ads
ރައީސް ސޯލިހް ސަރުކާރުގެ ކޯލިޝަން ޕާޓީތަކުގެ ވެރިންނާއިއެކު ރައީސް ބޭއްވި ބައްދަލުވުން--
ހިޔަންޏެއްގެ ފަހަތުގައި ހުންނަވައިގެން ރައްޔިތުންގެ ވެރިކަމެއް ކުރެވިދާނެތޯ؟
2013 ވަނައަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނު ވާދަކުރެއްވުމަށް ނިންމަވާ އެކަން އިއުލާނު ކުރެއްވުމާއެކު، އޭރުގެ އިދިކޮޅުގަ އޮތް އެމްޑީޕީހެ ބޭފުޅުން އެއްމެ ގަދަޔަށް ދެއްކެވެން ފެށި ވާހަކައަކީ، ރައީސް ޔާމީނަށް އަމިއްލަފުޅު ވެރިކަމެއް ނުކުރެއްވޭނެ ވާހަކައެވެ. އަދި ރައީސް މައުމޫންގެ ހިއްސާނެތި ވެރިކަމަށް ވަޑައިވެސް ނުގެންނެވޭނެ ކަމަށާއި، އެއާއެކު، ރައީސް ޔާމީނު ވެރިކަމުގައި ހުންނެވި ނަމަވެސް، ވެރިކަން ކުރައްވާނީ ހަގީގަތުގައި ރައީސް މައުމޫން ކަމަށް ވެސް އެބޭފުޅުން ވިދާޅުވަމުން ގެންދެވިއެވެ.
Advertisement

ތެދުފުޅެކެވެ. ރައީސް ޔާމީނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި އެއްމެ ބޮޑަށް ބޭނުންކުރެއްވި ޚަތިޔާރަކީ ރައީސް މައުމޫނެނާއި އެމަނިކުފާނުގެ ފޮޓޯ ފުޅެވެ. ކެމްޕެއިންތެރޭގެ ދެއްކެވި ހުރިހާ ވާހަކަފުޅެއްގަވެސް ރައީސް މައުމޫނުގެ ނަންފުޅު ބޭނުންކުރެއްވިއެވެ. ވެރިކަމަށް އިންތިޚާބުވެ، ވެރިކަން ކުރައްވަން ފެއްޓެވުމާއެކު، ދެން ފެނިގެންދިޔައީ، އޭރުގެ އެމްޑީޕީގެ މެމްބަރުން ދެއްކެވި ވާހަކަފުޅު ދިމާވި މަންޒަރެވެ. އެއްމެފަހުން ރައީސް ޔާމީނު އަމިއްލަފުޅަށްވެސް އެވާހަކަ ވިދާޅުވީއެވެ. އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫނުގެ ސަބަބުން ވެރިކަން ކުރައްވަން އުދަގޫފުޅުވާ ވާހަކައެވެ. އެއްމެ ފަހުން ރައީސް މައުމޫން، އެމަނިކުފާނު އަމިއްލަފުޅަށް އުފެއްދެވި ޕީޕީއެމް އިންވެސް ވަކިކުރެވިގެން ދިޔައީއެވެ.

2018 ގެ އިންތިޚާބުގައިވެސް ހަމަ މިކަހަލަ މަންޒަރެއް ތަކުރާރުވެގެން ދިޔައެވެ. މިފަހަރު އެމްޑީޕީގެ ކެންޑިޑޭޓް އެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހު އިންތިޚާބު ކުރެއްވުމަށް، ކުރީގެ ރައީސް އަދި އެމްޑީޕީ އެބޭފުޅެއްގެ މައްޗަށް ރަމްޒުވާކަމަށް އޭރު ގިނަބަޔަކު ގަބޫލުކުރަމުންދިޔަ ރައީސް ނަޝީދުގެ ފޮޓޯފުޅާއި އެމަނިކުފާނުގެ ބަސްފުޅުތައް ބޭނުންކުރެވުނެވެ. ޕީޕީއެމް އިން ބުނަމުންދިޔައީ، އިބްރާހިމް މުހައްމަދު ސޯލިހަށްވެސް އަމިއްލަފުޅު ވެރިކަމެއް ކުރެއްވޭނެ ތަނެއް ނާންނާނެ ކަމަށެވެ. ރައީސް ނަޝީދު ނުހިމަނާ، ވެރިކަންކުރަން އުދަގޫވާނެކަމަށާއި، އޭރުން ރައްޔިތުންގެ ވެރިކަމެއް ނުކުރެވި، ހިޔަންޏެއްގެ ފަހަތުގައި ހުންނަވަން ޖެހޭނެ ވާހަކަ އެވެ.

ކަންވީވެސް ހަމައެހެންނެވެ. ރައީސް ނަޝީދުގެ ފަރާތުން ސަރުކާރު ހިންގުމަށް އެތަކެއް އުދަގޫތަކެއް ކުރިމަތިކުރަމުން އަންނަކަމަށް ސަރުކާރު ހިންގުމަށް އުޅުއްވާ އެމްޑީޕީގެ މެމްބަރުން ބުނަމުންދިޔައެވެ. އެއްމެފަހުން، ބޮޑެތި ޚިޔާލު ތަފާތުވުންތައް އުފެދި، ރައީސް ނަޝީދަށްވެސް އެމްޑީޕީ ދޫކުރެއްވުން ނޫން އެހެން ގޮތެއް ނުވިތަންވެސް ފެނިގެން ދިޔައީއެވެ.

ފެނިގެން އެދިޔަ މަންޒަރުތަކާއެކު، އެމަންޒަރު އަލުން ތަކުރާރުވާތަން ދެކެން ދިވެހި ރައްޔިތުން ބޭނުމެއް ނުވެއެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު، ވަކި މީހެއްގެ ސަބަބުން ވެރިކަން ކުރައްވަން އުދަގޫވާކަމަށް ބުނެ ދައްކާ ބަހަނާ އަޑުއަހާކަށް، އަދި ޖަހާ ސިޔާސީ ސަކަރާތް އަޑުއައްސަވާކަށް ދިވެހި ރައްޔިތުން ބޭނުމެއް ނުވެއެވެ. އެމަންޒަރާއި، އެ އަޑު އިވިއިވި ދިވެހި ރައްޔިތުން މިހާރު ފޫހިވެއްޖެއެވެ.

ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ވަލިއްޔުލް އަމްރު ކަނޑައެޅުމަށްޓަކައި މިހާރު ކެމްޕޭން ކުރެވިގެން ދަނީއެވެ. ފޯރިއެއް ނެތަސް، 8 ކެނޑިޑޭޓަކު އެބަ ވާދަކުރައްވައެވެ. އެއްބައިބޭފުޅުން ޑިމޮކްރެސީގެ ރިވެތި މިސާލު ދައްކަވާކަމަށް ބުނެ ދައުވާ ކުރަމުން ދާއިރު އަނެއްކާވެސް ހަމަ ކުރިން ފެނުނު މަންޒަރުވެސް އެބަ ތަކުރާރުވެއެވެ. އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ ކެމްޕެއިން ޕޯސްޓަރު ތަކުން އެބޭފުޅުންނާއެކު، އަނެއްކާވެސް އެހެން މޫނެއް އެބަފެނެއެވެ. ބައެއްފަހަރު ވާހަކަ ދައްކަވަމުން ގޮސް، ތިމަންނާ ވެރިކަމަށް އިންތިޚާބު ވިޔަސް، ތިމަންނާގެ ފިކުރަކީ މިމީހާއޭ، ވެރިކަން ކުރައްވާނީ މިމީހާ ބުނާގޮތަކަށޭ ވެސް އެބަ ވިދާޅުވައެވެ.

ރައްޔިތުންނަށް ވެރިކަމެއް ކޮށްދެއްވުމަށް ވަޑައިގަންނަވާ ބޭފެޅަކު، އެހެން މީހަކު ބުނާހާގޮތަކަށް ހަދަން ޖެހެނީ ކީއްވެގެންތޯއެވެ. ވެރިކަމަށް ވަޑައިގަތުމަށް، އަމިއްލަފުޅު ޚިޔާލާއި އަމިއްލަފުޅު ވިސްނުންފުޅު ރައްޔިތުންނަށް ނުވިއްކޭކަމަށް ގަބޫލުކުރެވޭނަމަ، ރައްޔިތުންނަށް ފަހެ ކޮށްދެވޭނީ ވަކި ކޮންކަމެއްތޯއެވެ.

ވެރިކަމަށް ނިކުންނަވައި، ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން، ތިމަންމަނިކުފާނަކީ އަސްލު ބޭފުޅާއެއް ނޫނޭ، ތިމަންމަނިކުފާނު ހުންނަވާނީ ފަހަތްޕުޅުގައޭ ވިދާޅުވިއިރު، ވެރިކަމަކީ ކުޅޭކުޅޭ އެއްޗެއް ކަމަށް ދެކެވަޑައިގަތީތޯއެވެ؟ ތިމަންމަނިކުފާނު ފަހަތަށް ޖެހިވަޑައިގެން، ރޫހާނީ ލީޑަރު ކުރިއަށް ނެރުއްވާނެ ވާހަކަ ވިދާޅުވުމަކުން ރައްޔިތު މީހާގެ ތާއީދު ލިބިވަޑައެއްނުގަންނަވާނެއެވެ. މިއީ ރައްޔިތުން ގުނބޯ ހެއްދޭނެ ޒަމާނެއް ނޫނެވެ. ބަވަނަ ވަމުން އަންނަ ދުނިޔޭގައި ރައްޔިތުންގެ އުންމީދުތައް ހުރީ އެހެން ދިމާއަކަށެވެ. ވަކި ސިޔާސީ މީހެއްގެ ތައްޕާހަށް ވެއްޓިގެން، އެމީހަކު އަނދަ ގޮނޑިން ސަލާމަތްކުރުމަށް ޖާނާ މާލު ހުސްކޮށްގެން، މާޒީގައި ރައްޔިތުންނަށް ލިބިފައި އޮތީ ހުސް ލަނޑުކަން ހުރިހާ ދިވެހިންހެން މިހާރު ހަނދާން އެބަހުއްޓެވެ.

ވެރިކަމަށް ވަޑައިގަންނަވަންވީ ވަކި މީހަކަށްޓަކައި ގުރުބާންވުމަކަށް ނޫންކަން ހަނދުމަފުޅު ބަހައްޓަވާށެވެ. މައިދާނަށް ނިކުންނަވައި، ސީދާ ރައްޔިތުންނާ ކުރިމަތިލައްވާށެވެ. ރައްޔިތުންގެ އިހުސާސްތައް އަޑުއައްސަވައި، ރައްޔިތުންގެ ބޭނުންތަކަށް ތަސައްލީއެއް ހޯދުމުގެ ވާހަކަ ދައްކަވާށެވެ. ރައްޔިތުން ވޯޓު ދޭނީ އެކަންކަމަށް ވިސްނައިގެންނެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް