އެމްޓީސީސީން އާދިއްތަ ދުވަހު ބުނެފައިވަނީ ޅޮހީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި ކުރިއަށްދަނީ މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
ޅޮހީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 66،701 ކިއުބިކް މީޓަރުގެ ސަރަަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކޮށް، 2،205 ކިއުބިކް މީޓަރުގެ ސަރަަހައްދެއްގެ ނެރު ފުންކުރުމާ އެކު، 321 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. މީގެ އިތުރުން 95 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 366 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރާނެއެވެ. މި މަޝްރޫއާ އެކު، އެމްޓީސީސީން 1،720 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭމަންޓް ހަދައި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާ އަދި މޫރިން ބޮއި ހަރުކުރުމުގެ މަސައްކަތް ކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއަކީ 64.87 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައެވެ.
ޅޮހީގެ ރައްޔިތުން އާންމުކޮށް އަތޮޅުގެ އެކި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާއިރު، ގިނަ އަދަދެއްގެ ރައްޔިތުން ފަރުމަހުގެ މަސްވެރިކަން ކޮށް އުޅެއެވެ. ރަށުގައި ކަންނެލި މަސްވެރިކަން ކުރާ ދެ އޮޑި އޮންނައިރު އޮޑިފަހަރު ބަނުމަށް ދެ ހަރުގެ ވަނީ ދޫކޮށްފައެވެ. މަސްވެރިންނަށް ހާއްސަ އައިސްޕްލާންޓެއް އެ ރަށުގައި ހުރެއެވެ. ރަށުގެ ރައްޔިތުންގެ އެންމެ އެއް ބޮޑު ކަންބޮޑުވުމަކީ ރަށުގެ ބަނދަރުގެ ހާލަތު ދަށްވުމެވެ. ބަނދަރަށް އަހަރުތަކެއް ވެފައި ވުމާ އެކު، އެއްގަމު ތޮށި އެކި ދިމަދިމާލުން ހަލާކުވެ ގަނބާފައިވާއިރު، ފައިބަންހުރި ސިނޑިތައް ވެސް ވަނީ ހަލާކުވެފައެވެ. ހަމައެގޮތަށް، ބަނދަރުގެ ބޭރު ހިލަ ތޮށި ވަނީ ވަރަށް ބޮޑަށް ރޫޅި އެކި ދިމާލުން ހިލަތައް ފައިބައިގެން ގޮސްފައެވެ.
އެހެންކަމުން، އެމްޓީސީސީން ދެކެނީ މި މަޝްރޫއާ އެކު، 975 މީހުންގެ އާބާދީއެއް އޮންނަ ޅޮހީގެ ރައްޔިތުންނަށް ލަފާފުރުމުގައި އެތަކެއް ލުއިފަސޭހައަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ބަނދަރު ތަރައްގީ ކުރެވި ފުރިހަމަވެގެން ދިއުމުން އިޖުތިމާއީ ގޮތުންނާއި އިގުތިސާދީގޮތުން ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ކުރިމަގުގައި ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.