
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި މިރޭ ނޮޓިންހަމް ފޮރެސްޓާއި ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 3-2 ންނެވެ. މެޗުގައި ފުރަތަމަ ދެލަނޑު ޖަހާ ލީޑު ނެގީ ނޮޓިންހަމްއިންނެވެ.
ފުރަތަމަ ހާފުގެ ދެވަނަ މިނެޓިގައި ނޮޓިންހަމްގެ ޓައިވޯ އަވޯނިޔީ އެޓީމަށް ލީޑު ނަގައިދިންއިރު، އޭގެ ދެމިނެޓު ފަހުން ވިލީ ބޮލީ ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކްރިސްޓެން އެރިކްސަން ވަނީ ލަނޑެއްޖަހާ އެޓީމަށް އުންމީދު ހޯދައިދީފައެވެ.
ޔުނައިޓެޑުން ބާކީ ދެލަނޑު ޖެހީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް ކަސެމީރޯ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިންއިރު، ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. ބްރޫނޯ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ.
މި ނަތީޖާއާއެކު ޖުމްލަ ހަ ޕޮއިންޓު ހޯދައިގެން ޔުނައިޓެޑް ތާވަލުގެ ހަވަނާގައި އޮތްއިރު، މެޗުން ބަލިވި ނޮޓިންހަމް ތިން ޕޮއިންޓާއެކު އޮތީ 14 ވަނާގައެވެ.