީސް ބައްލަވާލައްވަނީ
ފްލެޓް ލިބުނު މީހުންގެ ލިސްޓާއެކު ނުދައްކާ ވާހަކަ..!
ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އާއްމުވުމާއެކު، ކޮންމެ ފަހަރަކުވެސް އެތަކެއް ޝަކުވާ ތަކާއި ކުރިމަތިވެއެވެ. އެއްބަޔަކު ހައްގުވާ ފަރާތްތަކަށް ނުލިބޭ ކަމަށް ބުނާއިރު، އަނެއްބަޔަކު ދައްކާނީ ލިބެން ނުޖެހޭ މީހުންނަށް ލިބުނު ވާހަކައެވެ. މިހުރިހާ ވާހަކައަކާއެކު، ހިޔާ ފްލެޓްތަކުގެ ލިސްޓް އާއްމު ވުމާއެކު، އެ ފްލެޓްތަކަށް ވަނުމަށް ފައިސާދެއްކުމާއި ބެހޭ ޝަކުވާ ވީ އައު ވާހަކައަކަށެވެ.
Advertisement

މިއަދު ހެނދުނު އޮފީހަށް ދިޔައިރުވެސް ހިތަށް އަރަމުންދަނީ އެބުނާ ފްލެޓް ލިސްޓެއް މިއަދު އިއުލާނު ކުރާނެ ކަމަށް ބުނެފަ އޮތީމަ އެވާހަކަ އެވެ. ހިތަށް އަރަމުން ދިޔައީ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް ހަމަ ހަގީގަތުގައިވެސް އިއުލާނު ކުރާނެތޯ. އޭގައި ނަން އޮންނާނެތޯއެވެ. ތެޅި ތެޅި އޮތް ހިތަކާއެކު، ކުރި އިންތިޒާރަށް ނިމުން އައީ ގާތްގަނޑަކަށް ހެނދުނު 10 ޖަހަން އުޅެނިކޮށެވެ. ސަރުކާރުން އެވަނީ ފްލެޓް ލިބޭ މީހުންގެ ވަގުތީ މލިސްޓެއް އިއުލާނުކޮށް، އޭގައިވާ ޝަރުތުހަމަވާ 13000 އަށް ވުރެ ގިނަ މީހުންނަށް ފްލެޓް ލިބޭނެކަން އިއުލާނުކޮށްފައެވެ. މީގެ ތެރޭގައި 3 ކޮޓަރީގެ އެޕާޓްމަންޓާއި 2 ކޮޓަރީގެ އެޕާޓްމަންޓް ހިމެނެއެވެ. އަދި މިތަނުން ބައެއް ފްލެޓްތަކުގައި މިއަހަރު ނިމުމުގެ ކުރިން ދިރިއުޅެވޭނެކަމަށް ސަރުކާރުން ބުނާއިރު، އަމަލީ މަސައްކަތްފެށި މިހާރު ކުރިއަށްދާ އެހެނިހެން ފްލެޓް ތަކުގައި އަންނަ އަހަރު ނިމުމުގެ ކުރިން މީހުންނަށް ދިރިއުޅެވޭނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ދާދި އިހަކަށްދުވަހު އަނެއްކާވެސް އެވަނީ 4000 ފްލެޓް އެޅުމަށް ބަޔަކާއި ހަވާލުކޮށްފައެވެ. އެމަސައްކަތް ވެސް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ފެށިގެން ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، މި ފަހަރު އިމާރާތްކުރެވެމުންދާ ފްލެޓްތައް އިމާރާތް ކުރެވިގެން ދަނީ އާއްމުކޮށް ރާއްޖޭގައި އިމާރާތްކުރާގޮތާއި ޚިލާފަށް، އެއަށްވުރެ އަވަހަށް މަސައްކަތް ނިންމޭނެ ގޮތަކަށް ކަމަށްވެސް، ސަރުކާރުގެ ފަރާތުން މިމަސައްކަތް ކުރާ ފަހިދިރިއުޅުން ކޯޕަރޭޝަން އިން ވަނީ ބުނެފައެވެ.

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން މިއަދު އިއުލާން ކުރެވިގެން ދިޔަ ފްލެޓް ލިސްޓް ފެނުމާއެކު ވަރަށް ގިނަ މޫނުތަކެއްގެ މަތިން އުފާވެރި ފެނިގެން ދިޔަ އެވެ. އަދި ވަކިން ޚާއްސަކޮށް ފްލެޓަށް ކުރިމަތި ލާފައި ތިބި މީހުންތަކުގެ ތެރެއިން ޝަރުތުހަމަވާ އެއްމެންނަށް ފްލެޓް ލިބޭނެ ކަމަށް ބުނެ އިއުލާނު ކުރުމާއެކު، ދުވަހަކުވެސް ނުލިބޭފަދަ އުފަލަކާއި ހިތްހަމަޖެހުމެއް ވެސް ވެރިވެގެން ދިޔައެވެ. ވާނީ ވެސް އެހެން ތާއެވެ. އެއްބަޔަކު މުޅި އުމުރަށް މަސައްކަތްކޮށްގެން ލިބުނު އާމްދަނީން ކުލި ދައްކާލަ ދައްކާލަ ތިއްބާ، އަތްފޯރާ ފަށުގަ، އަމިއްލައަށް މިލްކު ކުރެވޭ ފްލެޓެއް ލިބޭނެ ވާހަކަ ބުނުމުން އެކަހަލަ އެތަކެއް އިހުސާސެއް ކުރެވިގެން ދާނެ ނޫންތޯއެވެ.

އެހެންނަމަވެސް ދެން ހިތަށް އެރީ، މި ފްލެޓަށް ފައިސާ ދައްކާނެ ގޮތަކާއި ދޭތެރޭއެވެ. ފްލެޓްގެ ތަޅުދަނޑި އަތަށް ލިބޭނެ ދުވަހެއް އަދި ޔަގީން ކަމާއެކު އެނގެން ނެތުމުން، އެދުވަހަކާއި ޖެހެންދެންވެސް ހަމަ ކުލި ދައްކާލަ ދައްކާލަ ތިބުން ނޫން އެހެން ގޮތެއް ނޯންނާނެތީވެ، އެތަނަށް ވަންނަން ފައިސާ ޚަރަދުކުރާނެ ގޮތެއް ވިސްނުމަކަށް ނައެވެ. ލިބޭ މުސާރައިން ކުލި ދައްކަމުން، ފައިސާކޮޅެއް ރައްކާކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެހެންނަމަ، އަނބި ދަރިން ބަލިވެ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ކޮންމެފަހަރަކު ސަލާން ޖަހާކަށް ނުޖެހޭނެތާއެވެ. އަދި ކުއްޔަށް އުޅޭ ތަން ބަދަލުވާ ހަމަ ކޮންމެ ފަހަރަކުވެސް، ކިތަންމެ ބާވެފައި ވިޔަސް ގެންގުޅޭ ހުރިހާ އެއްޗެއް ހިފައިގެން ދާކަށް ވެސް ނުޖެހޭނެ ތާއެވެ. ބޭންކް އިން ލޯނެއް ނަގައިފި ނަމަ، މުސާރަ ލިބޭއިރު، ގޭގެ ކުއްޔާއި ލޯނަށް ކެނޑީމަ، ބާކީ ޚަރަދުކުރާނެ ހަމަ އެއްމެ ފައިސާ ފޮއްޗެއްވެސް އަތުގަ އެއް ނޯވެއެވެ.

ދެން ހިތަށް އެރީ، އަނެއްކާ ހިޔާ ފްލެޓަށް މީހުން ވަންނަން އުޅުނު އިރު އެތަކެއް ބަޔަކު ޖެހުނު ދަންތުރަތަކުގައި އަނެއްކާ ވެސް އިތުރު މީހުން ޖެހޭނެބާއެވެ. އަނެއްކާވެސް ބޮޑެތި ޕެކޭޖް ތައް ހަދައިގެން މީހުންގެ ފައިސާކޮޅު ހޯދައިގެންދާ ފިލާ މީހުންނަށް މި ހުޅުވާލެވުނީ ބޮޑު އީދެއްބާއޭ ވެސް ހިތަށް އެރިއެވެ. ވާނީވެސް އެހެންތާއެވެ. އަދިވެސް، ހިޔާ ފްލެޓަށް ވައްދައިދޭނެ ކަމަށް ބުނެ، އޮޅުވާލައިގެން ފައިސާކޮޅު ދަމައިގަނެގެން ދިޔަ އެތަކެއް ބަޔަކު ހާލުގައިޖެހިފައި އެބަތިއްބެވެ. އެމީހުންގެ ހައްގުގައި ކިތަންމެ ބަޔަކު ވާހަކަ ދެއްކިޔަސް، އިންސާފެއް ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތި، މާޔޫސްކަމާއި މޮޅިވެރިކަމުގައި އެތަކެއް ބަޔަކު އެބައުޅެމުންމްދެއެވެ.

ސަރުކާރުން ނެރުނު ފްލެޓް ލިބޭ މީހުންގެ ލިސްޓަކީ ކިތަންމެހާވެސް އުފާވެރި ޚަބަރެއް ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ. އެހެންނަމަވެސް، ރާއްޖޭގައި އަދިވެސް ކުރެވިފަ ނެތް ކަމަކީ، ހައުސިންގް އަށް ރަނގަޅު، އަތްފޯރާފަށުގައިވާ ހައުސިންގް ސްކީމް އެއް ތައާރަފްވެފައި ނެތުމެވެ.

އެއްމެ ގިނަ ދިވެހިން އެބޭންކް އެއް ބޭނުންކުރާ ބޭންކް އޮފް މޯލްޑިވްސްގެ މިހާރު ލިބެންހުރި ފެސިލިޓީސްތަކަށް ބަލާއިރު، ހޯމް ޕަރޗޭސް ލޯން އުޅެނީ %9 ގެ އިންޓެރެސްޓް ރޭޓްގަ އެވެ. އަދި އިކުއިޓީގެ ގޮތުގައި، ނަންގަވަން ބޭނުންވާ ލޯނުގެ ޖުމްލަ އަދަދުގެ %20 ބަހައްޓަން ޖެހެއެވެ. ބޭންކް އޮފް މޯލްޑިވްސްގެ އިސްލާކް ފައިނޭންސްގެ ޕްރޮޑަކްޓް ތައްވެސް އަދި ހުރީ ހަމަނޭވާ ލެވޭވަރަށް ވުރެ މަތީ އިންޓްރެސްޓްގަ. މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިނޭސިންގް ޕްރޮޑަކްޓްތަކަކީ މިވަގުތު ރާއްޖޭގައި ލިބެންހުރި އެއްމެ ކުޑަ އިންޓްރެސްޓް ރޭޓްގައި ލިބެން ހުރި ޕްރޮޑަކްޓް ތައް ނަމަވެސް، ފްލެޓެއް ގަނެގެން އެތަނުގައި ދިރިއުޅޭވޭ ވަރުގެ ފައިނޭންސް އަކަށް އެދެން ބަލާއިރު، ލިބޭ މުސާރަ ކުޑަވީމާ، ބޭނުންވާ އަދަދެއްގެ ފައިނޭންސް އެއް ލިބެނީ ނިސްބަތުން މަދު އަދަދެއްގެ ބަޔަކަށެވެ. ދެންހުރި ބޭންކުތަކުގެ އިންޓްރެސްޓް ރޭޓާއި، ފައިނޭންސް އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ މީހުންގެ އަދަދު، މި ފްލެޓް ލިބޭނެ ކަމަށް ބުނެފައިވާ 13000 މީހުންގެ 5 އިންސައްތައަށް ވެސް ނާރާނެއެވެ.

ރޭގަ އާއްމު ކުރެވިގެން ދިޔަ ރައީސް ސޯލިހުގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުތައް އާއްމު ކުރެވިގެން ދިޔަ އިރުވެސް، އަދިވެސް ފްލެޓް ނުވަތަ ސޯޝިއަލް ހައުސިންގް އޭ ރާއްޖޭގައި މިކިޔާ ސްކީމްގެ ދަށުން، ބޯހިޔާވަހިކަން ލިބޭފަރާތްތަކަށް އަމާޒުކުރެވިގެން އަންނަ ފައިނޭންޝިއަލް ޕްރޮޑަކްޓެއް ތައާރަފް ނުވާކަން ފާހަގަ ކުރެވެއެވެ. އެމްޑީޕީގެ އުފާވެރި ދިރިއުޅުމުގެ ސިޔާސަތުގެ ދަށުން ގެދޮރު އިމާރާތްކުރުމަށް 6 އިންސައްތައިގެ އިންޓްރެސްޓް ރޭޓްގައި ލޯނު ދޫކުރެވޭނެ ބޭންކެއް ގާއިމް ކުރެވި، އެބޭންކުން އެލޯނު ދޫކުރެވިގެން ދިޔުމަކީ އަލަށް ގެދޮރު އަޅަން ބޭނުންވާ މީހުންނަށް ވަރަށްވެސް އުފާވެރި ހަބަރަކަށް ވެގެންދިޔައެވެ. އެހެންނަމަވެސް، ފްލެޓް ލިބޭ ފަރާތްތަކަށް އަމާޒުކުރެވޭ ފައިނޭސިންގް ޕްރޮޑަކްޓް އެއް ނެތް ކަން އެއީ ހިތާމަ ކުރެވޭ ކަމެކެވެ.

އަތް ފޯރާ ފަށުގައި، ފްލެޓް ލިބޭ ފަރާތްތަކަށް އެތަނަށް ވަދެ ހަމަޖެހިލައިގެން އުޅެވޭނެ ވަރުގެ ރަނގަޅު، ރައްކާތެރި ފައިނޭންޝިއަލް ޕްރޮޑަކްޓަކްޓް ތަކެއް އެފަރާތްތަކަށް ހޯދައިދިނުމަކީ ސަރުކާރުން ކޮންމެހެންވެސް ކުރައްވަންޖެހި ވަޑައިގަންނަވާ ކަމެކެވެ. އެހެންނޫނީ، ފްލެޓް ތަކުގަ އުޅުމެކޭ، މިހާރުވެސް ކުލި ދައްކައިގެން އުޅުމެކޭ ވަކި ތަފާތެއް ރައްޔިތުންނަކަށް ނުކުރެވޭނެ އެވެ. ފްލެޓަށް ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން، އަދި އެފައިސާ ދޫކުރި ފަރާތްތަކަށް ބޮޑު އިންޓަރެސްޓްގައި ފައިސާ ދައްކަމުން ދެން އިތުރަށް ޚަރަދެއްކުރާނެ ފައިސާ އެއް ނުހުންނާނެ އެވެ.

އިއްޔެ ހެނދުނު ވީކަމެއްހެން ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކަށް ދިމާވި ހިތްދަތި ހާލު މިހާރުވެސް އެހެރީ ފެންނާށެވެ. ހިޔާ ފްލެޓަށް ވަންނަން މަސައްކަތް ކުރި ފަރާތްތަކަށް ދިމާވި ފަދަ ހިތާމަވެރި ހާދިސާތަކުން ރައްޔިތުން ރައްކާތެރި ކޮށްދޭނެ ރަނގަޅު ހައުސިންގް ސްކީމެއް، މިފަހަރު އިއުލާންކުރެވިގެން ދިޔަ ފްލެޓް ތައް ހަވާލުކުރުމުގެ ކުރިން ބޭނުންވެއެވެ.

ރައްޔިތުންގެ ހައްގުގައި ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށް ފްލެޓް ދޭން ނިންމެވި ގޮތަށް، އެ ފްލެޓްތަކަށް ވަދެވޭނެ ފަދަ، ރައްކާތެރި އަދި އަތްފޯރާފަށުގައި ފައިސާ ހޯދޭނެ ގޮތެއްވެސް ސަރުކާރަށް ހަމަޖައްސަވައި ދެއްވުމަކީ، އެރައްޔިތުންނަށް ހިތްތަކަށް އިތުރު ތަސައްލީ އެއް ގެނުވާނެ ކަމެއްކަން ޔަގީނެވެ.

79%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް