ޓާސްކްފޯސްގެ ފަރާތުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނީ ފްލޫ ކްލިނިކެއް ހެދުމުން ރޯގާގެ އަލާމާތްތައް ހުންނަ މީހުން ދަނީ އެތަނަށް ކަމަށެވެ.
އެހެންކަމުން ރޯގާ ޖެހިގެން އަންނަ މީހުންގެ އަދަދު ގިނަ ކަމަށް ދައްކާ ކަމަށެވެ. އަދި ކުރީގެ ތަފާސްހިސާބުތައް ނެތް ނަމަވެސް، މި ދުވަސްކޮޅު އާދައިގެ ރޯގާ ޖެހިގެން އަންނަ މީހުން ގިނަ ކަމަށް އެ ފަރާތުން ފާހަގަކުރި އެވެ.
އާދައިގެ ރޯގާ ހުންނަ މީހުންގެ ތެރެއިން ސީރިއަސްވާ މީހުން ވެސް ތަންކޮޅެއް ގިނަ ކަމަށާއި، ނޭވާލުމުގެ އިންފެކްޝަން ފަދަ ކަންކަމުގެ ސަބަބުން ބައެއް މީހުން އައިޖީއެމްއެޗުގައި އެޑްމިޓު ކުރަން ޖެހޭ ކަމަށް އެ ފަރާތުން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް 860 މީހަކު ފްލޫ ކްލިނިކަށް، 237 މީހަކު ޓްރެވަލް ކްލިނިކަށް އަދި 65 މީހަކު ބިދޭސީންގެ ކްލިނިކަށް ދައްކާފައި ވެއެވެ.
އޭގެ ތެރެއިން 121 މީހެއްގެ ސާމްޕަލް ޓެސްޓު ކުރިއިރު ނަތީޖާ ނެގެޓިވް ކަމަށް ވަނީ ދައްކާފަ އެވެ. އޭގެ އިތުރުން ރިސޯޓުތަކާއި ރަށްރަށުން ނެގި 35 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެ އެވެ.
ތަފާސްހިސާބަށް ބަލާއިރު މުޅި ރާއްޖެއިން ނެގި 463 ސާމްޕަލްގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 13 ސާމްޕަލެވެ. ނަމަވެސް އޭގެ ތެރޭގައި ދިވެއްސަކު ނުހިމެނެ އެވެ.