އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ގުޅައިލެވިފައި ވަނީ ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލްލޭންޑިންގް ސައިޓާއެވެ.
މިއީ ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް އަގުހެޔޮކޮށް, ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުގެ ދަށުން, މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އިސްނެގުމަކަށް ކުރެވޭ މަސައްކަތެކެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާވަނީ މިކަމަށް އަލިއަޅުއްވާލައްވާފައެވެ.
"ދުނިޔެ ބަދަލުވެ، އިންޓަރނެޓްގެ ޛަރީޢާއިން ކުރެވޭ މުޢާމަލާތާއި ހިންގުމުގެ ދާއިރާއަށް އަންނަ އަވަސްކަމަކީ ކުރިއަށް އޮތް ތަނަށް މުހިންމު ބަދަލެއް. ރާއްޖޭގެ އިންޓަރނެޓްގެ އަގަށް ގެނެވުނު ބަދަލާއި، އޭގެ ސްޕީޑަށް އަދިވެސް އިތުރު ތަރައްޤީ އައުން މުހިންމު. ސަރުކާރު ޝާމިލްވާ އާ ސަބްމެރިން ކޭބަލުން މިކަމަށް އިތުރު ފަހިކަން ގެނުވާނެ. ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް، ކުރިއަށް އޮތް ފަސްމަސްތެރޭ ރާއްޖެއަށް އެއްގަން ކުރެވި، ސެޕްޓެންބަރު މަހުގެ ނިޔަލަށް މި ސަބްމެރިން ކޭބަލް ބޭނުންކުރުމުގެ ފުރުޞަތު ލިބޭނެ. މިއީ އިންޓަރނެޓުގެ އަގު ހެޔޮވެ، ސްޕީޑަށް އިންޤިލާބީ ބަދަލެއް ގެނުވާނެ މަޝްރޫޢެއް. އެއީ، އުފެއްދުންތެރި ޒުވާނުންނާއި ވިޔަފާރިތައް، ދުނިޔޭގެ މާކެޓާ ގުޅުވައިދޭނެ ވަސީލަތެއް،" ރައީސް ވިދާޅުވިއެވެ.
ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް މުހިންމު މަސައްކަތެއް:
ރާއްޖޭގެ މުޅި މުވާސަލާތީ ނެޓްވަރކް ބަރޯސާވަނީ ޓެލެކޮމް އޮޕަރޭޓަރުންގެ މައިކްރޯވޭވް ވިއުގައަކަށެވެ.
އެކި ރަށްރަށަށް ފޯރުކޮށްދޭ އިންޓަރނެޓް އާއި ލީސްޑް ލައިންތަކާއި ޓެލެފޯން ނެޓްވަރކް ބޭނުންކުރާ މި ނެޓްވަރކްގެ އިކުއިޕްމެންޓަށް އެންމެ މައްޗަށްވެސް ގެންދެވޭ ސްޕީޑަކީ 3ޖބޕސ އާއި 5ޖބޕސ އާ ދޭތެރޭގައި ކަމުން ރަށްރަށަށް ބޭނުންވާ ހައި ސްޕީޑް އިންޓަރނެޓް ފޯރު ކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ގުޅާލުމުން:
- ގިގަބައިޓް ސްޕީޑްގައި ރާއްޖޭގެ އިދާރާތައް ގުޅާލެވޭނެ
- އިދާރާތައް ގުޅާލުމަށް ހިނގާ ޚަރަދު ބޮޑުތަކުން ކުޑަ ކުރެވޭ
- ރާއްޖޭގައި ވިލުންތެރި މުވާސަލާތީ ވިއުގައެއް ޤާއިމުކުރެ ވޭ
- ގަވަމެންޓް ނެކްވަރކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިންޓަރނެޓް ފޯރު ކޮށްދިނުމުގެ މަގު ފަހިވާނެ
ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ:
- ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތި މުޅި ރާއްޖެއަށް ތަރައްޤީ ގެނެސް ދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު. މިގޮތުން އާބާދީ މަދު ކުދި ރަށްރަށުގައި ސެޓެލައިޓް ސްކޫލުން މި ސަރުކާރުންވަނީ ކާމިޔާބު ކަމާއެކު ފަށާފައި. މިފަދަ ކަންކަމުގައި އިންޓަރނެޓަށް ބަރޯސާ ވާންޖެހޭ މިންވަރު ނުހަނު ބޮޑު. އައި.އޭ.އެކްސް ސަބްމެރިން ކޭބަލްގެ ސަބަބުން ސެޓެލައިޓް ސްކޫލިންގ ގެ ނިޒާމް އިތުރަށް ހަރުދަނާ ވެގެންދާނެ.
- ރާއްޖޭގެ ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެއް ސިސްޓަމްއަކުން ގުޅާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ. މިގޮތުން, ދުރު ރަށްތަކުގައި ތިބި ބަލިމީހުންނަށް ރާއްޖޭގެ މައި ހޮސްޕިޓަލްގައި ފަރުވާދޭ ޑޮކްޓަރުންގެ ލަފާ ހޯދުމުގައި އެތައް ލުއި ފަސޭހައެއް ލިބިގެންދާނެ. ސިއްހީ ފަރުވާއަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން ޖެހުމަށް ހައްލެއް ލިބިގެންދާނެ.
- އިޤްތިސާދާއި ވިޔަފާރީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މާހިރުންނާއެކު ފަސޭހަ ކަމާއި ހަލުވި ކަމާއެކު މަސައްކަތުގައި ކުރިއަށްދެވޭނެ މަގު ފަހިވެގެންދާނެ. ބޭނުން ކޮންމެ ދާއިރާއަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ތަޖުރިބާކާރުންގެ ލަފާ ހޯދުމުގައި މިހާރު ކުރިމަތިވާ އެތައް ގޮންޖެހުމެއް ހައްލު ކުރެވިގެންދާނެ. އަދި ރާއްޖޭގެ ވިޔަފާރިތައް މުޅި ދުނިޔެއަށް ހުޅުވައިދިނުމަށް އެތައް ފުރުސަތެއް ފަހިވެގެންދާނެ.
- ރާއްޖެއަށް އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށްވެސް ރާއްޖެއާއެކު މަސައްކަތް ކުރުމުގައި އިތުބާރު ބޮޑުވެގެންދޭ. ހަމަ މިއާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް މިކަމުން ލުއިފަސޭހަތަކެއް ލިބިގެންދާނެ.
- ދައުލަތުގެ އެކިއެކި އިދާރާތަކުން އާންމުންނަށް ފޯރު ކޮށްދޭންޖެހޭ ޚިދުމަތްތައް އަވަސްވެ, ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ. އެއް އިދާރާއާ އަނެއް އިދާރާއާ ދެމެދު ބަދަލުކުރަންޖެހޭ މައުލޫމާތުތައްވެސް ގަވަރމަންޓް ނެޓްވަރކް އޮފް މޯލްޑިވްސް ވިއުގަ ތެރެއިން ރައްކާތެރިކަމާއެކު ބަދަލުކުރެވޭނެ. މިކަމުން އާންމުންގެ އިތުބާރު ބޮޑު ވެގެންދޭ.
- ޤައުމީ ސަލާމަތުގެ ނަޒަރަކުން ބަލާއިރު, ރައްކާތެރިކަމާއެކު މައުލޫމާތު ބަދަލު ކުރެވޭނެ މިފަދަ ނިޒާމެއް ޤާއިމުވެގެން ދިއުމަކީ މުހިންމު ކަމެއް.
- މުސްތަގުބަލުގައި ގަވަރމަންޓް ނެޓްވަރކް އޮފް މޯލްޑިވްސްގެ ޒަރީއާއިން ރާއްޖޭގައި އިންޓަރނެޓް ޚިދުމަތްދިނުމަށް މަގުފަހިކުރުމަށް ކުރެވޭ މި މަސައްކަތަކީ, އިންޓަރނެޓް ޚިދުތުގެ ފެންވަރު ރަނގަޅު ކުރުމަށާއި އަގު އެތައްތަނެއް ހެޔޮ ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް
މީގެ ކުރިންވެސް ސަރުކާރުންވަނީ ރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހެޔޮ އަގެއްގައި އާންމުންނަށް ފޯރު ކޮށްދިނުމަށްތަކައި "ނެޓުހެޔޮ" ސިޔާސަތު ތަންފީޒުކޮށްފައެވެ. މިފަދަ ހުރިހާ ކަމަކުންވެސް ދިވެހި ރައްޔިތުން އާންމު ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ ޚާރަދާއި އުފުލަންޖެހޭ ބުރައަށް ލުޔެއް ލިބިގެންދެއެވެ. ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ހުރިހާ ދާއިރާއަކުންވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.