ބ.ތުޅާދޫގައި މިރޭ ބޭއްވި ރައީސް އިބްރާހީމު މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލުސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރުކަން ވެސް ކުރައްވާ އިމްރާނު ވިދާޅުވީ އިދިިކޮޅު ކެންޑިޑޭޓު މުއިއްޒުގެ އެންމެ ބޮޑު ވައުދަކީ ވަކި މީހަކު ޖަލުން ނެރުމާއި ވަކި މީހެއްގެ ސިޔާސަތަށް ވެރިކަން ކުރުން ކަމަށެވެ.
އިމްރާނު ވިދާޅުވީ އެ ދެބޭފުޅުންގެ މާޒީއާއި ޓްރެކް ރެކޯޑަށް ބަލާލުމުން އެކަން ފެންނާނެ ކަމަށެވެ.
އިދިކޮޅު ކެންޑިޑޭޓުންނަށް ފާޑު ވިދާޅުވަމުން އިމްރާނު މިރޭ ވިދާޅުވީ ސިޔާސަތުތަކާއި ހިދުމަތުގެ ރެކޯޑާއި ހުރިހާ ކަމަށް ބަލާ އިރުވެސް ރައީސް ސޯލިހާ އަރާ ހަމަކޮށްލެވޭނެ އެއްވެސް ކެންޑިޑޭޓަކު ނެތް ކަމަށެވެ.
އިމްރާނުވަނީ ރައީސް ސޯލިހުގެ ރަނިންމޭޓަކަށް އައްޔަން ކުރައްވާފައިވާ އަސްލަމަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން އަސްލަމުގެ މަޖިލީހުގެ ހިދުމަތުގެ ރެކޯޑަށް އިޝާރާތް ކުރައްވާ އަސްލަމާ ރައީސް ސޯލިހުހާ ސިޔާސީ ގޮތުން ތަޖުރިބާ ވަރުގަދަ ބަޔަކު ރާއްޖޭގެ ވެރިކަމަށް އަދި ކުރިމަތިވެސް ލާފައި ނުވާ ކަމަށް އިމްރާނު ވިދާޅުވިއެވެ.