ads
ކެމްޕޭނަށް ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސްގެ ޓީމް ނޮޅިވަރަމުގައި
ފެނަކައަކީ އާމްދަނީ ހޯދަން އޮތް ކުންފުންޏެއް ނޫން: ރައީސް
ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، "ފެނަކަ ކޯޕޮރޭޝަން" އަކީ ކޮންމެހެން ދައުލަތަށް އާމްދަނީ ހޯދުމަށް އުފައްދާފައިވާ ކުންފުޏެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

ރިޔާސީ އިންތިހާބާއި ދިމާކޮށް، ފެނަކަ ކުންފުނި ބޭނުންކޮށްގެން އެތައްބަޔަކަށް ވަޒީފާގެ ފުރުސަތުތައް ދެމުންގެންދާކަމަށް ބުނެ، އިދިކޮޅު ފަރާތްތައް ކުރައްވަމުންގެންދަވާ ތުހުމަތުތަކަށް ރައްދުދެއްވައި، ރައީސް ސޯލިހު މިއަދު ހދ. ނޮޅިވަރަމު ގައި ވިދާޅުވީ، ފެނަކަ ކުންފުނި އުފައްދާފައިވަނީ ދައުލަތަށް އާމްދަނީ ހޯދުމަށް ނޫންކަމަށާއި، އެކަމަކު އެއީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. 

ފެނަކައަކީ ހަމައެކަނި ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ އިތުރުން އައިސްޕްލާންޓް ހިންގަނީ އެ ކުންފުނިިން ކަމަށާއި އެ ކަންކަމަށް މުވައްޒަފުން ބޭނުންވާ ކަމަށެވެ. 

"މި ހުރިހާ ކަމަކަށް މުވައްޒަފުން ބޭނުންވޭ. ފެނަކަ އަކީ ހަމައެކަނި ކަރަންޓު ދޭ ބަޔެެއް ނޫނޭ. އަނެއްކާ އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ފެނަކަ އަކީ މާ ބޮޑު ފައިދާއެއްވާ ތަނަކަށް ހަދާކަށް. އެއީ އަސާސީ ހިދުމަތް ދޭ ސަރުކާރުގެ ކުންފުންޏެއް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވީހާ ވެސް ގިނަ ބަޔަކަށް ވަޒީފާ ދީ، އެ ކުންފުންޏަށް ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅު ޖެހޭ ވަރު ވާ ނަމަ، އެ ވަރުން ފުދޭ ކަމަށެވެ.

ފެނަކަ ކޯޕޮރޭޝަނާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި ސަރުކާރު ކުންފުނިތައް ބަލަހައްޓަވާ  ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ވެސް ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. މިގޮތުން ޕީސީބީގެ 2022 ވަނައަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަން ހާމަވެއެވެ.

މީގެ އިތުރުން، ފެނަކަ ކޯޕޮރޭޝަން އިން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ކަމަށް ބުނެ، ބައެއް ވިޔަފާރުތަކުން ވަނީ އެމައްސަލަތައް މީޑިއާތަކުގެ ސަމާލުކަމަށްގެނައުމަށް ޕްރެސް ކޮންފަރެންސްތަކެއް ބާއްވާފައި ކަންވެސް ފާހަގަކޮށްލެވެއެވެ. 

މީގެ އިތުރުން، ފެނަކަ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުފުޅުތައް ބަހައްޓަވާކަމަށް ބުނެ، އޭސީސީއަށް ވެސް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް