ads
ރައީސް ސޯލިހު ރަސްދޫގައި ވާހަކަފުޅުދައްކަވަނީ: ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއަށް އަތްބާނައި، ނުފޫޒު ފޯރުވަން މަޖުބޫރު ނުކުރުމަށް އެދިވަޑައިގެންނެވި - ފޮޓޯ:އުފާވެރި އަމާން ރާއްޖެ
ޔާމީނުގެ ޝަރީއަތުގެ ތެރެއަށް ނުފޫޒު ފޯރުވަން މަޖުބޫރު ނުކުރޭ: ރައީސް
މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ތެރެއަށް އަތްބާނައި، ނުފޫޒު ފޯރުވަން މަޖުބޫރު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އަރިއަތޮޅުގެ ރަށްތަކަށް ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހެނދުނު އއ. ރަސްދޫއަށް ވަޑަައިގެން އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ކިތަންމެ ހިޔާލުތަފާތުވިޔަސް ކަމެއް ކުރާނީ އެ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. ޝަރުއީ ދާއިރާގެ ތެރެއަަށް އަތް ނުބާނާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައިވަނީ މިނިވަން ކަމާ އެކު، ޖުޑިޝަރީ ހިންގުމުގެ ބާރު ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފެނިގެން ގޮސްފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ވާދަވެރިން އެންމެ ކަންބޮޑުވާ އެއް ކަމަކީ އެ ފަރާތްތަކުގެ އޭރުގެ ލީޑަރުގެ މައްސަލަ ކަމުގައެވެ. ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހުނު ޖެހުން އެއީ ވާދަވެރިންގެ ކަންބޮޑުވުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވޭ އެކަމާ. އެހެންނަމަވެސް ޝަރީއަތެއްގެ ތެރޭގައި، މެދުތެެރޭގައި އޮއްވައި އެެއާ ދޭތެރޭއަކު ގޮތެއް ނިންމުމުގެ ބާރެެއް އަޅުގަނޑަކަށް ނޯވޭ. ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުނީމާ، ދެން އެ އޮންނަ ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮތް ކަމެއް ކޮށްދިނުމުގެ އިހުތިޔާރު އަޅުގަނޑަށް އޮންނަނީ،" - ރައީސް ސޯލިހު

ރައީސް ޔާމީނުގެ ޝަރީއަތުގެ ތެރެއަށް އަތް ބާނައި، ނުފޫޒު ފޯރުވަން މަޖުބޫރުނުކުރުމަށް ވާދަވެރިންނަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

"ހުރިހާ ބޭފުޅުންވެސް ވިސްނާ ވަޑައިގަންނަވަންވާނެ. އޭގެ ތެރެއަށް އަތް ބާނައި، ނުފޫޒު ފޯރުވަން އަޅުގަނޑަށް މަޖުބޫރު ނުކުރައްވާ. އެކަމެއް އަޅުގަނޑު ނުކުރާނެ،" - ރައީސް ސޯލިހު

ރައީސް ވިދާޅުވެފަައިވަނީ މީގެ ކުރިން ޝަރީއަތްތައް ހިނގައިދިޔަ ގޮތް ހުރިހާ ފަރާތްތަކަށްވެސް ފެންނާނެ ކަމަށެވެ. އޭރު ކޯޓުތައް ބަރާބަރު ކަމަށާއި ސުޕްރީމް ކޯޓުން ގޮސް ނިމުނީމާ އެއަށްވުރެ ރަނގަޅު ކޯޓެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ދުވަހު އެއްޗެއް ނުބުނާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިނިވަންކަމާ ޝަރީއަތް ހިންގުމުގެ ބާރު ދޫކޮށްލާފައިވާ ކަމަށެވެ. ހަމައެގޮތަށް ރައްޔިތުންގެ މަޖިލީހާއި އޭސީސީ އާއި އޮޑިޓު އޮފީސްވެސް މިނިވަންކަމާ ހިންގުމަަށް ދޫކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ގުޅޭގޮތުން އަޑުއުފުލުމަކީ މައްސަލައެއް ނޫން ކަމުގައެވެ. އެހެންނަމަވެސް، އެކަމާ ގުޅިގެން ކުރެވޭނެ އެއްވެސް ކަމެއް އަދި ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޑުއުފުއްލަވަން ވާނެ. އެއަކު މައްސަލައެއް ނެތް. އެކަމަކު ކަންކުރެވެން އޮތް ގޮތް އަަޅުގަނޑު ސާފުކޮށް މި ދެންނެވީ. އަޅުގަނޑަކަށް އެ މަރުހަލާއަކު، އެއާ ދޭތެރޭގައި ކުރެވޭނެ އަދި އެއްވެސް ކަމެއް ނެތޭ،" - ރައީސް ސޯލިހު

އަރިއަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހެނދުނު ރައީސް ވަނީ އއ. ތޮއްޑޫއަށް ވަޑަައިގެންފައެވެ. އއ. އަތޮޅުގެ ހަ ރަށަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ރަސްދޫއަށްފަހު ބޮޑުފޮޅަދޫ، މަތިވެރި، މާޅޮސް، ފެރިދޫ އަދި އުކުޅަހަށް މިއަދު ރައީސް ވަޑައިގަންނަވާނެއެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް