އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ޒުވާނުންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބުރާސްފަތި ދުވަހު މީރުމާގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ އިންޓާންޝިޕް ފްރޮގްރާމާ އަޅާބަލާއިރު މި އަހަރުގެ ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ޕްރޮގްރާމަށް 200 އަށް ވުރެ ގިނަ ޒުވާނުން ކުރިމަތިލި ކަމަށް ޝާހިދު ވިދާޅުވިއެވެ. އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލި ފަރާތްތައް ސްކްރީންކުރުމަށްފަހު ހޮވި ދަސްވެނިވެފަައިވަނީ 20 ޒުވާނުންނެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އެމްޕީއެލްގައި މަސައްކަތްކުރެވެން ހުރި ތަފާތު ދާއިރާތަކަށް ޒުވާނުން ހޭލުންތެރި ކުރުވުމާ އެކު، އެ ދާއިރާތަކަށް ޒުވާނުން އަހުލުވެރިކޮށް ޝައުގުވެރިކުރުވުން ކަމުގައެވެ.
އިންޓާންޝިޕްގައި ބައިވެރިވި ޒުވާނުންނަށް ސްކޮލާޝިޕްތަކާއި ތަފާތު ޓްރެއިނިން ޕްރޮގްރާމްތަކުން ފުރުސަތު ލިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޕީއެލް އިންޓާންޝިޕް ޕްރޮގްރާމް ނިންމި ޒުވާނުންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ އެމްޕީއެލް ފަދަ ކުންފުންޏެއްގައި އިންޓާނެއްގެ ގޮތުގައި މަސައްކަތްކުރަން ލިބުމަކީ މަސައްކަތުގެ އަހުލާގު ރަނގަޅު ގޮތުގައި ބައްޓަންވާނެ ކަމެއް ކަމަށާއި ބައެއް ފަހަރު ޒުވާނުން މަސައްކަތުގެ މައިދާނަށް ނުކުންނައިރު އެ ތަނެއްގައި އޮންނަ މާހައުލެއްގެ ސަބަބުން، އެ ކުދިންގެ މުޅި ޕްރޮފެޝަނަލް ކެރިއާއަށް އަސަރު ކުރާ ކަމަށެވެ.
މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމް މާލޭގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ޕޯޓާއި ކުޅުދުއްފުށި ސިޓީ ޕޯޓްގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.