ads
މާލޭ ސިޓީގައި ކެމްޕޭން ބެނާތަކެއް ދަމާފައި. ފޮޓޯ: ސަން
ތިމާވެއްޓަށް ގެއްލުން ނުވާގޮތަށް ކެމްޕޭން ކުރަން އީޕީއޭ އިން އަންގައިފި
ތިމާވެއްޓަށް ގެއްލުން ނުވާގޮތަށް ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ރާއްޖޭގެ ތިމާވެއްޓަށާއި ދިރޭތަކެއްޗަށް ގެއްލުންވާގޮތްގޮތަށް ކެމްޕެއިންގެ އެކި ހަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އަދި ކެމްޕެއިން ހަރަކާތްތަކުގައި ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ބައެއް ފަރާތްތަކުން ޢަމަލުކުރަމުންދާތީ، އެކަމާ އެ އޮތޯރިޓީ އިން ކަންބޮޑުވާ ކަމަށެވެ.

އީ.ޕީ.އޭއިން ބުނީ ރާއްޖެ އުފެދިފައިވާ ގޮތުންނާއި ރަށްތަކުގެ ރައްކާތެރިކަމަށް ނުހަނު މުހިއްމު ދައުރެއް އަދާކުރާ ރަށްރަށުގެ ވަށައިގެން ގުދުރަތީގޮތުން އުފެދިފައިވާ ފަރުގެ ސަރަހައްދުތަކުގައިވާ މުރަކަތަކަށް ގެއްލުންވާ ގޮތަށް ފަރުތައް ތޮރުފާ ނުވަތަ ހަލާކުކޮށްގެން ދިދަ ޖެހުމުގެ ބޭނުމުގައި ދަގަނޑު ހޮޅި ޖެހުން ފަދަ ކަންކަން ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. 

އޭގެއިތުރުން ބައެއް ރަށްރަށުގައި ހެދިފައިވާ ގަސްގަހާއި ގެއްސަށާއި ދުވަސްވީ އަދި ހިމާޔަތްކޮށްފައިވާ ބޮޑެތި ގަސްހާއި ގެއްސަށް ގެއްލުންވާ ގޮތަށް މޮހޮރު ޖަހައި، ބެނާތައް ހަރުކުރުމުގެ އިތުރުން ޖަނަވާރުތަކާއި ރުށްގަހަށް ސްޕްރޭކޮށް ދަވާދުފަދަ ތަކެތިލުން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އެކި އިވެންޓުތަކުގައި ގިނަ ޢަދަދަކަށް ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅި ބޭނުންކޮށް، ކުނީގެ ގޮތުގައި އުކާލާފައިވާ ކަމަށާއި އަދި މްޕެއިން ހަރަކާތްތަކަށް ބޭނުންކުރާ ބައެއް ލީފްލެޓާއި ޕޯސްޓަރުތަކާއި ކަރުދާސްތައް މަގުމައްޗަށް އުލާކާފައި ހުންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެހެންކަމުން ސިޔާސީ ޕާޓީތަކުންނާއި، ކެމްޕެއިން ހަރަކާތްތައް ހިންގާ އެންމެހައި ފަރާތްތަކުން ރައްޖޭގެ ތިމާވެއްޓަށް ގެއްލުންވާ ގޮތަށް މިފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އީ.ޕީ.އޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް