ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަމުންދާ ތައްޔާރީތަކާއި ބެހޭގޮތުން ދަ ޑިމޮކްރެޓްސް އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެވެސް މެމްބަރުކަން ކުރައްވާ އިމްތިޔާޒް ފަހުމީ ވިދާޅުވީ، ދުނިޔޭގެ ޕްރެސް ފްރީޑަމް އިންޑެކްސް ހާމަކުރުމަށް ނެރެމުންދާ ކޮންމެ ރިޕޯޓެއްގައި ވެސް ރާއްޖެ ދަނީ ދަށަށް ކަމަށާއި، އެހެންކަމުން ސަރުކާރުން ދައްކަވާ ވާހަކައާއި ކަމުގެ ހަގީގަތް އޮތްގޮތާއި ވަރަށް ތަފާތު ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، މިހާރު މިއޮތީ އެމްޑީޕީގެ ސަރުކާރެއްނަމަ، ދިވެހިރާއްޖޭގެ ރައްޔިތުން، އެރައްޔިތުންގެ ފަރުދީ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެއީ އެއްމެ ބޮޑަށް 'ޕްރިވެއިލްވެފަ' ވާ ކަންތައްކަމަށް އުއްމީދުކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ހިތާމައަކީ މިހާރު އެމްޑީޕީއަކީ މި ސިފަތައް ގެއްލިފައިވާ ޕާޓީއެއް ކަމަށްވުމާއި އަދި ސަރުކާރު ހިނގަމުންދަނީ މި ހުރިހާ އުސޫލުތަކާއި ހިލާފަށް ކަމަށްވެސް އިންތި ފާހަގަ ކުރެއްވިއެވެ.
މިސާލެއްގެ ގޮތުން އިންތި ދެއްކެވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ސަން ސިޔާމްގެ މައްސަލައެއްގައި "ދައުރު" ނޫހުގެ ނޫސްވެރިންތަކަކަށް މަރުގެ އިންޒާރު ދިންކަމަށް ބުނެ ރިޕޯޓް ކޮށްފައި ވާކަމަށާއި، އެމައްސަލަ ބެލުމަށް އެދި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އާޒިމް އެމައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅުއްވި ކަމަށާއި އެހެންނަމަވެސް މިއަދާއި ހަމައަށް ވެސް އެމައްސަލައަށް ވީގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ، އެއްމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުގެ އެއްމެބޮޑު އިސް އެއްބައިވެރިޔާގެ ފަރާތުން ނޫސްވެރިއަކަށް ގުޅާ މަރުގެ އިންޒާރު ދިނުން ކަމަށެވެ. އަދި މިކަމުން، ނޫސްވެރިން ނުވަތަ މީޑިއާގެ މިނިވަންކަން އޮތް މިންވަރު ވަޒަން ކުރެއްވޭނެކަމަށް އިންތި ވިދާޅުވިއެވެ.
ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް އާއްމުކުރަމުން އަންނަ ރިޕޯޓާސް ވިތްއައުޓް ބޯޑާސްގައި ވާގޮތުން، ދިވެހިރާއްޖޭގެ ޕްރެސް ފްރީޑަމް އިންޑެކްސްގެ ސްކޯ 2019 ވަނައަހަރާއި އަޅާ ބަލާއިރު ދަށަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން 2019 ގަ ރާއްޖޭގެ ޕްރެސް ފްރީޑަމް އިންޑެކްސްގެ ސްކޯ 67.84 ގައި ހުރިއިރު، މިހިނގާ 2023 ވަނައަހަރުގެ ސްކޯ ހުރީ 56.93 ގައި ކަން ފާހަގަކޮށްލެވެއެވެ.