ކަނޑުގެ އިކޯސިސްޓަމްތަކުގެ ސިއްހަތާއި ބެލެންސް ބެލެހެއްޓުމުގައި މިޔަރުގެ ދައުރު ވަރަށް ބޮޑެވެ. މިޔަރުގެ އެންމެ މުހިންމު ބޭނުމެއްގެ ގޮތުގައި އެނގިފައިވަނީ ކަނޑުގައި ދިރިއުޅޭ މަސްމަހާ މެހީގެ އާބާދީ އެއް ހަމައެއްގައި ހިފެހެއްޓުމެވެ. ރާއްޖޭގެ ކަނޑުތަކުން މިޔަރު މަދުވެއްޖެނަމަ ފަރުތަކަށް އޭގެ އަސަރުކޮށް އާހިރުގައި ދިވެހިރާޢްޖޭގެ ރަށްތަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް މާހިރުން ވިދާޅުވެއެވެ.
މިޔަރު
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ބަރޯސާވެފައިވަނީ މުއްސަނދި ކަނޑުގެ ދިރުންތަކުގެ މައްޗަށެެވެ.
އިގްތިސާދީ ކަންބޮޑުވުންތައް:
ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ކަމުގައިވާއިރު، ވަޒީފާއާއި އާމްދަނީއާއި ދެމެހެއްޓެނިވި ތަރައްގީއަށް ފަތުރުވެރިކަމުން އެހީތެރިވެދެއެވެ. މިޔަރުގެ ގުދުރަތީ މާހައުލުގައި، މިޔަރާއި ދިމާވުމުން ލިބޭ އުފަލާއި ފޯރިއަކީ ޑައިވްކުރަން ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖެއިން ބޭނުންވާ އެންމެ މުހިންމު އެއް ތަޖުރިބާއެވެ. މިޔަރު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމުން މި ހާއްސަ ސޭލް ޕޮއިންޓް ދަށްވެ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވެ، މިދާއިރާއަށް ބަރޯސާވާ ގިނަ ދިވެހިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމެކެވެ.
މީގެ އިތުރުން، ބައިނަލް އަގުވާމީ މާކެޓުގައި މިޔަރުގެ ޑިމާންޑު އެންމެ ބޮޑަށް އޮންނަނީ މިޔަރުގެ އުރަހައަށެވެ. މިހެންކަމުން ގިނަ ފަހަރު މިޔަރުގެ އުރަހަ ކަނޑާލުމަށްފަހު ދެން ހުރި ހުރިހާ ބައެއް އުކާލަނީއެެވެ. މިއީ އެތިކަލީ ނުވަތަ އަހުލާގީ ގޮތުން ވެސް ގިނަ ބަޔަކު ސުވާލު އުފައްދާ މައްސަލައެވެ.
ރާޢްޖޭގައި މިޔަރު މަސްވެރިކަން ކުރުމުގެ ފުރުސަތާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްދާއިރު، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ސްޓޭކްހޯލްޑަރުން ވިސްނަން ޖެހެނީ ކުރު މުއްދަތުގެ ފައިދާތަކުގެ އިތުރުން ފުޅާ ދާއިރާއެއްގައި ކުރާނެ ފައިދާއަށެވެ.
ކަނޑުގެ ނާޒުކު ބެލެންސް އަށް ބުރޫއެރުމުގެ ސަބަބުން ތިމާވެށީގެ މައްސަލަތައް ކުރިމަތިވެ އިގްތިސާދީ ނާކާމިޔާބީތަކާއި ދިވެހިރާއްޖެއަށް ކުރިމަތިލާންޖެހިދާނެއެވެ.
މިޔަރުތަކާއެކު ފީނުމަކީ ހަމައެކަނި ފަތުރުވެރިންގެ ޝައުގުވެރިކަމެއްގެ ބަދަލުގައި ދިވެހިރާއްޖޭގެ ތިމާވެށީގެ ތަރިކައެއްގެ ގޮތުގައި މިޔަރާއި އެހެނިގެން ގުދުރަތީ ވަސީލަތްތައް ބަލައިގަތުން މުހިންމެވެ.
އިންޑިއާ ކަނޑުގެ "ސުވަރުގެއެއް" ގެ ގޮތުގައި ދިވެހި ގައުމުގެ ނަން ދެމެހެއްޓުމަށް މަސައްކަތްކުރާއިރު، އިޤްތިސާދީ ތަރައްގީއާއި ތިމާވެށި ހިމާޔަތްކުރުމުގެ އެއްބައިވަންތަކަން ކަށަވަރުކުރުމަށްޓަކައި މި މައްސަލައަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކު ވިސްނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މިޔަރު
މިޔަރަކީ ދިވެހި ކަނޑުގެ އިކޯސިސްޓަމްގެ މުހިންމު ބައެކެވެ. އެއީ އެހެން މަހުގެ އާބާދީތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ދިވެހި ސަރުކާރުން ލަފާކުރާ ގޮތުގައި ކޮންމެ އަހަރަކުވެސް މިޔަރުގެ އިގްތިސާދަށް އެތައް މިލިއަން ޑޮލަރެއް ވަދެއެވެ. މިޔަރު ހިމާޔަތް ކުރުމަށް ރާއްޖޭގެ ސަރުކާރުން ވަނީ ވައުދުވެފައެވެ. މިޔަރާއި ކަނޑުގެ އެހެން ދިރުންތައް ރައްކާތެރިކުރުމުގެ ގޮތުން ކަނޑު ހިމާޔަތްކޮށްފައިވާ ބައެއް ސަރަހައްދުތައް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.