ދައްކަން މިއުޅެނީ އެކަމުގެ މިބުނި ސިޔާސަތުގެ ވާހަކައެއް ނޫނެވެ. ރައްޔިތުންނަށް އިހުސާސްކުރެވޭ، އެހެންނަމަވެސް ސިޔާސީ ނަމެއް ދީފައިނުވާ ކަޑަ ޖެހުމުގެ ސިޔާސަތުގެ ވާހަކައެވެ.
2008 ވަނައަހަރުގެ ކުރިއަށް ޖެހިލާއިރު، ކޮންމެ 5 އަހަރަކުން 1 އަހަރު ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބަށް ބޭފުޅަކު އައްޔަނުކުރުމަށްޓަކައި ކުރެވޭ އިއުލާނާއެކު، އެމަގާމަށް ކުރިމަތިލާ މީހުންގެ ނަންތައް ފޮނުވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ މެމްބަރުންގެ މެދުގައި އެ ނަންފުޅުތައް ދިރާސާ ކުރުމަށްފަހު، އެތަނުން ފާސްވެ އަދި އެއްމެ ގިނަ ވޯޓް ލިބޭ ބޭފުޅާއަކީ ރިޔާސީ ކެނޑިޑޭޓަށްވެއެވެ. އެއަށްފަހު ދެން އޮންނަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ނަންފުޅާއިމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ.
މިއާއެކު، ރަށްރަށުގެ ވެރިންނަށް ކަނޑައަޅުއްވާފައިވާ ކަތީބުންނާއި އަތޮޅުވެރިން މެދުވެރިވެ، ރައްޔިތުން އެއްކޮށް، އަންނަ ދައުރަށް މިހާރު ކުރިމަތި ލައްވާފައިވާ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާއަށް ވޯޓު ދެއްވުމަށް އެދި ވަޑައިގަންނަވައެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ދޭ އަހަމިއްޔަތުކަން ދައްކުވައިދިނުމަށާއި، ރަށުގެ ތަރައްގީއަށް އެއްމެ ބޭނުން ޖެހިފައިވާ ބަނދަރު ހެދުމަށް، މިންޖައްސަވާ މޫދުގައި ލަކުޑި ކޮޅުތަކެއް ޖައްސަވައި ފާހަގަ ޖައްސަވައެވެ. އެއަށް އަޅުގަނޑުމެން ދިވެހިން ކަޑަ ޖެހުމޭ ކިޔައި އުޅެއެވެ.
ކޮންމެއަކަސް، ރިޔާސީ ކެނޑިޑޭޓް ރަށަށް ވަޑައިގަންނަވާއިރު، މިކަޑައެއް ހުންނަނީ ޖަހާ ނިންމާފައެވެ. އަދި ރަށަށް ވަޑައިގެން ރައްޔިތުންގެ ތެރެއިން ހޮވާލެވޭ މީހުންނާއި މުޚާތަބް ކުރައްވައި، އެބޭފުޅުން އެކަމަކަމަކަށް އެއްމެ ބޭނުންވާ ބަނދަރު ހަދައިދިނުމަށް ބޭނުންވާ ސަރަހައްދުގެ އިން ވަކި ކުރެވިފައިވާ ކަމަށާއި، ދެން އަންނަ 5 އަހަރުގެ ތެރޭގައި ބަނދަރު ހެއްދެވޭނެ ކަމަށް ބުނުއްވަ އެވެ. އެވާހަކަ އަޑުއަހާފަ، އެއްބައި ރައްޔިތުން އުފަލުން ފޮޅެއެވެ. އަނެއް ބަޔަކު ހިތާ ހިތާ ތިއީ މަނިކުފާނު މީގެ 5 އަހަރު ކުރިންވެސް ދެއްކެވި ވާހަކައެއް ނޫންހޭ ކިޔާލަ ކިޔާލަ ތިބެއެވެ. ފާޅުގަ ބުނެފިއްޔާ ވެދާނެ ގޮތަކާ ދޭތެރޭ ހިތަށް އަރުވާފައެވެ
މިއީ ރާއްޖޭގެ އިސްލާހީ މަސައްކަތް ފެއްޓެވި ހުރިހާ ބޭފުޅުން އެބޭފުޅުންނަށް ސިޔާސީ ވާހަކަ ދައްކަވަން މިނިވަންކަން ލިބުނު ހިސާބުންފެށިގެން އެއްމެ ގަދައަށް އޭރު ދެއްކެވި ވާހަކައެވެ. ކަޑަ ޖެހުން ނިމުމަމަކަށް ގެންނާނެ ވާހަކައެވެ. އަދި ކަޑަ ޖަހައިގެން ރައްޔިތުން ހައްދަމުންދާ ވާހަކައަށް ނުހެއްލުމަށް ގޮވާލަމުން ދިޔައެވެ.
އެހެންނަމަވެސް، މިހާރުވެސް ފެންނަމުންދަނީ ހަމަ އެމަންޒަރެވެ. ތަފާތަކީ އެއްކަލަ ލަކުޑި ކަޑަ ނުޖެހުމެވެ. ސަރުކާރުގެ މާސްޓަރ ޕްލޭންގައި ނުހިމެނޭ އެތަކެއް ޕްރޮޖެކްޓްތަކެއް ނުވަތަ މަޝްރޫއު ތަކެއް އެކި އިންތިޚާބުތަކާއި ގުޅުވައިގެން ފަށްޓަވާނެކަމަށް ބުނެ ވައުދުވާތަން އެބަފެނެއެވެ. އިދިކޮޅުން ވާދަކުރައްވާ ފަރާތްތަކުގެ ހާލަތުވެސް އޮތީ ހަމަ އެހެންނެވެ. އިންތިޚާބު ވެއްޖެނަމަ، މިވެނި އެވެނި ކަމެއް ކުރައްވާނަމޭ ވިދާޅުވާއިރު ކަހާތަން ހަމަ ހިރުވާވެސް ނުލައެވެ. މިރަށަށް ބަނދަރެވެ. ޖެހިގެން އޮތް ރަށަށް ބިން ހިއްކުމެވެ. ކައިރީގަ ޖެހިގެން އޮންނަ ރަށުގައި އެއަޕޯޓެކެވެ. ދެން އޮތް ރަށުގައި ފުޓު ބޯޅަ ކުޅޭނެ ސްޓޭޑިއަމް އެކެވެ. އެއް އިންތިޚާބެއްގައި ކޭބަލް ކާރުން ދެރަށެއް ގުޅާލާނެ ވައުދެއްވެސް އެއްބޭފުޅަކު ވެލެއްވިއެވެ.
މިހާރު ރާއްޖޭގައި ވެރިކަންކުރާ އެމްޑީޕީ ކޯލިޝަން ސަރުކާރުގެ މަޝްރޫއުތަކުގެ ތަފާސްހިސާބުތައް ގެނެސްދޭ އައިސްލްސް ވެބްސައިޓް ބުނާ ގޮތުން، މިސަރުކާރުން އިއުލާނުކޮށްފައިވާ 1966 މަޝްރޫއުއެއް އެބައޮތެވެ. އޭގެތެރެއިން 528 މަޝްރޫއެއް ނިމިފައިވާއިރު 520 މަޝްރޫއެއްގެ އަމަލީ މަސައްކަތް ހިގަމުންއެބަދެއެވެ. މީގެތެރެއިން 52 މަޝްރޫއެއްގެ މަސައްކަތް ހުއްޓިފައި ވާއިރު، އެކި ސަބަބުތަކާހުރެ 900 މަޝްރޫއެއް މި ދައުރު ނިމުމުގެ ކުރިން ނިންމާނުލެވޭނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައި އެވެ.
އެހެންނަމަވެސް، މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބާއި ދިމާކޮށް، ކެމްޕެއިން ކުރައްވާ ކޮންމެ ރަށެއްގައި، ސަރުކާރު ނިސްބަތްވާ އެމްޑީޕީ އާއި އަދި އެހެނިހެން ސިޔާސީ ޕާޓީ ތަކާއި އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓްއިން ވެސް ދަނީ ފަތިވަރެއްހެން ކުރައްވާނެ ކަންތައްތައް އިއުލާނު ކުރައްވަމުން. އެކަންތައް ކުރެއްވުމުން ސަރުކާރުގެ ބަޖެޓަށް ކުރާނެ އަސަރެއް ނުވަތަ އިގްތިސާދަށް ކުރާނެ އަސަރެއްގެ އެއްވެސް ބެއްލެވުމެއް ނެތް.
އަޅުގަނޑު ދެންމެ މިރަށަށް އަރައިގެން އައިއިރު ބަނދަރުމަތިން ދިމާވި މީހަކު، އެފަރާތަށް މިރަށުގައި އިތުރު ބަނދަރެއްގެ ބޭނުން ބޮޑުކަމަށް ބުނުއްވި. އަޅުގަނޑު މިއަދު ތިޔަ ބޭފުޅުންނަށް މިދަންނަވަނީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަ ކުރެއްވިއްޔާ އެބޭފުޅާ އެވިދާޅުވާ އިތުރު ބަދަރު އަޅާނަން. މިއީ ވެސް މިފަހަރުގެ ކެމްޕޭނުގައި ކެންޑިޑޭޓަކު ދެއްކެވި ވާހަކަ ކޮޅެކެވެ. ވައުދެއް ވެލައްވަން ނުވަތަ އާއްމު ބަހުންނަމަ، އިންތިޚާބާއި ދިމާކޮށް ކަޑަ ޖަހާލުމަކީ އެހާވެސް ފަސޭހަކަމަކަށް މިވަނީ ވެފައެވެ.
ބައެއްފަހަރު، އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި، ވަގުތުން ކަޑަޖަހާ، ވަގުތުން މަސައްކަތް ފައްޓަވާ ފަހަރުވެސް އެބަ އާދެއެވެ. ފަހުން އެ މަޝްރޫއެއްގެ މަސައްކަތް ހުއްޓުނު ނަމަވެސް ފަރުވާލެއް ނެތް ގޮތަށެވެ. ބޭނުމަކަށް ވަނީ އިންތިޚާބު ކާމިޔާބު ކުރުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމަންޒަރު ވަރަށް ބޮޑަށް ސާފުވެގެން ދިޔައެވެ. ދެ ކޮމަންޑޫ ގުޅާލާނެ ކަމަށް ސަރުކާރުގެ ފަރާތުން ބުނުއްވުމަށްފަހު އޭގެ އަމަލީ މަސައްކަތް ހަމަ ވަގުތުން ފެށިގެން ކުރިއަށް ދިޔައިރު، އެއީ އެއަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓްގައިވެސް ހިމެނިފައިވާ ކަމެއް ނޫނެވެ. މަސައްކަތް ފެށުނު ނަމަވެސް، އެމަސައްކަތް އިންތިޚާބުގެ ވޯޓު ނިމުމާއެކު ހުއްޓުމަކަށް އައިތަންވެސް ފެނުނެވެ. އަދި އެއަށްފަހު މިއަހަރުގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް އަނެއްކާވެސް މަސައްކަތް ފެށިގެން ކުރިއަށްދާތަންވެސް އެބަފެނެއެވެ.
ސަރުކާރާއި އިދިކޮޅު ފަރާތްތަކުން، މިއީ މައްސަލައެއްކަމަށް ހަދާ އަޑުގެ ނެތްކޮޅަށް އެވާހަކަ ދެއްކެވިޔަސް، އެބޭފުޅުންގެ ވެރިކަމުގައި ތިއްބަވާއިރުވެސް ހަމަކަން ވަނީ މިހެންނެވެ. ވަގުތުން ވަގުތަށް ކުރާ ކަންތަކާއި، އެއްވެސް ޕްލޭނެއް ނެތި އެއްވެސް ވިސްނާލުމެއް ނެތި ކުރައްވާނެކަމަށް ބުނެ ވައުދުވެ، ކަޑަ ޖަހާފައިވާ މަޝްރޫއުތައް އެހާވެސް ގިނައެވެ.
ދިވެހިރާއްޖޭގެ އިގްތިސާދު ދިރާސާ ކުރައްވާ ފަރާތްތަކުން، ރާއްޖޭގެ ދަރަނި ބޮޑުވުމަށް މެދުވެރިވާ އެއްމެ ބޮޑު އެއްސަބަބަކީ ވެސް މިއީ ކަމުގައި ބުނެ، ވާހަކަ ދައްކަވައެވެ. އަދި ވިސްނާލުމެއްނެތި މިގޮތަށް ކުރައްވާ ކަންތަކުންނާއި، ކަޑަ ޖަހާފައިވާ މަޝްރޫއުތައް ނިންމުމަށް ސަރުކާރުގެ ޕީއެސްއައިޕީގެ ތެރެއިން ގިނަ ހޭދަތަކެއް ކުރަންޖެހި، ގިނަ ފަހަރަށް އެގޮތަށް ހޭދަކުރަން ބޭނުންވާ ފައިސާ ނުހުންނާތީވެ، ބޭރުން ނަގާ ލޯނުތަކުގެ އަދަދު އިންތިހާއަށް އުފުލި، އެކަމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ވެއްޓި، ބޭރު ފައިސާގެ އަގު ބޮޑުވެ، އިގްތިސާދަށް ސީދާ ގޮތެއްގައި ގެއްލުން ވަމުންދާކަމަށް ބުނެ ކަންބޮޑުވުން ވެސް ފާޅު ކުރައްވައެވެ. އެހެންނަމަވެސް އެކަމާއި މެދު ސިޔާސީ އެއްވެސް ފަރާތެއްގެ އެއްވެސް ފަރުވާލެއް ނުހުރެއެވެ.
ކޮންމެއަކަސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް އަނެއްކާވެސް ކަޑަ ޖެހުމުގެ މުޅިން އައު ސީޒަނެއް މިވަނީ ފެށިފައިއެވެ. މިފަހަރަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު ހުރިހާ ރިޔާސީ އިންތިޚާބެއްގައި ވެސް އެއްމެ ގިނަ އަދަދަކަށް ކެންޑިޑޭޓް އިން ބައިވެރިވާ އިންތިޚާބެވެ. މިހާރުވެސް ކަޑަ ޖެހުމުގެ ފޯރި ކިތަންމެ ވަރަކަށް ވެސް އެބަފެނެއެވެ. ވެރިކަންކުރާ އެމްޑީޕީއިން އެބޭފުޅުން ޒިޔާރަތްކުރައްވާ ކޮންމެ ރަށަކަށް ފަތި ފައްޗަށް މަޝްރޫއުތައް ހިންގައިދޭނެކަމަށް ބުނެ ކަޑަތައް ޖަހަމުންދާއިރު، އެހެން ބައެއް ޕާޓީ ތަކުގެ ކެންޑިޑޭޓް އިން މިވަނީ ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެން ހިންގާފައިވާ ފްލެޓް ތަކަށް، އެފްލެޓްތައް ލިބުނު ރައްޔިތުން ދައްކަވަން ޖެހޭ ފައިސާ މާފު ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުފައެވެ. ދިރިއުޅޭ އާބާދީގައި 1000 ހަމަނުވާ ރަށްތައް. އެއްރަށުން އަނެއް ރަށާއި ގުޅާލުމަށް ބޮޑެތި ބްރިޖް އެޅުން ފަދަ ކަންތައް ކޮށްދެއްވާނެ ކަމުގެ ވައުދުވާ ކެނޑިޑޭޓް އިންވެސް އެބަ ތިއްބެވެ.
އިންތިޚާބުތަކާއި ދިމާކޮށް ކަޑަ ޖެހުމުގެ ސިޔާސަތެއް ނުހުއްޓުނެވެ. އަދިވެސް ކުރިއަށް އޮތީއެވެ.