ލ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ރައީސް މިރޭ ވަޑައިގެންނެވީ ލ.ފޮނަދުއަށެވެ. އެރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 2018 ވަނަ އަހަރު ކެމްޕޭނަށް އެރަށަަށް ވަޑައިގެންނެވުމުން ތަފާތު އެކި އުނދަގޫތައް ކުރިމަތި ކުރުވި ކަމަށެވެ.
ރައީސް ވިދާޅުވީ އެ ދުވަހު ހަރުގެއަށް ދިއުމަށް އެ ހިސާބަށް ދިޔަ އިރު ފޮނަދޫގެ މަގު ހަދަން އެރަށަށް ގެންގޮސްފައިވާ ހެވީ ވެހިކަލުތައް ހުރަސް އެޅުމަށް މަގުގައި ބަހައްޓައި، ހަރުގެ ކުރިމަތި ކޮނެ ބޮޑު ވެލި ފުންޏެއް ޖަހާފައި ހުރި ކަމަށެވެ. އެންމެ ފަހުން އެ ދުވަހު އެމަނިކުފާނު އެއްވެފައި ތިބި މީހުންނާއި މުހާތަބު ކުރެއްވީ ވެލިފުނީގެ މަތީގައި ހުންނަވައިގެން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
2018 ގެ އެހަނދާންތަކާއެކު ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ހަރަކާތް ކޮންމެ ބަޔަކަށް ވެސް ހިންގެން ވާނެ ކަމަށާއި އެ ފުރުސަތު ފަހިކޮށްދިނުމަށް އެ ދުވަހު ހިތްޕުޅަށް އަރާވަޑައިގެންނެވި ކަމަށެވެ. ކެމްޕޭނަށް މިއަދު ފޮނަދުއަށް ވަޑައިގެންނެވި އިރު އެކަންތައްތައް ބަރާބަރަށް ތަންފީޒު ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ސޯލިހު ވިދާލުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުން ރަށްރަށަށް އަރާ ބައްދަލުވުންތައް ބާއްވާ ހަދަމުންދާ އިރު ގިނަ ރަށްރަށަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް ރަށްރަށް ކަމަށެވެ. ރައީސް ސޯލިހުވަނީ އެމަނިކުފާނާއި އެމްޑީޕީ ކޯލިޝަނުން ކުރަމުން ގެންދަނީ ކޫލް ކެމްޕޭނެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ހިންގުމުގައި ވެސް ހިޔާލާ ފިކުރަށް، ކުޑަ ބޮޑު މިނަށް ނުބަލާ ކަމަށެވެ. ކެމްޕޭނާ ޖެހެންދެން ރަށްރަށުގެ ކައުންސިލުތަކާއި ކައުންސިލުތަކުން އެދޭ ތަރުތީބުން ބައްދަލު ކުރަމުން ގެންދެވި ކަމަށާއި އެ ބައްދަލުކުރުންތަކުގައި ވެސް ކައުންސިލަރުން ތިބީ ކޮން ސިޔާސީ ފިކުރަކަށްތޯ ބަލައިގެން އެއްބެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރޭ ލ.ގަމުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހުވަނީ ގަމާއި ފޮނަދޫގައި ބޮޑެތި މަޝްރޫއުތަކެއް ހިންގެވުމަށް ވައުދުވެވަޑައިގެންފައެވެ. އެ ވައުދުތައް ރައީސް ސޯލިހު މިރޭ ތަކުރާރު ކުރެއްވެވިއެވެ. އޭގެއިތުރުން ގަމާއި ފޮނަދޫގައި ކޮމާޝަލް ސީޕޯޓެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ފޮނަދޫއަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތައް:
1. ސަރުކާރުގެ އޮފީސްތައް އެއްފުރާޅެއްގެ ދަށަށް ބަދަލު ކުރުމަށް އޮފީސް ކޮމްޕްލެކްސްއެއް އެޅުން،
2. ސުޚުލަށް ބޭނުންވާ އޮފީސް އިމާރާތާއި، އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުން،
3. ދެވަނަ ފިޔަވައްސެއްގެ ދަށުން ނުހެދި ހުރި މަގުތައް ހެދުން،
4. ފޮނަދޫގައި އިތުރު ހައުސިން ޔުނިޓު ހެދުން،
5. ސިއްހީ މަރުކަޒު މިނީ ހޮސްޕިޓަލަކަށް ބަދަލު ކުރުން،
6. ބަނދަރަށް ބަދަލު ގެނެސް ބޭރު ތޮށި ބޭނުން ކުރެވޭ ގޮތް ހެދުން،
7. މޫދަށް އެރެވޭނެ ސަރަހައްދެއް ގާއިމު ކުރުން،
8. އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން.