އާބަންކޯއިން ބުނީ މި އެރީނާ ތަރައްގީ ކުރެވިގެން ދާނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގައި ކަމަށެވެ. އެގޮތުން ތިލަފުށިން 10 ހެކްޓަރުގެ ބިން މި މަޝްރޫއަށް ހާއްސަކުރެވިގެން ދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ތިލަފުށީގައި މޮޓޯ ސްޕޯޓްސް އެރީނާ ތަރައްގީކުރުމުގެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްމޫން އަހުމަދެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރޭސިންގް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝާމިހްވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އާބަންކޯއިން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރޭސިންގް އެސޯސިއޭޝަންގެ ރައީސް ވިދާޅުވެފައިވަނީ އެ ތަނުގައި ހަމައެކަނި ރޭސްޖެހުމުގެ ބަދަލުގައި މޮޓޯ ސްޕޯޓްސްގެ އެކި ޑިސިޕްލިންތައް ކުޅެވިގެންދާނެ ކަމަށެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނަށް އެކަށޭނެ ސަރަހައްދެއް މޮޓޯ ސްޕޯޓްސްއަށް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދަދިނުން ކަމަށް އާބަންކޯއިން ބުނެެއެވެ.